ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މުޅި ދުނިޔެ އޮތީ ކުރިން ނުދެކޭ ފަދަ ހާލަތެއްގައި: ޑަބްލިޔުއެޗްއޯ

Mar 3, 2020

ޗައިނާ އިން އުފަންވެގެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިހާރު ފެތުރެމުންދާ އާ ކޮރޯނާ ވައިރަހުގެ ސަބަބުން ކުރިން ނުދެކޭ ފަދަ ހާލަތަކަށް މުޅި ދުނިޔެ ވެއްޓިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

"ކޮވިޑް-19" ގެ ނަން ދީފައިވާ އާ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި ޗައިނާއާ އަޅާ ބަލާއިރު، އެ ވައިރަސް އެހެން ގައުމުތަކުގައި މިންވަރު އެތައް ގުނައެއް މިހާރު ވަނީ އިތުރުވެފަ އެވެ.

އެ ވައިރަސް "ތަފާތު" ކަމަށް ޑަބްލިޔުއެޗްއޯއިން ވެސް އެއްބަސްވެފައިވީ ނަމަވެސް، އަދިވެސް އެ ވައިރަސް އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނެކަމަށް އެ ޖަމިއްޔާ އިން ގަބޫލުކުރެ އެވެ.

ޑަބްލިޔުއެޗްއޯ އިން އިތުރަށް ބުނި ގޮތުގައި އެ ވައިރަހަކީ "އެއްކޮޅަށް ދުއްވޭ މަގެއް" ނޫން ކަމަށެވެ. އަދި ކޮންމެ ގައުމަކުން ވެސް އެ ވައިރަސް ފެތުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފިނަމަ އަދިވެސް މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ އެ ވައިރަހާ ދެކޮޅަށް ހުރިހާ ގައުމަކުން އެއް ފިޔަވަޅެއް އަޅައިގެން އެ މަގުސަދު ހާސިލުނުވާނެ ކަމަށާއި، ވައިރަސް ފެތުރުން ހުއްޓުވުމަށް ކޮންމެ ގައުމަކުން ވެސް އެ ގައުމެއްގެ ހާލަތާ ގުޅޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅަންޖެހޭނެ ކަމަށެވެ.

އެ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 90،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، ޗައިނާގެ އެތެރޭގައި އެ ބަލި ފެތުރޭ މިންވަރަށް ހަލުވި މިނުގައި ދުނިޔޭގެ އެހެން ހިސާބުތަކުގައި ފެތުރޭކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ.

ނަމަވެސް، އޭގެ ތެރެއިން ގިނަ ކޭސްތައް ސީރިއަސް ނޫން ކަމަށާއި، އެ ވައިރަސް ޖެހިގެން މީހުން މަރުވާ ރޭޓް އަދިވެސް ހުރީ ދެ ޕަސަންޓާއި ފަސް ޕަސަންޓާ ދެމެދުގައިކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

ޑަބްލިޔުއެޗްއޯ އިން އިތުރަށް ބުނީ އެ ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސް މީހުންގެ އިތުރުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ކަމަށެވެ.