(1 މާރިޗު 2020 އާ ގުޅޭ)
"އަހަރެން ތިހެން އުޅޭނަމޭ... ޒެއްލު އޭނާއާ ނުގުޅޭތި، އަހަރެން ޒެއްލު ބޭނުންވާހެން އުޅޭނަން" ލިއަމް ބުންޏެވެ.
"އަހަރެން އޭނާއާ އިންނަން ރަންކިޔައިފިން..." ވަގުތުކޮޅަކަށް ހިމޭނުން އިނދެފައި ހޭޒަލް ބުންޏެވެ.
ލިއަމްގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. ފަރުވާތެރިކަމާއެކު ހޭޒަލްއަށް ބަލަން އޭނާ އިނީ ހިމޭނުންނެވެ. ހޭޒަލް އެ ބުނީ ދޮގެކޭ ހީކުރަން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް ހޭޒަލް ބަލަން އިން ގޮތް ފެނި ލިއަމްގެ ޟަމީރު ޤަބޫލުކުރީ އިވުނީ ތެދު ހަޤީޤަތް ކަމެވެ. މިވަގުތަކީ ހޭޒަލް އޭނާއާ ސަމާސާއެއް ކުރާނޭ ވަގުތެއްނޫންކަން އެނގެއެވެ. ހަމައެއާއެކު ސަމާސާއަކަށް ވެސް އެފަދަ އެއްޗެއް ހޭޒަލް ނުބާނެއެވެ.
"ލިއަމް... އިސްލާޙުގެ މަގު ޚިޔާރުކުރަންވީ މީހަކަށްޓަކަށްއެއްނޫން... މީ އަހަންނަށް ވެސް ކުރިމަތިވި އިމްތިހާނެއް، ލިއަމް ވެސް އެހެން ހީކުރޭ، ހުރިހާކަމެއް ހިންމަވާދެއްވަނީ ﷲ، އެފަރާތާ އޮތް ގުޅުން ރަނގަޅުކުރަން މަސައްކަތްކުރޭ، ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު އަމިއްލަ އުޅުމާމެދު ވިސްނާ، މިހާތަނަށް ކުރެވުނު ހުރިހާކަމަކާމެދު ވިސްނާ ފިކުރު ހިންގާލަބަލަ... ކޮންމެ މީހަކީ ވެސް މަރުވާނެ މީހެއް، މިނޫން ދުނިޔެއެއް އޮތްކަން ހަނދާންނައްތާނުލާ..." ހޭޒަލްގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ލިއަމް އޭނާގެ ނަމުން ގޮވާލުމުންނެވެ.
"އޭނާދެކެ ލޯބިވެވުނީތަ؟" ލިއަމް އަހާލިއެވެ.
"ތި ސުވާލުގެ ޖަވާބު ލިއަމްއަށް ދޭކަށް ބޭނުމެއްނޫން، އަހަރެން ލިއަމްއަށް ނަފުރަތެއްނުކުރަން، ލިއަމްއަށް ވިސްނި ރަނގަޅު މީހަކަށްވުން އެދެނީ... ރުޅިއައިސްގެން ތިބެ ވަކިވެގެންދާކަށް ބޭނުމެއްނޫން، ލިއަމް!... ޕްލީޒް... ތިހެން ނޫޅެ ދެން އަހަރެންގެ ފަހަތުން އުޅުން ހުއްޓާލާ" ހޭޒަލް ބުންޏެވެ.
"އަހަރެން ބޭނުން ހޭޒަލް... ވަރަށް ބޮޑަށް ބޭނުން..." އެސްފިޔަ ޖަހާލުމެއްނެތި ހޭޒަލްއަށް ބަލަހައްޓައިގެން ލިއަމް އިނެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވާތީ ހޭޒަލްއަށް ފެނުނެވެ. ހޭޒަލްއަށް ހިންދިރުވާލެވުނެވެ. ލިއަމް ނިކަން އަވަހަށް އިސްޖަހައިފިއެވެ. މޭޒުމަތިން އޭނާ ދެއަތް ނެގިއެވެ. ވައަތުގެ އިނގިލިތައް ނިތްކުރީގައި ހިންގާލިއެވެ. ދެފަރާތަށް ބޯހޫރުވާލިއެވެ. ދެން އެ އަތުން ލޯމަތި އޭނާ ފޮރުވާލިއެވެ. ލިއަމްގެ ކޮންމެ ހަރަކާތަކަށް ބަލަން ހޭޒަލް އިނެވެ. އެ ހަރަކާތްތަކުގައި ދެއްކުންތެރިކަމެއް މިފަހަރު ނެތްކަން ހޭޒަލްގެ ޟަމީރު ޤަބޫލުކުރިއެވެ. އެހެންވިޔަސް އޭނާ އައިސް އެ އިނީ ލިއަމްގެ ހިތްހަމަޖައްސައިދިނުމަކަށް ނޫނެވެ. ސުލްޙަވެރި ގޮތަކަށް އެ ދެމެދުގައި އޮތް ގުޅުން ނިމިގެން ދިއުމަށް ހޭޒަލް އެދޭތީއެވެ.
"އަހަރެން އަދިވެސް ވަރަށް ލޯބިވޭ... ވަރަށް ހަނދާންވޭ... ޒެއްލުގެ އެއްވެސް އެއްޗެއް އަހަރެން އެއްލައެއްނުލަން، އަހަރެންގެ ގާތުގައި ޒެއްލު ނެތަސް އެ ތަކެތިން އަހަންނަށް ޒެއްލުގެ އިޙްސާސްކޮށްދޭނޭ ކަމަށް ހީކުރިން، އެކަމަކު އެހެނެއްނުވޭ... ވަރަށް މިސްވޭ... ކައިރީގަ ނެތްކަމުގެ ހުސްކަން ވަރަށް ބޮޑަށް އިޙްސާސްކުރެވޭ، އަހަރެން ދުވަހަކުވެސް ހިޔެއްނުކުރަން އަހަންނަށް ޒެއްލު ގެއްލިދާނެއެކޭ... ޒެއްލު އަބަދުވެސް އަހަންނަށް ކުރެވޭ ކަންކަމަށް އައީ މަޢާފުކުރަމުން، ކުށްކުރީ އަހަރެން، ޒެއްލޫ!... އިންސާނުންނަށް ކުށްކުރެވެނީ... ޕްލީޒް... އަހަންނަށް މަޢާފުކޮށް ހަމަ އެންމެ ފުރުޞަތެއް ވެސް ނުދޭނަންތަ" ލިއަމްގެ މޫނުން އަތެއް ނުނެގިއެވެ. އެ އަޑުން އޭނާ ރޮނީކަން ހެކިދެއެވެ.
"ކުރެވުނު ކުށަށް މަޢާފު ލިބިދާނެ، އެކަމަކު އަހަރެންގެ ކުށެއްނެތި މިހިތަށް ދިން އަނިޔާ ދުވަހަކުވެސް ހަނދާނެއްނުނެތޭނެ، އިތުބާރު ނުކުރެވޭނީ އެހެންވެ... އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫން، ލިއަމްއަށް ވެސް ރަނގަޅުވާނީ އެތަކެތި ބެހެއްޓުމަށްވުރެ މީހަކަށް ދިނިއްޔާ، ދޭން ބޭނުންނުވަންޏާ އުކާލާ..." ހޭޒަލް ބުނެލިއެވެ.
"އެނގޭތަ އަހަރެންގެ ހިތަށް ތަދުވާވަރު... ޒެއްލު ނުލިބޭނެކަން އެނގޭއިރު ވެސް ޒެއްލު ދޫކޮށްލާކަށް މި ހިތް އެއްގޮތަކަށް ވެސް ނޭދޭ، ގޮތް ހުސްވެއްޖެ... އެހެންމީހަކަށް ޒެއްލު ލިބޭކަށް މިހިތް ނޭދޭ... ޕްލީޒް... ޕްލީޒް... ޒެއްލު... ހަމައެންމެ ޗާންސެއް، ޒެއްލުއާނުލާ އަހަރެން ވަރަށް އެކަނިވޭ..." ލިއަމްގެ އަޑު މަޑުވިއެވެ.
"ހިތުގައި އިމާންތެރިކަން ވަރުގަދަ ކުރޭ، އޭރުން އެކަނިވެރިކަމުގެ އަނދިރިކަމުން ނުކުމެވިދާނެ.... ﷲއަށް ދެންނެވުން ގިނަކުރޭ، ފާފަތައް ފުއްސަވާދެއްވުމަށާއި ތެދުމަގު ދެއްކެވުމަށް އެދި އާދޭސް ދަންނަވާ، އޭރުން ފާފަތަކާ ދުރުވެވޭނެ، ހިތަށް ބިރުވެރިކަން ވަންނާނެ... އޭރުން އިރާދަކުރެއްވިއްޔާ ހިތާއި ރޫޙަށް ހަމަޖެހުން ލިބި ނަފްސަށް ސާބިތުކަން ލިބޭނެ... ﷲގެ މިންވަރުފުޅާ ދެކޮޅަށް ގަދަބަސްބުނުން ހުއްޓާލާ... ވާންނެތްކަމެއް ކިތަންމެ ވަރަކަށް ކުރަން އުޅުނަސް ނުވާނެ.... ބޭކާރު ޚިޔާލުތައް ތި ސިކުނޑިން ނެރިލާ... ހުރިހާ ކަމަކަށް ﷲ ފުދިގެން ނުވޭތަ؟... އެކަލާނގެ ދެކެ ލޯބިވެ، ތަޢުބާވުން ގިނަކުރޭ، އެކަލާނގެ ރުއްސެވުން ހޯދަން މަސައްކަތްކުރޭ، އޭރުން އަމިއްލަ ނަފްސަށް ހެޔޮ ބަދަލު އަންނާނެ، ކުރިއަށްދާންވީ މަގު ވެސް ސާފުވާނެ.... ތި ހިތުގެ އެދުން ﷲ މޮޅަށް ދެނެވޮޑިގެންވޭ" ހޭޒަލްގެ ވާހަކަތަކުން ލިއަމްއަށް މާބޮޑަށް އަސަރުކުރިއެވެ. އޭނާ މޭޒުމަތީ ބާއްވާލި އަތުގައި ބޯއަޅާލިއެވެ. ހަށިގަނޑު ބަލިކަށިވެފައިވާ ކަހަލައެވެ. ލިއަމް ގިސްލާ އަޑު ހޭޒަލްގެ ކަންފަތަށް އިވުނެވެ. އޭނާ ހިމޭނުން ލިއަމްއަށް ބަލަން އިނީއެވެ. ލިއަމްގެ އެ ސިފަ ފެނި ހޭޒަލްގެ ދެތުންފަތުން މަޑު އާހެއް ބޭރުވިއެވެ. ދެ ލޮލުން ވެއްޓެން އައި ކަރުނަ ތިކި ޓިޝޫކޮޅަކުން އަވަހަށް ފުހެލިއެވެ. އިތުރަށް އެއްވެސް ވާހަކައެއް ނުދައްކައި ވަގުތުކޮޅަކަށް ދެ މީހުން ވެސް އެތިބި ގޮތަށް ތިބީއެވެ.
ލިއަމް ކުޑަކޮށް ބޯހިއްލާލުމުން މޭޒުމަތީ ހުރި ޓިޝޫ ފޮށި އޭނާގެ ކައިރިއަށް ހޭޒަލް ޖައްސާލިއެވެ. އިސްއޮބާލައިގެން އިނދެ ލިއަމް ދެތިން ޓިޝޫ ދަމައިގަތެވެ. އޭނާގެ ނޭފަތް ފޮޅާލިއެވެ. އަލުން ޓިޝޫ ނަގައި މޫނު ފުހުނެވެ. ހީވަނީ ހޭޒަލްއަށް ނުބަލަން ލިއަމް މަސައްކަތްކުރަނީ ހެނެވެ.
"އަހަރެން މިތަނުން ނުކުމެގެން ދިއުމަށްފަހު ލިއަމްއާ ބައްދަލުކުރާކަށް ނާންނާނަން، އެކަމަކު ތަޤުދީރު އަހަރެންނަށް އެފަދަ ހާލަތެއް ކުރިމަތި ކުރުވައިފިނަމަ އެކަމުގައި އަހަރެންގެ ބާރެއް ނުހިނގާނޭކަން ޤަބޫލުކުރަން... އިތުރަށް އަހަރެމެން ދެ މީހުން ދައްކަންޖެހޭ ވާހަކައެއް ދެން ނޯންނާނެ" ހޭޒަލް ބުންޏެވެ.
"އައި ވޯންޓް ޓު ހޭޓް ޔޫ... ބަޓް ހައު ކޭން އައި... އެއަށްވުރެ މާބޮޑަށް ލޯބިވޭ" ރަތްކަމާއި ހިތްދަތިކަން އެކުލެވިފައިވި ދެ ލޮލުން ލިއަމް ބަލާލިއެވެ. ހޭޒަލްގެ ނޭވާ ތަށީވިއެވެ. ހިތަށް ނޭނގޭ ގޮތްތަކެއްވިއެވެ. އޭނާގެ ހިތާއި ހަށިގަނޑު ވެސް ލިއަމްގެ ލޯބި ދެނެގަތެވެ.
"ޔޫ ޑިޑް ދިސް... އިޓްސް ޔޯ ފޯލްޓް" ހޭޒަލްގެ އަޑު އިވިގެންދިޔައީ މަޑު އާހެއް ފަދައިންނެވެ. ލޯމަތިން ހޭޒަލް ގެއްލިދާނެތީ އެސްފިޔަ ޖަހާލަން ވެސް ބޭނުންނުވެފައި އިން ލިއަމް މަޑުމަޑުން ބޯޖަހާލިއެވެ. އޭނާއަށް ކުރެވުނީ ކީއްކުރަން އެނގެޔޭ ބުނެލިއެވެ.
"ވިލް ޔޫ ބީ ހެޕީ... ވިތް ހިމް" ކުރިއަށް ގުދުވެލައި ހޭޒަލްއާ ކައިރިވެލަމުން ލިއަމް އަހާލިއެވެ.
"އައި ތިންކް ސޯ..." ހޭޒަލް ބޯޖަހާލީ ބުނެވުނު އެއްޗަކަށް ބާރު ދިނުމަށެވެ.
"އަހަންނާނުލާ ޒެއްލު އުފަލުގައި ހުރުމަކީ ޚިޔާލަށް ގެންނަން ބޭނުންވާ މަންޒަރެއްނޫން... ބަޓް އައި ވިލް ސްޓޮޕް ބީން ސްޓަބާން އެންޑް ސެލްފިޝް..." ވޭނުން ފުރިގެންވީ ލުއި ހިނިތުންވުމެއް ލިއަމް ދިނެވެ. އޭނާ ގޮތްދޫކުރީއެވެ. ލިއަމްގެ އެ ހިނިތުންވުމުގައި ހޭޒަލްއަށް ބައިވެރިއެއް ނުވެވުނެވެ. އޭނާއަށް ލިއަމްގެ ހިތުގެ ހާލު އެނގޭތީއެވެ. ހޭޒަލް އަނގައިން ނުބުނެ ބަލަން އިންނަން ފެށުމުން އަނެއްކާ ވެސް ލިއަމް ވާހަކަދެއްކިއެވެ.
"އިޓްސް ގެޓިން ޑާކް... އައި ޝުޑުންޓް ކީޕް ޔޫ އެނީ ލޯންގާ" ލިއަމްގެ އަޑުން އޭނާ އެހެން ބުނަން ބޭނުންނުވާވަރު ހާމަވިއެވެ.
"ލިއަމް..." ހޭޒަލް މަޑުމަޑުން ގޮވާލިއެވެ.
"ހޫމް..." ލިއަމްގެ ނަޒަރު ހުރީ ހޭޒަލްއަށެވެ.
"ވިޔާނުދާ ދިރިއުޅުމުގެ ތެރެއަށް އެނބުރިނުދާނަންކަމަށް ވަޢުދުވެދާނަންތަ؟" ހޭޒަލް ބުންޏެވެ. ލުއި ގޮތަކަށް ލިއަމް ހީނލިއެވެ.
"އަހަންނާ އުމުރަށްވަކިވެގެން ތިދަނީ... އެހެންމީހެއްގެ އަނތްބަކަށްވާން، އަހަރެން ލައްވާ ވަޢުދުކުރުވުމުގެ ބޭނުމެއްނެތެއްނު... އަހަންނަށް ކެއާކުރާކަން ދެއްކުމުން އަނެއްކާވެސް އަހަންނަށް ޒެއްލު ދޫކޮށްލަން އުނދަގޫވާނީ" ލިއަމްގެ ހިތް ޝަކުވާއިން ރޮނީއެވެ. މުށް ކިތަންމެ ބާރުކުރި ނަމަވެސް މިއަދު އެ މުށުގެ ތެރެއިން ހޭޒަލް ދޫވެއްޖެކަން ޔަގީންވާތީއެވެ. ހޭޒަލް ވާހަކަ ނުދައްކާ އިސްޖަހާލީއެވެ. އޭނާ ފޯނު ނަގައި ދާރިއަންއަށް ގުޅަން އުޅުނެވެ. އެ ހަރަކާތުން ލިއަމް މާޔޫސްވިއެވެ. ދަތްކުނޑިވިކާލައި ތުންފިއްތާލުމަށްފަހު ލިއަމް ވާހަކަދެއްކިއެވެ.
"އޯކޭ... ޒެއްލުގެ އެދުމެއް އަޑުއިވޭނޭ އެންމެފަހު ވަގުތުމީ... ޕްރޮމިސްކޮށްފިން... މިފަހަރު ފްރޮމިސް ބްރޭކެއްނުކުރާނަން، ކޮންމެވެސް ދުވަހަކުން އެކަން އެނގޭނެ..." ލިއަމް ބުނެލިއެވެ.
"ދާރިއަން އަހަރެން ބަލާ އެބާދެ" ހޭޒަލް ބުންޏެވެ. ލިއަމް ބޯޖަހާލީއެވެ. ފަޅިސިކުންތަކަށް ވެސް އޭނާގެ ނަޒަރު ހޭޒަލްއާ ވަތްކެއްނުކުރިއެވެ. ކުރިއަށް ޖައްސާލި ލިއަމްގެ އަތުން ހޭޒަލްގެ އަތުގައި ހިފާލަން އުޅުނެވެ. އެހެންނަމަވެސް ހޭޒަލް ކުއްލިއަކަށް އަތް ނަގައިފިއެވެ.
"އަހަރެން މަޑުކޮށްލާނަން... އަހަރެން އޭނާއާ ކުރިމަތިލާކަށް ބޭނުމެއްނޫން، އަހަންނަ ހެދުނު ގޯހުން ފައިދާ ނެގީ އޭނާ، ތި ދެމީހުން އެކުގައި ހުންނަތަން ބަލަން އަހަންނަށް ފަސޭހައެއްނުވާނެ، އަހަރެންގެ ރުޅި ހަމައިންނެއްޓެން ފުރުޞަތެއްނުދޭނަން، ޒެއްލުއަށްޓަކައި... ޒެއްލު ނުރުހޭކަމެއް ދެން ނުކުރާނަން..." ލިއަމް ކެތްތެރިކަން ޚިޔާރުކުރިއެވެ. ހޭޒަލްގެ ގައިގަ ލިއަމް ބީހިލަން ބޭނުންވިއެވެ. ފަހުފަހަރަށް ގެނެސް މޭގައި ޖައްސާލައި މޫނުގައި ބޮސްދޭހިތް ލިއަމްވިއެވެ. އެހެންނަމަވެސް ހޭޒަލްގެ ރުހުމެއްނެތި އެ ހަށިގަނޑުގައި އިނގިލިކުރި ޖައްސާލުމަކީ އަލިފާނުގެ ތެރެއަށް އަތްލުންކަން އޭނާއަށް ވިސްނުނެވެ. ލޯމަރާލުމާއެކު ފިނިނޭވާއެއް ލިއަމް ލިއެވެ.
"ބިރެއްނެތި އަހަރެން ކުރި ފާފައިގެ ސަޒާ މިލިބެނީ... ﷲ އަހަރެންގެ އަތުން އެ ގެންދެވީ އަހަރެން އެންމެ ބޭނުންވާ އެންމެ ލޯބިވާ މީހާ، އަހަރެން އެއްވެސް އެއްޗެއް ބުންޏަސް އޭނާ ދެން ދުވަހަކުވެސް ޤަބޫލެއްނުކުރާނެ... އަހަރެންނަށް އެ ނަސީބު ފުރަތަމަ މިންވަރުކުރެއްވީ، އަހަރެން ޝުކުރުވެރިވުމުގައި ދެމިހުރިނަމަ އަދިވެސް އޭނާވީހީ އަހަރެންގެ ލޯބިވާ އަނބިމީހާއަށް، އެއްވެސް ފިރިހެނަކަށް ދުވަހަކުވެސް އަހަރެންގެ ޒެއްލުއެއް ނުލިބުނީސް... ވަގުތު ފާއިތުވެއްޖެ، އަހަންނަށް ޓަކައި ޒެއްލު ވަރަށް ރޮއެފި، ވަރަށް ކެތްކުރި... އަހަރެން ކިތައްކަންތައް ޒެއްލުއަށް ސިއްރުކުރީ... އެ ހުރިހާ ކަމެއްގެ ތެރެއިން އަނބިމީހާއަށް ﷲ ފާޅުކުރެއްވީ މަދުކަމެއް، އެއީ އަހަރެންގެ މައްޗަށް އައި އިންޒާރެއްކަމެއް ނުވިސްނުނު، ޒެއްލުއަށް ޝައްކުކުރެވެންފެށީމާ ވެސް އަހަންނަށް ހުއްޓައެއްނުލެވުނު... ފާފަކުރުން ހުއްޓައެއްނުލެވުނު... އަހަރެން އަމިއްލައަށް ދިރިއުޅުން ހަލާކުކޮށްލީ، އަހަންނަކީ ބޭވަފާތެރިއެއް... އަހަރެން ކަހަލަ މީހަކާ ޒެއްލުއާ އެކަށީގެންނުވޭ... މިހާރު އަދިވަކިން ރީތިވެފައި ލޯބިވެތި ގޮތެއް އެބަހުރި، އިއްފަތްތެރި ސާލިހު އަންހެނެއްގެ ކުރިމަތީ އިނދެވޭތަ ފިނިކަމެއް އިޙްސާސްކުރެވޭ، ޒެއްލުދެކެވީ ފަދަ ލޯތްބެއް އަހަރެންނަށް ދުވަހަކުވެސް ނުވެވޭނެ، ހަނދާނުން ތި ލޯބި ފުހެވިގެން ދުވަހަކުވެސް ނުދާނެ... އޭ ﷲ!... މިއަޅާގެ އަނތްބެއްކަމުގައި އޭނާ ލެއްވެވީމު، އަދި މިއަޅާގެ ޢަމަލުތައް ގޯސްވުމުގެ ސަބަބުން މިއަޅާގެ މައްޗަށް އޭނާ ހަރާމްކުރައްވައިފީމު... އޭނާއަކީ ރަނގަޅު އަންހެނެއް، ހެޔޮކަންތައްތަކަށް ބާރުއެޅި... އަހަރެންގެ ޢައިބުތައް ފޮރުވައިދިން، އޭ ﷲ!، އޭނާއަށް އޭނާ އެދޭފަދަ މުސްތަޤުބަލެއް ދެއްވާންދޭވެ، އާމިން..." ހިމޭންވެފައި ހޭޒަލްއަށް ބަލަން ލިއަމް އިނެވެ. އޭނާގެ ވާހަކަތައް ވަނީ އޭނާގެ ނަފްސުގެ ދާއިރާގެ ތެރެއިންނެވެ. ބޭރަށް ފާޅުވުމެއްނެތެވެ.
"އެ އައީ..." މަގުމަތި ފެންނަގޮތަށް ހުރި ބިއްލޫރިގަނޑުން ދާރިއަންގެ ކާރު ދުވާރު ކައިރީ މަޑުކޮށްލިތަން ހޭޒަލްއަށް ފެނި ބުނެލިއެވެ.
"ޒެއްލު..." ހިތްތެޅިލި ގޮތުން ލިއަމްއަށް ގޮވާލެވުނީ ބޭގަރާރުކަމާއެކުއެވެ. ގޮނޑިން ތެދުވަން އުޅެފައި ހޭޒަލް މަޑުކޮށްލިއެވެ. ލިއަމް ކުޑަކޮށް އަނގުހުޅުވާލައި ލައްޕާލިއެވެ. އޭނާ ލޯބިވާވާހަކަ ބުނަން ބޭނުންވީއެވެ. އެހެންނަމަވެސް ނުބުނެވުނެވެ.
"ކީއްވެ ދާރިއަން ޚިޔާރުކުރީ" ލިއަމް ކުއްލިއަކަށް ބުނެލިއެވެ.
"އަހަންނަށްޓަކައި އޭނާ ޚިޔާރުކޮށްދެއްވީ ﷲ" ހޭޒަލް ބުނެލިއެވެ. އެ މޫނުން އެއްވެސް އަސަރެއް ފާޅުނުވީތީ ލިއަމް ހައިރާންވިއެވެ.
"އަހަރެން ދަނީ..." ލިއަމް ވާހަކަނުދައްކާ އިންނަން ފެށުމުން ހޭޒަލް ބުންޏެވެ. ލިއަމް ހަރަކާތެއްނުކޮށް އިނީއެވެ. ހޭޒަލް ތެދުވި ހިނދު ލިއަމް ވެސް ގޮނޑިން ތެދުވެއްޖެއެވެ. ހީވަނީ ހޭޒަލްއާ ވަކިވާންޖެހޭކަން އެނގިގެން އެކަމާ ކެތްނުކުރެވިގެން އުޅެނީހެންނެވެ.
"އަހަރެން ތަޢުބާވާނަން.... ހޭޒަލް އަނބުރާ ދެއްވުމަށް ﷲއަށް ދަންނަވާނަން" ކެތްތެރިކަން ކުޑަވެފައި ހުރި އަޑަކުން ލިއަމް ވާހަކަދެއްކިއެވެ. ހޭޒަލް އޭނާއަށް ބަލަން އިރުކޮޅަކު ހުރެފައި ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ދެން އެނބުރި ހިނގައިގަތީއެވެ. ލިއަމްގެ ތުންފަތް ތުރުތުރުއަޅާލިއެވެ. ހޭޒަލްއަށް ގޮވާ ހުއްޓުވަން އޭނާގެ ހިތް އާދޭސްކުރާ ފަދައެވެ. ނަމަވެސް އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައި މުއްކާވާލުމާއެކު ދަތްތައް ޖައްސާ ބާރުކޮށްލިއެވެ. ހަށިގަނޑަށް ހަރުކަށިކަން ވެރިކޮށްލީ ބޭއިޚްތިޔާރުގައި ވިޔަސް ހަރަކާތެއްކޮށްލެވިދާނޭތީއެވެ.
ކާރަށް އަރައި ހޭޒަލް ހަމަޖެހިލުމާއެކު ދާރިއަން ކާރު ދުއްވާލައިފިއެވެ. އެހެންނަމަވެސް ދޮރުފަތުގެ ބިއްލޫރިގަނޑު ހޭޒަލްއަށް ފަހަތަށް ބަލާލެވުނެވެ. ލޮލުކޮޅަށް ލިއަމް ގެއްލެންދެން އެ ރެސްޓޯރެންޓުތެރެއަށް ބެލިއެވެ. މޭޒުކައިރީ ލިއަމް އެ ހުރި ގޮތަށް ހުރީއެވެ. އެ ކާރާ ދިމާއަށްކަން ބަލަނީ ހޭޒަލްއަށް ޔަގީންވެއެވެ.
ދާރިއަންގެ ހިތްނުތަނަވަސްވިއެވެ. ހޭޒަލް އެއްޗެކޭ ނުބުންޏަސް އޭނާގެ ޢަމަލުތައް ވާހަކަދައްކާ ކަހަލައެވެ. ލިއަމްއާ ވަކިއެވަނީ ހިތާ ދެކޮޅަށް ކަހަލައެވެ. އަދިވެސް އެ ހިތުގައި ލިއަމްއަށް ލޯބި ފޮރުވިފައިވާ ކަހަލައެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި ދާރިއަން ވާހަކަދެއްކިއެވެ. ހޭޒަލް ގެއަށް ގެންގޮސްދޭންވީތޯ އެއްސެވެ. ހޭޒަލް ބޭނުންވީ އެގޮތެވެ. ދާރިއަންގެ ކުރިމަތީ ރޯން ބޭނުންނުވިޔަސް އޭނާގެ ދެ ލޯ ފުރެނީއެވެ. މީގެ ކުރީން ނުފެންނަ ސިފައެއް ލިއަމްގެ ފުށުން ހޭޒަލް ދުށްޓެވެ. ލިއަމްއަށް ހިތްދަތިކަން ލިބިއްޖެކަން ހޭޒަލްއަށް އެނގުނެވެ. އެޚިޔާލުތައް އޭނާގެ ހިތަށް އުނދަގޫކުރަންވީ ކީއްވެކަމެއް ނޭނގެއެވެ. ލިއަމްގެ ކުރިމަތީ ނުރޯން ކުރި ހިތްވަރު މިހާރު ނެތިގެންދާންވީ ސަބަބެއް ހޭޒަލްއަށް ނުވިސްނުނެވެ.
* * * * *
އިޝާ ނަމާދުން ފައިބައިގެން ގެއަށް އައިސް ވަންއިރު ލިއަމްގެ ހަށިގަނޑު ހުމާ ފިހެނީއެވެ. ދުވަހަކުވެސް ނުލިބޭފަދަ ވަރުބަލިކަމެއް ނަފްސަށް ލިބިފައިވިއެވެ. މަޑުމަޑުން އައިސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ބަރިބަރިއަށް ޖަހާފައި ހުރި ކަރުދާސް ފޮށިތަކަށް އޭނާ ބަލާލިއެވެ. އެތަނުން ފޮށިގަނޑެއް ނަގައި ހުޅުވާލިއެވެ. އޭގެތެރެއިން އޭނާ ނެގީ އެމީހުންގެ ކައިވެނި ޙަފުލާގައި ހޭޒަލް ލައިގެން ހުރި ހެދުމެވެ. އެ ހެދުމަށް ފަރުވާތެރިކަމާއެކު ލިއަމް ބަލާލިއެވެ. އިސާހިތަކު އެ ދެ ލޯ ފުރިއްޖެއެވެ. ކަރުނައެއް ނުހުއްޓުވުނެވެ. ހެދުން ގެނެސް ގަޔާލާ ބޮނޑިކޮށްލުމާއެކު ދެކަކޫ މައްޗަށް ލިއަމްއަށް ތިރިވެވުނެވެ. ބާރަށް އޭނާއަށް ރޮވެނީއެވެ. ހެދުމުގައި ބާރަށް ހިފަހައްޓަމުން ދިޔަގޮތުން އޭނާގެ ނަޒަރު އެއީ ހޭޒަލް ފަދައެވެ. އެހެންމީހެއްގެ އަނތްބަކަށްވަނީކަން އެނގި އެ ހިތަށް ކުޅަދާނަނުވީއެވެ.
އާދައިގެ މަތިން ކާގަޑިއަށް ދަރިފުޅަށް ގޮވަން ކޮޓަރީ ދޮރުގައި މުހުސިނާ ޓަކި ޖަހާލިއެވެ. އޭނާއަށް ކޮޓަރިތެރެއިން ރޯއަޑު އިވުނީ ދެނެވެ. ނިކަން އަވަހަށް ދޮރުހުޅުވާލައި އެތެރެއަށް ވަނެވެ. ލިއަމް ސަޖިދައަށް އޮތް މީހަކު ފަދައިން އޮވެ ރޮނީއެވެ. އޭނާގެ އަތުގެ ތެރެއިން ފެންނަން އޮތް ހެދުން މުހުސިނާގެ ލޮލުގައި އަޅައިގަތެވެ. އެއީ ކޮން ހެދުމެއްކަން އޭނާއަށް ވެސް އެނގުނީއެވެ. މަޑުމަޑުން މުހުސިނާ އައިސް ދަރިފުޅުގެ ބުރަކަށީގައި ފިރުމާލިއެވެ.
"ކިހިނެއްވީ؟... ހޭޒަލް ފެނުނީތަ؟" މުހުސިނާގެ ހިތަށް އެރި ސުވާލުތައް ދުލުން ބޭރުކޮށްލިއެވެ.
"ދަރިފުޅު ދެރަވެގެންކަން އެނގޭ ތިއުޅެނީ، ދެން ކީއްވެތަ ދެ ކުދީން ވަރިވީ... ޖެހުނު މައްސަލައެއް ވެސް އެނގެނީއެއްނޫން، ޒެއްލު ބުނަނީ ލިއަމް ގާތުން އަހަން... ލިއަމް މަންމަމެންނާ ވާހަކަދައްކަނީއެއްނޫން... ދެން ވެސް ތެދުވެބަލަ... މަންމައާ ވާހަކަދައްކަބަލަ، މަންމައަށް އެހީވާން އެނގޭނީ ވެސް އޭރުން... ދަރިފުޅު ބުނެފިނަމަ މަންމަ ހޭޒަލްއާ ވާހަކަދައްކާނަން، އެކުއްޖާ އަދިވެސް އަހަރެންގެ ބަސް ޤަބޫލުކުރޭ" މުހުސިނާ ދެއްކި ވާހަކައަށް ލިއަމް ހަރަކާތެއްނުކުރިއެވެ. އޭނާ ހަމަ ރޮނީއެވެ. މިއަދު އޭނާއަށް ހަޤީޤަތުގައި ވެސް ގޮތް ހުސްވެއްޖެއެވެ.
"ލިއަމް... މުހުސިނާ ކިހިނެއްވެގެން މިއުޅެނީ...." ކޮޓަރިއަށް ވަން ޝަމާޢިލަށް ލިބުނީ ހައިރާންކަމެވެ. ވަގުތުން އައިސް ފިރިހެން ދަރިފުޅު ނަގަން އަތުގައި ހިފާލިއެވެ.
"މި ސޮރު ހުންއައިސްފަތަ؟..." ޝަމާޢިލަށް ބަލާލެވުނީ މުހުސިނާއަށެވެ. އޭނާ ކަންބޮޑުވީ ދެނެވެ. އަވަސް އަވަހަށް ލިއަމްގެ މޫނާއި އަތުގައި މުހުސިނާ އަތްލަން ފެށިއެވެ.
މުހުސިނާއާއި ޝަމާޢިލްއާ ހިފައިގަތުމުން ލިއަމް ތެދުވިއެވެ. އެހެންނަމަވެސް އޭނާގެ އަތުން ހޭޒަލްގެ ކައިވެނި ހެދުން ވަތްކެއްނުވިއެވެ. އެމީހުން ދަރިފުޅު ގެނެސް އެނދުގައި ބޭންދިއެވެ. ލިއަމްއަށް އެމީހުންނާ ނަޒަރު ސީދާކޮށެއް ނުލެވުނެވެ. ހޭޒަލް އަބަދަށްޓަކައި އޭނާއާ ވަކިވެއްޖެޔޭ ބުނަން ލިއަމް ބޭނުންވިއެވެ. އެހެންނަމަވެސް ދޫ ހަރަކާތެއްނުކުރިއެވެ. އޭނާގެ ހިތާއި މުޅި ހަށިގަނޑުގައި ވޭން އަޅަނީއޭ މަންމަ ގާތު ބުނަން ބޭނުންވިއެވެ. (ނުނިމޭ)