ރައްޔިތުންގެ މަޖިލިސް

މިއަދު ވެސް ކުއްލި މައްސަލައެއް އެޖެންޑާއެއް ނުކުރި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައެއް ވެސް އެޖެންޑާ ނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ވެސް ކުއްލި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު މަޖިލީހުގެ ގަވާއިދުގެ ކުއްލި މައްސަލައާ ގުޅުން ހުރި މާއްދާއާ އެ ކުއްލި މައްސަލަ ހިލާފުވުމުން އެ މައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމަށެވެ.

އެ ކުއްލި މައްސަލާގައި ވަނީ ކޮން ކަމެއް ކަން އަދި އެ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވީ ކޮން މެންބަރެއް ކަމެއް ވެސް ރައީސް ނަޝީދު ވިދާޅެއް ނުވެ އެވެ.

ކުއްލި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނަޝީދު އިޝާރާތް ކުރެއްވި މާއްދާގައި ބުނެފައި ވަނީ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަ އަކީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ސަރުކާރުން އުފުލަން ޖެހޭ ޒިންމާއަކާ ގުޅުން ހުރި ކަމަކަށް ވާން ޖެހޭ ކަމަށެވެ. އަދި އެއީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައަކަށް ވެސް ވާން ޖެހޭ ކަމަށެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައެއް ވެސް ރައީސް ނަޝީދު އެޖެންޑާއެއް ނުކުރައްވަ އެވެ. އެ ޖަލްސާގައި ވެސް ހުށަހެޅިގެން އުޅެނީ ކޮން ކުއްލި މައްސަލައެއް ކަމެއް ނަޝީދު ވިދާޅެއް ނުވެ އެވެ. އެކަމަކު ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ޝިޔާމް ފަހުން ވަނީ ތަޅުމުގައި އެއީ ކޮން މައްސަލައެއް ކަން ވިދާޅުވެފަ އެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ ކުއްލި މައްސަލާގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލާދީނިއްޔަތު ފަތުރާ ވޯކްޝޮޕްތަކެއް ބާއްވަމުންދާތީ ސަރުކާރުގެ ސަމާލު ކަމަށް އެ ކަމަށް ގެނައުމަށެވެ.

މި ވޯކްޝޮޕްތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ދައްކަމުން ދަނީ ހަގީގަތާ އެއް ގޮތް ވާހަކަތަކެއް ނޫން ކަމަށް ބުނެ އެމްޑީޕީން ވަނީ ނޫސް ބަޔާނެއް ވެސް ނެރެފަ އެވެ. އަދި ނަފުރަތު އުފެއްދުމުގެ ގޮތުން މީހުންނަށް "ލާދީނީ" ގޮވުމާއި ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުން ހުއްޓާލުމަށް އެމްޑީޕީގެ ނޫސް ބަޔާނުގައި ގޮވާލާފައިވެ އެވެ.