ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޕޮލިޓިކްސް

އިދިކޮޅު އުޅެނީ ރޯގާވެސް ކެމްޕޭނަށް ބޭނުން ކުރަން: މެންބަރުން

ކޮރޯނާ ވައިރަސްއާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ރައްޔިތުންނަށް ކަންކަން އޮޅުވާލައި އެފަދަ ހައްސާސީ ކަންކަން ވެސް ކެމްޕޭނަށް ބޭނުން ކުރުމުގެ ނިޔަތުގައި ކަމަށް މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ވިދާޅުވެއްޖެ އވެެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަކީ ކޮރޯނާ ވައިރަސް ރާއްޖެ އަތުވެއްޖެނަމަ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރުމުގައި ދަތި ކަމެއް ދިމާވެދާނެތީ އެ ކަމަށް ސަރުކާރުން ތައްޔާރު ނުވާ ކަމަށް ވިދާޅުވެ އެ ކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ގޮވާލައި ހުށަހެޅުއްވި މައްސަލައެކެވެ.

މި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ކުރީގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަން ކަންކަން ކޮށްފައި އޮތް ނަމަވެސް މިފަދަ ބަލިމަޑުކަމަކާ ގުޅިގެން މި ސަރުކާރުން ރައްޔިތުންނަށް އެއްވެސް ދޮގު މައުލޫމާތެއް ނުދޭނެ ކަމަށެވެ.

ރައްޔިތުންނަށް ޔަގީންކަން ދެން ސަރުކާރުން ދޮގެއް ނުހަދާނެ ކަމަށް. އެއިން އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށް، ވޭތުވެދިޔަ ފަސް އަހަރު ކަންކަން ވެފައި ހުރި ގޮތުން ރައްޔިތުން ވަރަށް ބޮޑަށް އާދެވެފައި އޮތުމުން، ބައްޔަކާ ގުޅޭ ގޮތުން ސަރުކާރުން ދޮގު ހަދާފާނެ ކަމަށް ހީކުރޭ. އެކަމަކު މި ސަރުކާރުން އެފަދަ ކަމެއް ނުކުރާނެ،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ، ސަރުކާރުން ތައްޔާރުނުވާ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ކުއްލި މައްސަލައެއް ވެއްދިޔަސް ސަރުކާރު އޮތީ އެ ކަމަށް ތައްޔާރުވެގެން ކަމަށެވެ. އާދަމް ޝަރީފްގެ މައްސަލާގައިވާ ކާޑުގެ ކަންކަމަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ އެ ކަމަށް ދަތިކަމެއްކުރިމަތި ނުވާނެ ކަމަށާއި އެއަށް ވެސް ތައްޔާރުވެފައި އޮތް ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީލްގެ ވާހަކަ ފަށްޓަވަމުން ވެސް ވިދާޅުވީ މި ކުއްލި މައްސަލައަކީ އިދިކޮޅު ފަރާތްތަކުން ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ގުޅިގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެހެންވިޔަސް އާންމުންގެ ސިއްހީ ކަންކަމަކީ އެއް ގޮތަކަށް ވެސް ކެމްޕޭނަށް ބޭނުން ކުރަންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މީކާއީލް ވިދާޅުވީ، އާދަމް ޝަރީފްގެ މައްސަލާގައި ވެސް ހަގީގަތެއް ނެތް ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމުގައިވާ ޑަބްލިއުއެޗްއޯގެ ލަފައަށް ބެލުމުން ވެސް ކޮރޯނާ ވައިރަސް ފެނިފައިވާ ގައުމުތަކަށް ވެސް ޓްރޭޑް ރެސްޓްރިކްޝަން ގެނެސްގެން ނުވާނެ ކަމަށް ނުވަތަ މުދާ އެތެރެކުރުން މަނާ ކޮށްގެން ނުވާނެ ކަމަށް ބުނެފައިވާ ކަން ފާހަގަ ކުރެއްވި އެވެ.

"މިއީ ވަރަށް ވިޔާނުދާ ކަމެއް. ޒިންމާދާރު އިދިކޮޅު ފަރާތަކުން ކޮންގެން ވާނެ ކަމެއް ވެސް ނޫން، ކައުންސިލްގެ އިންތިހާބަށް ކެމްޕޭން ކުރުމަށް ގެންގުޅެން ވާނެ އެއްޗެއް ނޫން ޕަބްލިކް ހެލްތް އަކީ،" މީކާއީލް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ތައްޔާރުވާން ގޮވާލުމާއި އެ ކަންކަމުގެ މައުލޫމާތު ހޯދުމަކީ އޭނާ ވެސް ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. އެހެންވިޔަސް މީގެ މައްސަލައަކީ އިދިކޮޅު ފަރާތްތަކުން އިންތިހާބުގެ ކެމްޕޭނަށްޓަކައި ރައްޔިތުން ޕެނިކް ހާލަތަށް ގެނައުމަށް މަސައްކަތް ކުރާތީ ކަމަށެވެ.

"މި އިދިކޮޅު ފަރާތްތަކުން ހީނހީފައި ކޮރޯނާ ވައިރަސްގެ ވާހަކަ ދައްކަނީ، އެ މީހުންގެ ޓީވީ ޗެނަލްތަކުން ވެސް ހެމުން ހެމުން އެ ވާހަކަ ދައްކަނީ. ލޯކަލް ކައުންސިލްގެ މުޅި ކެމްޕޭން އެ ހިންގަނީ ކޮރޯނާ ވައިރަސްގައި އުޅެމުން، މިއަށްވުރެ ތަސައްވަރު ފުދިފައިވާ ވާދަވެރި ސިޔާސީ ޕާޓީއެއް އަޅުގަނޑުމެން ދެކިލާ ހިތްވޭ،" ވައްޑެ ވިދާޅުވި އެވެ.

ރައްޔިތުން ހާސް ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް އުއްމީދުތައް ގެނުވާނެ ސިޔާސަތުތައް ގެންނާނެ ސިޔާސީ ޕާޓީއަކަށް އިދިކޮޅު ޕާޓީން ވާން ޖެހޭ ކަމަށް ވައްޑެ ވިދާޅުވި އެވެ. ސަރުކާރުން ރައްޔިތުންގެ އަޑު ނާހާ ކަމަށް ބުނާ އިރު މި އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ވެގެން ރައީސްއާ ބައްދަލު ކުރަން ވެސް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ވިދާޅުވީ އިގްތިސާދަށް އަންނަ ލޮޅުމަކަށް ތައްޔާރީވާން ސަރުކާރަށް ގޮވާލުމަކީ ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމަށެެވެ. އަދި އެއީ ރައްޔިތުން ހާސް ކުރަން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެ ކަން ކުރަނީ ޒިންމާދާރު ކަމާ އެކީ ކަމަށެވެ.

ޓޮމް ވިދާޅުވީ، މި ކަމަށް ތައްޔާރު ވުމަށް ޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގައި ބޮޑެތި ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. މި ގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގެ މެންބަރުން މުސާރައިން ބައެއް އުނިކޮށްފައިވާ ކަން ފާހަގަ ކުރައްވައި ޓޮމް ވިދާޅުވީ މެންބަރުންގެ މުސާރައިން ބައެއް އުނިކުރަން ތާއީދު ކުރައްވާ ކަމަށެވެ.