ހަބަރު

ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް ގާއިމުކޮށްފި

ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ވިސްލްބްލޯވާ ޕްރޮޓެޝަން ޔުނިޓް ގާއިމުކޮށް މައްސަލަ ބަލަން ފަށައިފި އެވެ.

ވިސްލް ބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ އެ ޕްރޮޓެކްޝަން ޔުނިޓް އަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ދަށުން އެ ކޮމިޝަނުން އެކުލަވާލަން ޖެހޭ މިނިވަން ޔުނިޓެކެވެ. މި ޔުނިޓްގެ ވެރިޔަކަށް އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު ވަނީ ހަމަޖައްސައިފަ އެވެ.

އެޗްއާރުސީއެމް އިން ބުނީ އެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް ހިންގާނެ ގޮތުގެ ގަވާއިދާއި ވިސްލްބްލޯވާ ޕްރޮޓެޝަން ޔުނިޓަށް ސިއްރުކޮށް މައުލޫމާތު ހުށަހެޅުމާއި ބަލައިގަތުމައި މައުލޫމާތު ތަހުގީގުކޮށް ފިޔަވަޅު އެޅުމުގެ ގަވާއިދު އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

އޭގެ އިތުރުން އެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގެ ގާއިމު ކުރަން ޖެހޭ އެތެރޭގެ އިންތިޒާމުތައް ގާއިމު ކުރުމުގެ ގޮތުން އަމަލު ކުރަން ޖެހޭ ގައިޑްލައިން ވެސް ޕްރޮޓެކްޝަން ޔުނިޓުން އެކުލަވާލައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ހިއްސާ ކޮށްފައިވާނެ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.

ވިސްލް ބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ. އެ ގޮތުން ސިޓީން ނުވަތަ މައްސަލަ ހުށަހަޅާ ފޯމަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުނިޓަށް ހާޒިރުވެގެން މައްސަލަ ހުށަހެޅޭނެ އެވެ.