ހަބަރު

ފިލި މައްސަލާގައި ބާޣީ ލުތުފީއަށް ދައުވާކޮށްފި

Mar 2, 2020
7

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން ލަންކާގައި އުޅުނު މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ދައުވާކޮށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބާޣީ ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނައަރީ 2010 ގަ އެވެ. އޭގެ ފަހުން ބާޣީ ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގަ އެވެ. ނަމަވެސް އޭގެ ނުވަ އަހަރުފަހުން މިއަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ލަންކާގައި ބޮންގޮއްވި ހާދިސާއާއި ގުޅިގެން ބާޣީ ލުތުފީ ވަނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ވަދެ އެމްބަސީގެ ހިމާޔަތް ހޯދާފަ އެވެ.

އެ މައްސަލާގައި ޕްރެޝަރު ބޮޑުވެ ފަހުން ސަރުކާރުން ވަނީ އޭނާ ރާއްޖެ ގެނެސް ޖަލަށް ލައިފަ އެވެ. އަދި ފިލި މައްސަލާގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ބާޣީ ލުތުފީގެ މައްޗަށް ގާނޫންއުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން، މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އޮފީހުން އިތުރަށް ބުނީ ބާޣީ ލުތުފީގެ މައްޗަށް ދައުވާކޮށްފައިވަނީ އެއް އަހަރު ދުވަހަށް ދޫކޮށްފައިވާ ޓެމްޕްރަރީ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން ބޭސް ފަރުވާ ކުރުމަށްޓަކައި، 16 ޖަނަވަރީ 2010 ވަނަ ދުވަހު އިންޑިއާ ދިއުމަށްފަހު، 1 މެއި 2019 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ އިދާރާތަކަށް އެންގުމަކާނުލައި ރާއްޖެއަށް އެނބުރި ނައިސް ފިލައިގެން އުޅެފައިވާ މައްސަލާގައި ކަމަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި ހަމަލާތައް ދިން އިރު ރާއްޖެ އެރި އެ ޖަމާއަތުގެ ކުލީ ސިފައިންނާއެކު އިސްވެ އައީ ލުތުފީ އެވެ. އެ ހާދިސާގައި ޝަހީދުވީ އާންމުގެ ތެރެއިން 11 މީހަކާއި ސިފައިންގެ އަށް މީހެކެވެ.

އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހުކުމް ރައީސް މައުމޫން ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރި އެވެ. ބާޣީ ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒުކޮށްފައި ވަނީ 21 އަހަރެވެ.