ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ކޮރޯނާ ވައިރަސްއާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން އިގްތިސާދަށް އަންނަ ލޮޅުންތަކަށް ތައްޔާރުވާން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ. އޭނާގެ ކުއްލި މައްސަލަ ބަހުސް ކުރުމަށް ޖަލްސާއަށް އެޖެންޑާ ކުރަން ފާސްކުރީ 44 މެންބަރުންގެ ވޯޓުންނެވެ. ކުއްލި މައްސަލަ ބަހުސް ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.

އާދަމް ޝަރީފު ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ އެ ކުއްލި މައްސަލަ ހުށަހަޅުއްވަނީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެވުން ހުއްޓިދާނެ ކަމުގެ ބިރު ހީވެފައިވާތީ ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮރޯނާ ވައިރަސް ފެތުރި ރާއްޖެއަށް އެ ވައިރަސް އަތުވާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ރާއްޖޭން ކޮރޯނާ ވައިރަސް ފެނިއްޖެނަމަ ރާއްޖެއަށް އަންނަ ކޯގާ އުޅަނދުތަކުގެ ދަތުރުތައް ހުއްޓި، މާލޭން އަތޮޅުތަކަށް މުދާ އުފުލާ އުޅަނދުފަހަރުތައް ކުރާ ދަތުރުތައް ހުއްޓިގެން ގޮސްދާނެ ކަމަށް ބެލެވޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެހެންވީއިރު އެ ކަމަށް ދުރާލާ ތައްޔާރުވެފައި ނުވާތީ ސަރުކާރުގެ ސަމާލު ކަމަށް އެ ކަން ގެންނަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ތެލާއި ކާޑުގެ ދަތިކަން ނުފޯރާނެ ކަން ކަށަވަރު ކުރުމަށްޓަކައި އެ ތަކެތި ދުރާލާ ރާއްޖެއަށް އެތެރެކޮށް ބޭނުންވާ މިންވަރަށް ރާއްޖޭގެ އެކި ހިސާބުތަކަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައެއް އެޖެންޑާކޮށް ބަހުސް ކުރަން ފާސްކުރިއިރު، އިއްޔެގެ ޖަލްސާއާއި ހޯމަ ދުވަހުގެ ޖަލްސާއަށް ވެސް ކުއްލި މައްސަލައެއް ހުށަހެޅުނެވެ. އެ ދެ ޖަލްސާއަށް ވެސް ހުށަހެޅުނު ކުއްލި މައްސަލަ ވަނީ ގަވާއިދަށް ނުފެތޭ ކަމަށް ބުނެ އެޖެންޑާ ނުކޮށްފަ އެވެ.

އެ ދެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. ހޯމަ ދުވަހު އޭނާ ކުއްލި މައްސަލައެއް ހުށަހެޅީ ރާއްޖޭގެ ބައެއް ރަށްރަށުގައި ލާދީީނީ ފިކުރު ފަތުރަން ވޯކްޝޮޕްތަކެއް ބާއްވަމުންދާ ކަމަށް ބުނެ އެވެ. އިއްޔެ ހުށަހެޅި މައްސަލާގައި ވަނީ އިންޑިއާގައި މުސްލިމުންނަށް ކުރަމުންދާ އަނިޔާއާ ދެކޮޅަށް ސަރުކާރުން އެއްވެސް ބަހެއް ބުނަމުން ނުދާތީ އެ ކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ ކުއްލި މައްސަލައާ ގުޅުން ހުރި މާއްދާއާ އެ ކުއްލި މައްސަލަ ހިލާފުވުމުން އެ މައްސަލަ އެޖެންޑާ ކުރެވެން ނެތީ ކަމަށެވެ. ނަޝީދު އިޝާރާތް ކުރެއްވި މާއްދާގައި ބުނަނީ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަ އަކީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ސަރުކާރުން އުފުލަން ޖެހޭ ޒިންމާއަކާ ގުޅުން ހުރި ކަމަކަށް ވާން ޖެހޭ ކަމަށާއި އެއީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައަކަށް ވެސް ވާން ޖެހޭ ކަމަށެވެ.