ދިޝާ ޕަޓްނީ

އެންމެ ފަހުން "އޭކް ވިލަން 2" އަށް ދިޝާ ސޮއިކޮށްފި

އިއްޔެ އާ ހަމަޔަށް ވެސް ދިޝާ ޕަޓްނީ ބުނަމުން ދިޔައީ އޭނާއަށް "އޭކް ވިލަން 2" ހުށަ ނާޅާ ކަމަށެވެ. ނަމަވެސް ފިލްމްފެއާ އިން ބުނެފައިވާ ގޮތުގައި އެ ފިލްމު ކުޅެން ދިޝާ މިހާރު ވަނީ ސޮއިކޮށްފަ އެވެ. މި ފިލްމުގެ ބަތަލުންގެ ގޮތުގައި ޖޯން އަބްރަހަމް އާއި އަދިތުޔާ ރޯއި ކަޕޫރު ވަނީ ސޮއިކޮށްފަ އެވެ.

"އޭކް ވިލަން 2" އަކީ 2014 ގައި ރިލީޒްކުރި ބަދަލު ހިފުމުގެ ޑްރާމާ "އޭކް ވިލަން" ގެ ސީކުއަލް އެކެވެ. އެ ފިލްމުގެ ތަރިންނަކީ ސިދާރްތު މަލްހޯތުރާ އާއި ޝްރައްދާ ކަޕޫރެވެ.

ދިޝާ ދާދިފަހުން ވަނީ އަދިތުޔާ ރޯއި ކަޕޫރާއެކު "މަލަންގް" ކުޅެފަ އެވެ. "އޭކް ވިލަން 2" އަކީ "މަލަންގް"ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ އުފެއްދުމެވެ.

"އޭކް ވިލަން 2" ގެ ދެ ބަތަލާއިންގެ ތެރެއިން އެއް ބަތަލާއަކަށް ދިޝާ ހަމަޖެހފައިވާކަން ޑައިރެކްޓަރު ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ. މޯހިތު ބުނި ގޮތުގައި އެކްޝަން ގިނައިން ހިމެނޭ ފިލްމު ކުޅުމުގެ ޝައުގުވެރިކަން ފާޅުކުރި ފުރަތަމަ ބަތަލާ އަކީ ދިޝާ އެވެ. ބަތަލުން ކުރާ ކަހަލަ ސްޓަންޓްސް ހެދުމާއި މީހުންނާ ތަޅާ ފޮޅުމަކީ ވަރަށް ކުރާހިތްވާ ކަމެއް ކަމަށް މޯހިތު ކައިރީ ދިޝާ ބުނެފައިވާ ކަމަށާއި އޭނާ ބޭނުންވަނީ ހީރޯ އަކަށް ވާން ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.

މޯހިތު ބުނި ގޮތުގައި "މަލަންގް"ގައި ދިޝާ އަކީ ވަރަށް އަމިއްލަވަންތަ ގޮތްތަކެއް ހުރި އަންހެންކުއްޖެއް ނަމަވެސް މިފަހަރުގެ ފިލްމުގައި އެއަށް ވުރެ މާ ވަރުގަދަ ރޯލެއް ދިޝާ ކުޅޭނެ އެވެ.

"މަލަންގް"ގައި އަދިތުޔާގެ ލޯބިވެރިޔާގެ ރޯލު ކުޅެފައިވީ ނަމަވެސް "އޭކް ވިލަން 2"ގައި ދިޝާ ކުޅެނީ ޖޯން އެބްރަހަމްގެ ލޯބިވެރިޔާގެ ބައެވެ. އަދިތުޔާގެ ލޯބިވެރިޔާގެ ރޯލު ކުޅޭނެ ބަތަލާއެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

"އޭކް ވިލަން 2"ގެ ޝޫޓިން ފަށާނީ މިއަހަރުގެ ފަހުކޮޅު އެވެ. އަދި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހު އެވެ.