ދިޕިކާ ޕަދުކޯން

"ކްރިޝް 4"ގެ ބަތަލާއަކަށް ދީޕިކާ ސޮއި ކޮށްފާނެތަ؟

"ވޯ" ބަލާފައި ރިތިކް ރޯޝަން ދެކެ ލޯބިވެއްޖެ ކަމަށް ބުނެ ދީޕިކާ ޕަދުކޯން ކުރި ޓުވީޓާއެކު ވަރަށް ގިނަބަޔަކު މި ދެ ތަރިން އެކުގައި ފިލްމެއް ކުޅެން އެދެން ފެށި އެވެ. ދީޕިކާގެ 10 ވަރަކަށް އަހަރުވީ ފިލްމީ ކެރިއަރުގައި މިހާތަނަށް ރިތިކް އާއެކު ފިލްމެއް ކުޅެފައި ނެތުމާއި މި ދެ އެކްޓަރުން ވެސް ދިގުވެފައި ރީތިކަމުން ވަރަށް ގުޅޭ ފިލްމީ ޖޯޑަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަންގެ "ކްރިޝް 4"ގެ ބަތަލާގެ ރޯލު ދީޕިކާ އަށް ހުށަހަޅައިފިކަމަށް ވަރަށް ފަހުން އިންޑީޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް ދީޕިކާ ބުނި ގޮތުގައި އޭނާއަށް މީ މުޅިން އާ ޚަބަރެކެވެ. އެފަދަ އެއްވެސް ހުށަހެޅުމެއް އޭނާއާ ހިސާބަކަށް ނާދެ އެވެ. ރިތިކް އަށް ތައުރީފުކުރަމުން ދީޕިކާ ބުނެފައިވަނީ ކޮންމެ ދުވަހަކުން ރިތިކް އާއެކު ފިލްމެއް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.

ރިތިކް ހޮލީވުޑް ފިލްމު ކުޅެން ޝައުގުވެރިވެ އެޖެންސީއަކަށް ސޮއިކުރި ޚަބަރުތަކެއް ވެސް ވަރަށް ފަހުން ވަނީ ފެތުރިފަ އެވެ. އަދި އޭނާ ލައްވާ ފިލްމު ކުޅުވަން ޝައުގުވެރިވާ ވަރަށް ގިނަ ފަރާތްތައް ހޮލީވުޑްގައި އެބަ ތިބި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އެހެންކަމަށް ވާނަމަ ދެން ރިތިކް މާ ގިނަ ހިންދީ ފިލްމުތަކުން ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ރިތިކްގެ އެންމެ ފަހުގެ ރިލީޒް ކަމަށްވާ "ވޯ"އަށް ފަހު ރިތިކް އެއްވެސް ފިލްމެއް ކުޅެން ސޮއިކޮށްފައެއް ވެސް ނުވެ އެވެ. ނަމަވެސް ދީޕިކާ އަށް އަދިވެސް "ކްރިޝް 4" ކުޅެން ލިބުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މި ފިލްމުގެ ޕްރޮޑިއުސަރު-ޑައިރެކްޓަރަކީ ރިތިކްގެ ބައްޕަ އަށް ވެފައި އޭނާއަށް ކެންސަރު ޖެހިގެން ބަލިވެ އުޅޭތީ ފިލްމުގެ މަސައްކަތް އަދި ފެށޭނެ ދުވަހެއް ވެސް ވަނީ އިއުލާން ނުކޮށެވެ.

ކޮންމެއަކަސް ދީޕިކާ އާއި ރިތިކްގެ ފޭނުން ބޭނުންވަނީ "ކްރިޝް 4" ގައި މި ދެ ތަރިން އެކުގައި މަސައްކަތް ކުރުމަށެވެ. ފަހަރެއްގައި ފޭނުން އެދޭ ގޮތަށް ރާކޭޝް ރޯޝަން ވެސް ބޯލެނބުމަކީ ހަމަ އެކަށީގެންވާ ކަމެއް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.

ދީޕިކާ މިވަގުތު މަސައްކަތް ކުރަމުން ދަނީ ޝަކުން ބަޓްރާ ޑައިރެކްޓްކުރާ އަދި ވަކި ނަމެއް ނުކިޔާ ފިލްމެއްގަ އެވެ. މި ފިލްމުގައި އޭނާއާއެކު ހަރަކާތްތެރިވަނީ ސިދާންތު ޗަތުރަވޭދީ އާއި އަނަންޔާ ޕާންޑޭ އެވެ. އަދި ފިރިމީހާ ރަންވީރު ސިންގް ކުޅޭ އިންޑިއާގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ކަޕިލް ދޭވް ބައޮޕިކް "83"ގައި ވެސް ކަޕިލްގެ އަންހެނުންގެ ރޯލުން ދީޕިކާ ފެންނާނެ އެވެ.