ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ރާއްޖެއިން ކޮރޯނާ ފެނިއްޖެ ނަމަ އަމަލު ކުރާނެ ގޮތުގެ މައުލޫމާތު ރައީސް ހޯއްދަވައިފި

Mar 2, 2020
5

ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ފަހުގެ މައުލޫމާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޮޅުންފިލުއްވައި އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިރުޝާދު ކަމާބެހޭ ފަރާތްތަކަށް ދެއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ކެބިނެޓުގެ ބައެއް ވަޒީރުންނާއި ކަމާބެހޭ އިދާރާތަކުގެ ވެރިންގެ އިތުރުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއް މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން މިހާރު ދުނިޔެއަށް ފެތުރެމުންދާ މިންވަރާއި، ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އޭގެ އަސަރުކޮށްފައިވާ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ޕްލޭންތަކާއި ތައްޔާރީތަކުގެ ފަހުގެ މައުލޫމާތު ރައީސް އޮޅުންފިލުއްވެވި ކަމަށެވެ.

މިއަދު ވެސް ރައީސް ވަނީ ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމާއި، ހާއްސަކޮށް މި ވައިރަސްގެ ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން ސަމާލުކަން ދޭންވީ ކަންކަމުގެ މައުލޫމާތު ފުޅާ ދާއިރާއެއްގެ އާންމުންނަށް ފޯރުކޮށްދޭން އިރުޝާދު ދެއްވާފައެވެ.