ރައްޔިތުންގެ މަޖިލިސް

ބިލުތަކަށް ހިޔާލު ހޯދަން މަޖިލީހުގައި އާންމު ބައްދަލުވުންތައް ބާއްވަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް އާންމުންގެ ހިޔާލު ހޯދަން މަޖިލީހުގެ އިދާރާގައި އާންމު ބައްދަލުވުންތައް ބާއްވާ ގޮތަށް ހަމަޖެއްސުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރޭގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލަކަށް އާންމުންގެ ހިޔާލު ހޯދަން މަޖިލީހުގެ ގަވާއިދު ލާޒިމު ކުރާ ކަމަށެވެ.

އަދި ވިދާޅުވީ އެ ފުރުސަތު ފުޅާ ކުރުމުގެ ގޮތުން މަޖިލީހުގެ އާންމު ކޮމިޓީގެ މުގައްރިރު ހަސަން ލަތީފާއި މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ އާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާއާއެކު އެމަނިކުފާނު މިދިޔަ ހަފުތާގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި ގޮތުން މަޖިލީހުގެ އާ އިމާރާތުގެ ހޯލެއްގައި އާންމު ބައްދަލުވުންތަކެއް ރޭގަނޑުގެ ވަގުތެއްގައި ކުރިއަށް ގެންދާ ގޮތަށް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެ ބައްދަލުވުންތަކުގައި ބިލު ހުށަހަޅުއްވާ މެންބަރާއި، ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިމެއް ނަމަ ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރާއި، ސަރުކާރު ފަރާތުން މައުލޫމާތު ދޭނެ ބޭފުޅުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިހާރު އާންމުންގެ ހިޔާލު ހޯދަނީ މަޖިލީހުން އެ ކަމަށް އިއުލާން ކުރުމުން ވަކި މުއްދަތެއްގެ ތެރޭގައި މަޖިލީހަށް ހިޔާލު ފޮނުވޭ ގޮތަށެވެ. އެ ގޮތަށް ހިޔާލު ފޮނުވަން ޖެހެނީ ލިޔުމަކުންނެވެ. މަޖިލީހުގެ އިދާރާއިގެ އިތުރަށް އިމެއިލް މެދުވެރިކޮށް ހިޔާލު ފޮނުވެ އެވެ. ހިޔާލަށް ފުރުސަތު ހުޅުވާލަނީ ބިލެއް ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވުމަށް ފަހުގަ އެވެ.