ވިލާ ކޮލެޖުގެ މި އަހަރުގެ ސްކޮލާޝިޕް ސްކީމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ވިލާ ކޮލެޖު ސްކޮލާޝިޕް ސްކީމަކީ 2016 ވަނަ އަހަރުން ފެށިގެން އެ ކޮލެޖުގައި ހިލޭ މަތީ ތައުލީމް ހާސިލް ކުރަންް އަހަރަކު އެއްފަހަރު ފުރުސަތުތަކެކެވެ. އެ ސްކޮލާޝިޕަށް ކުރިމަތިލެވޭނީ ހަތަރު ދާއިރާއަކުންނެވެ.
ސްކޮލާޝިޕް ސްކީމްގައި ހިމެނޭ ދާއިރާތައް
ވިލާ ކޮލެޖު އޯޕަން ސްކޮލާޝިޕް
މި ކެޓެގަރީން ހުޅުވާލަވިފައި ވަނީ ތިން ސްކޮލާޝިޕެވެ. އެއީ ފައުންޑޭޝަން ފެންވަރުގެ ސްކޮލާޝިޕަކާއި ޑިގްރީ ފެންވަރުގެ ސްކޮލާޝިޕަކާއި އަދި މާސްޓާސް ފެންވަރުގެ އެއް ސްކޮލާޝިޕެވެ.
ވިލާ ކޮލެޖުން ބުނީ ހުޅުވާލާފައިވާ މި ދާއިރާތަކުން ޝަރުތު ހަމަވާ ކޮންމެ ދިވެއްސަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. ސްކޮލާޝިޕަށް ދަރިވަރުން ހޮވުމުގައި ބަލާނީ ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ.
ވިލާ ކޮލެޖު ނުވަތަ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ސްކޮލާޝިޕް
ކޮންމެ އަހަރަކު ވެސް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްއިން އޭލެވެލް ހަދާ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް ވިލާ ކޮލެޖުގައި ޑިގްރީ ހަދަން ދެ ފުރުސަތު ހުޅުވާލަ އެވެ. މި ސްކޮލާޝިޕަށް ދަރިވަރުން ހޮވުމުގައި ބަލަނީ ކުރިމަތިލާފައިވާ ދަރިވަރުންގެ ތެރެއިން އޭލެވެލުން އެންމެ މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ. މި ދާއިރާއިން ސްކޮލަޝިޕަށް ކުރިމަތި ލެވޭނީ ވީއައިއެޗްއެސް އިން އޭލެވެލް ނިންމިތާ ގިނަވެގެން ދެ އަހަރުވެފައިވާ ދަރިވަރުންނަށެވެ.
ވިލާ ކޮލެޖު ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލާޝިޕް
މިއީ ވިލާ ކޮލެޖުގެ އަތޮޅުތަކުގެ ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ ދާއިރާއެކެވެ. އެގޮތުން އަތޮޅުތަކުގެ ކެމްޕަސްތަކުގެ ތެރެއިން 50 އާއި 100 އާ ދެމެދުގެ އަދަދަކަށް ދަރިވަރުން ކިޔަވާ ކެމްޕަސްތަކަށް އެއް ފުރުސަތު، ދޭނެ އެވެ. އަދި 100 އާއި 150 އިން މަތީ އަދަދަކަށް ދަރިވަރުން ކިޔަވަމުން އަންނަ ކެމްޕަސްތަކަށް ދެ ފުރުސަތު ދޭނެ އެވެ، ފައުންޑޭޝަނާއި ޑިގްރީ އަދި މާސްޓާސް ކިޔަވާ ދަރިވަރުންނަށް ވެސް މި ފުރުސަތު ލިބޭނެ އެވެ. މި ދާއިރާއިން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލުމަށްޓަކައި ހަވާލު ކުރަނީ ރަށް ރަށުގެ ކައުންސިލް ތަކަށެވެ.
ވިލާ ކޮލެޖު އެލަމްނައި ސްކޮލާޝިޕް
ވިލާ ކޮލެޖުން ކިޔެވުން ނިންމި ދަރިވަރުންނަށް އަމާޒުކޮށް މި ދާއިރާގައި މާސްޓާސް ފެންވަރަށް ކިޔެވުމަށް އެއް ފުރުސަތާއި، ޑިގްރީ ފެންވަރަށް ކިޔެވުމަށް ފުރުސަތެއް ދޭނެ އެވެ. ދަރިވަރުން ހޮވުމުގައި ބަލާމީ ކުރިމަތި ލައިފައިވާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ހޯދާފައިވާ، ވިލާ ކޮލެޖުގެ މުސްކުޅި ދަރިވަރުންނަށެވެ.
މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ކުރިމަތި ލެވޭ ގޮތަށް ހުޅުވާލާ މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހެވެ.