މިނިމަމް ވޭޖް

"ބިދޭސީންނަށް މިނިމަމް ވޭޖް ނުދެންޏާ ދިވެހިންނަށް ވަޒީފާ ނެތިދާނެ"

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅާއިރު ބިދޭސީން އިސްތިސްނާ ކުރަން ނިންމާފައި އޮތުމުން އޭގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ގެއްލިދާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބިދޭސީން ނުހިމަނައި މިނިމަމް ވޭޖް ކަނޑައަޅާއިރު އިންޓަނޭޝަނަލް ލޭބާ އޮގޯނައިޒޭޝަން (އައިއެލްއޯ) ގެ ދިރާސާ ރިޕޯޓްގައި ވެސް ދިވެއްސަކާއި ބިދޭސީއެއްގެ މިނިމަމް ކުރާ ވޭޖް ސީލިން އަރާ ހަމަ ކުރަން ތިން އަހަރު ދުވަހުގެ މުއްދަތެއްދާ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

މީގެ ސަބަބުން ދިމާވެދާނެ ނުރައްކަލެއް ވެސް އެބަ އޮތް ކަމަށް ސައީދު ވިދާޅުވި އެވެ. ބިދޭސީން ނުހިމަނައި މިނިމަމް ވޭޖް ކަނޑައެޅުމުން މި ތިން އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ސިނާއަތްތަކުގައި މަސައްކަތް ކުރާ ބިދޭސީން އިތުރުވެ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަކެއް ނުލިބި ގޮސްދާނެ ކަމަށް ވިދާޅުވި އެވެ.

"މީގެއިން ނުކުންނަ ނުރައްކަލެއް ވެސް އެބައޮވޭ. މިސާލަކަށް ގެސްޓް ހައުސްއެއް ހިންގާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއަށް ކުއްލިއަކަށް ބިދޭސީންތަކެއް އިތުރު ކުރުމުގެ ފުރުސަތު މި ލިބެނީ ތިން އަހަރެއްގެ ތެރޭގައި. ދިވެހިންނަށް ލިބޭނެ ފުރުސަތުތައް ބްލޮކް ވުމުގެ ފުރުސަތު އެބަ އޮތް." ސަައީދު ވިދާޅުވި އެވެ.

ސައީދުގެ ވާހަކަ ތާއީދު ކުރައްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ މިނިވޭޖް ކަނޑައެޅުމުގައި ބިދޭސީން އިސްތިސްނާ ކުރާނަމަ ރާއްޖޭގެ ވަޒީފާގެ ބަޒާރުގައި ދިވެހިންނަށްވުރެ ބިދޭސީންގެ އަގުހެޔޮ ވާނެ ކަމަށެވެ. ދިވެހިންނަށް ވަޒީފާ ނުދީ ބަޒާރުގައި އަގުހެޔޮކޮށް ލިބެން ހުރި ބިދޭސީންނަށް ވަޒީފާ ދީފާނެ ކަމަށެވެ.

"[މިނިވަމް ވޭޖް ކަނޑައެޅުމުގައި] ބިދޭސީން އިސްތިސްނާ ކޮށްފިއްޔާ [ދިވެހިންނަށް ވަޒީފާ މަދު] ވާނެ. ބިދޭސީން އިސްތިސްނާ ކުރުމަކީ، އެ ބުނެވެނީ، ދިވެހިންނަށް ވަޒީފާ ނުދޭށޭ، އުސޫލަކުން، ދިވެހިންނަށް ނުދީ އެންމެ އަގު ހެޔޮ މީހާއަށް ދޭށޭ، އެކަހަލަ ގޮތެއް ވެސް ވެދާނެ ކަމަށް ގަބޫލު ކުރެވެނީ،" ބޮންޑެ ވިދާޅުވި އެވެ.

ބޮންޑެ ވިދާޅުވީ، ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެގެން އުޅޭ ބިދޭސީންތަކެއް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންވިޔަސް އެއީ އެހެން މައްސަލައެއް ކަމަށާއި ވަޒީފާގައި މަސައްކަތް ކުރާ ހުރިހާ އެންމެން ވެސް އެއް ހަމައަކުން ބަލަން ޖެހޭނެ ކަމަށް ބޮންޑެ ވިދާޅުވި އެވެ. އެހެންނޫންނަމަ ގޯސްތަކެއް ނުކުމެދާނެ ކަމަށެވެ.

މަސައްކަތް ކުރާ މީހުނަށް އެއް ހަމައަކުން ބެލުމަކީ އެއީ އިންސާނިއްޔަތަށް އިހްތިރާމް ކުރުމަކީ ކުރަން ޖެހޭ ކަމެއް. އެކަމަކު އަޅުގަނޑުމެން އެ މީހުންނަށް ދޭކަށް ނުޖެހޭ. ބިދޭސީންނަށް ނުދޭނަމޭ. އެހެން ވެއްޖިއްޔާ ސައީދު އެ ފާހަގަ ކުރެއްވި ދުވަސް އަންނާނެ.

"ބިދޭސީންނާއި ދިވެހިންނަށް ވެސް މިނިމަމް ވޭޖް ކަނޑައަޅާފިއްޔާ ރަނގަޅު. އެހެން ނުހަދާނަމަ ދިވެހިންނަށް ވަޒީފާ ނުދޭނެ. މަދު ވާނެ. ކޮންމެހެން ވަޒީފާގެ ބާޒާރުގައި ބަޔަކު ތިބެ މަސައްކަތް ކުރަންޏާ އެއީ ވެސް ލޭބަރުން. ކޮންމެ ބަޔަކު ވެސް ބަލާނީ އަގު ހެޔޮ ލޭބަރުން ވަޒީފާއަށް ނަގަން. އެހެންވެއްޖިއްޔާ އެ ތަން އަންނާނެ." ބޮންޑެ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރަށް މިނިމަމް ވޭޖް ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ. އެއީ ވަކި ސިނާއަތެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ސިނާއަތެއްގެ މުވައްޒަފުންނަށެވެ. އެކަމަކު އެންމެ ފުރަތަމަ މިނިމަމް ވޭޖް ލާޒިމު ކުރާއިރު ބިދޭސީން ނުހިމަނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައިވެ އެވެ.

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދީފައި ވަނީ ރާއްޖޭގައި މިނިމަމް ވޭޖްގެ ގޮތުގައި 6،000 ރުފިޔާ އާއި 6،500 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި މަޖިލީހުގެ ލަފައަކަށް އެދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ އެ ދެ ރިޕޯޓް މަޖިލީހަށް ފޮނުވާފަ އެވެ. މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދެ ރިޕޯޓް ދިރާސާ ކުރަމުންދާއިރު، މި ކަމާ ގުޅިގެން އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް މާދަމާ ރޭ މަޖިލީހުގެ އިދާރާގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.