ހަބަރު

ދީނާ ހިލާފު ވޯކްޝޮޕްތަކާ ގުޅިގެން ކުއްލި މައްސަލައެއް، އެޖެންޑާއެއް ނުކުރި

ރާއްޖޭގެ ބައެއް ރަށްރަށުގައި ބޭއްވި ވޯކް ޝޮޕްތަކެއްގައި ދީނާ ހިލާފު ސެޝަންތަކެއް ނަގައިދިން މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވެއްދި ކުއްލި މައްސަލައެއް އެޖެންޑާކޮށް ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ވެއްދީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އެކަމަކު މޮސްޓާ އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅަން ރިޔާސަތުން ފުރުސަތު ދިނުމުގެ ކުރިން މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަން ފެއްޓެވި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މެންބަރު މޮސްޓާގެ ކުއްލި މައްސަލައިގެ ކަރުދާސް އޭނާއަށް ދެންމެ ލިބިވަޑައިގަތުމުން އެ މައްސަލައެއް ކިޔުއްވުމުން އެއީ ކުއްލި މައްސަލައެއް ގޮތުގައި އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދު ވެސް އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަން ޖާގަ ނުދޭ ކަމަށެވެ. އާޒިމްގެ ފަހުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް އެ ކަން ފާހަގަ ކުރެއްވި އެވެ.

އެކަމަކު މަޖިލީހަށް ހުށަހެޅިގެން އުޅެނީ ކޮން ކުއްލި މައްސަލައެއް ކަމެއް އެމްޑީޕީގެ އެއްވެސް މެންބަރަކު ވިދާޅެއް ނުވެ އެވެ. މެންބަރު މޮސްޓާއަށް ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް ނުދިންއިރު، މަޖިލީހުގެ ރައީސް ނަޝީދު ވެސް ސީދާ މައްސަލަ ވިދާޅެއްނުވި އެވެ.

ނަޝީދު ދެން ވިދާޅުވީ، އެމްޑީޕީގެ ބައެއް މެންބަރުން އެ ކަމާ ދެކޮޅު ހެއްދެވުމުން "މި އުޅެނީ ކޮންފަދަ މައްސަލައެއްބާއޭ މަޖިލިސް ބަލަން ތިބި މީހުން ހިތަށް އަރާނެ" ކަމަށެވެ. އެއިރު ވެސް މައްސަލަ ވިދާޅުނުވެ، ވިދާޅުވީ އާންމު ގޮތެއްގައި ކުއްލި މައްސަލައެއް އައުމުން މައްސަލަ ކުރިއަށް ގެންދާ ކަމަށެވެ. އެކަމަކު މެންބަރަކު އިއުތިރާޒު ކުރުމުން މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ގާނޫނީ ލަފައެއް ހޯއްދަވަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދެން ނިޒާމީ ނުކުތާއެއް ނެންގެވީ އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެވެ. ޝިޔާމް ވިދާޅުވީ ހުށަހެޅިފައިވާ މައްސަލައަކީ މަޖިލިހުން ބަލައިގަނެ މެންބަރުން ބަހުސް ކުރައްވަން ޖެހޭ ކުއްލި މައްސަލައެއް ކަމަށެވެ.

ޝިޔާމް ދެން ހުށަހެޅިފައިވާ މައްސަލަ ވިދާޅުވި އެވެ. އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލާދީނީ ފިކުރު ފަތުރަން ބަޔަކު ވޯކްޝޮޕްތަކެއް ބާއްވައި އެ ކަމަށް މަސައްކަތް ކުރުމުން ސަރުކާރުން މިހާތަނަށް ވެސް ފިޔަވަޅު އަޅާފައި ނުވާތީ ހުށަހެޅި މައްސަލައެއް ކަމަށެވެ. އެއީ ސަރުކާރުގެ ސަމާލު ކަމަށް ގެނަން ޖެހޭ ކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކައަށް ފަހުގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ ލަފާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ލަފާ ދެއްވީ އެ މައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމެއް ކަމަށެވެ. އެއީ ކުއްލި މައްސަލައެއް ގޮތުގައި ބެލެން އޮތް މައްސަލައެއް ނޫން ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވުމަށް ފަހު، މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހުރި ބައެއް ބިލުތަކުގެ އިބްތިދާއީ ބަހުސްގެ މަރުހާލާ ކުރިއަށް ގެންދަވަން ފެއްޓެވި އެވެ.

ހދ. ހަނިމާދޫގައި ބޭއްވި ވޯކްޝޮޕެއްގައި ދިނާ ހިލާފު ސެޝަންތަކެއް ނެގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދައްކަން ފެށުމުން އިސްލާމިކް މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ވެސް ނޫސް ބަޔާނެއް ނެރުނެވެ. އެ ނޫސް ބަޔާނުގައި ބުނެފައިވަނީ، އެ ވޯކްޝޮޕާ ގުޅިގެން ސޯޝަލް މީޑިއާގައި ފަތުރަމުޖން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ފަރުދުންގެ މެދުގައި ދީނީ ގޮތުން ހިޔާލު ތަފާތުވާ ވަގުތުތަކުގައި އެއް ބަޔަކަށް "ލާދީނީ" ގޮތުން ފަދަ ކަންކަމަކީ މީހުންގެ މެދުގައި ނަފުރަތާއި ބައިބައިވުން އުފެދޭ ކަމަކަށްވާތީ އެ ކަން ހުއްޓުވުމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.