ބޮލީވުޑް

ބާޣީ 3: ސީރިޔާގެ މަންޒަރުތައް ސާބިއާގައި

ހުކުރު ދުވަހު ރިލީޒްކުރާ ޓައިގާ ޝްރޮފްގެ "ބާޣީ 3" ގައި އޭނާ ހަނގުރާމަ ކުރަނީ ސީރިޔާގެ ހަނގުރާމަވެރިންނާ އެވެ. ފިލްމުގެ ޓްރެއިލާ އިން ސީރިޔާގެ ހަނގުރާމައިގައި ހަލާކު ވެފައިވާ ރަށެއްގައި ޓައިގަރާއި ހަނގުރާމަވެރިންގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނެ އެވެ. ނަމަވެސް މި މަންޒަރުތައް ނަގާފައިވަނީ ސީރިޔާއަކު ނޫނެވެ. އެ މަންޒަރުތައް ޝޫޓް ކޮށްފައި ވަނީ ސީރިޔާގެ އެ އަވަށްފަދަ ތަނެއް ސާބިޔާގައި ތައްޔާރު ކުރުމަށްފަހު އެތަނުގަ އެވެ.

ޑައިރެކްޓަރު އަހުމަދު ޚާން ބުނި ގޮތުގައި އޭނާ ބޭނުންވީ ފިލްމުގެ ޝޫޓިންގަށް ސީރިޔާ އަށް ދާށެވެ. ނަމަވެސް އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ފޮކްސް ސްޓާ ސްޓޫޑިއޯއިން އެކަމަށް އެއްބަސް ނުވީ އެވެ.

ސެޓުތައް ތައްޔާރު ކޮށްގެން ޝޫޓްކުރާނަމަ އިންޑިޔާގައި އެކަން ނުކޮށް ސާބިއާ ޚިޔާރު ކުރި ސަބަބު ހާމަ ކުރަމުން ޑައިރެކްޓަރު ބުނީ މުމްބާއީގައި ޝޫޓްކުރަން މަސައްކަތް ކުރި ކަމަށާއި ރަނގަޅަށް ޝޫޓް ކުރެވޭ ގޮތް ނުވެގެން ސާބިއާ އަށް ދިޔައީ ކަމަށެވެ. އެ ގައުމުން ޝޫޓިންގަށް ރަނގަޅު މާހައުލަކާއި އަރަބި ބަހުން ވާހަކަ ދައްކާ ޖޫނިއާ އާޓިސްޓުން ވަރަށް ފަސޭހައިން ލިބުނު ކަމަށް ވެސް އަހުމަދު ޚާން ބުންޏެވެ.

"ބާޣީ 3" އަކީ ކިޑްނެޕް ކުރުމާއި އޭގެ ބަދަލު ހިފުމުގެ ޑްރާމާއެއް ކަން ޓްރެއިލާ އިން ޔަގީން ވެއެވެ. އަހުމަދު ބުނީ "ބާޣީ"ގެ ކުރީ ދެ ފިލްމުގައި ވެސް އަދި މިފަހަރުގެ ފިލްމުގެ ޕްލޮޓްގައި ވެސް ކިޑްނެޕް އަކީ މުހިއްމު ބަޔެއް ކަމަށެވެ. އެއީ "ބާޣީ" ފްރެންޗައިސް އަށް ޚާއްސަ އަދި މުހިއްމު ބަޔެއްކަން އޭނާ ފާހަގަ ކުރި އެވެ. އަދި ޓައިގާ އާ ނުލާ ވެސް "ބާޣީ" ފިލްމުތައް ނޫފެއްދޭނެ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

ޝްރައްދާ ކަޕޫރު ބަތަލާގެ ރޯލު ކުޅޭ މި ފިލްމު އުފެއްދުމުގައި ދެ އަހަރެއްހާ ދުވަސް ޑައިރެކްޓަރު ވަނީ ހޭދަކޮށްފަ އެވެ. އޭނާ ބުނީ މި ފިލްމު ރިލީޒްވުމުން ދިގު މުއްދަތަކެއްގެ ބްރޭކެއް ނަގަން ގަސްތުކުރާ ކަމަށާއި ފިލްމުގެ މަސައްކަތުގައި އުޅެ އުޅެ ވަރަށް ބޮޑަށް ވަރުބަލިވެފައިވާ ކަމަށެވެ.