(ތިން ވަނަ)
ކޮޓަރިން ބޭރަށް ނުކުތީ ހޫދެވެ. އޭނާ ލައިގެން ހުރީ ހަމައެކަނި ސޯޓެކެވެ. އަހަރެންގެ ކަޅި ތަތްވީ ހޫދުގެ ފިރިހެންވަންތަ ހަށިގަނޑުގައެވެ. އެކި ފަހަރު އެކި ތަނުގައެވެ. ހަ ގޮޅީގެ ބަނޑުގައެވެ. އެއީ ފުއްލާއެއްގެ ބަނޑުހައި ތުނި، ރީތި ގޮޅި ޖެހި، އޮމާން ބަނޑެކެވެ. އަތުގެ މުލައްދަނޑީގައި ހުރީ އަތުރާލައިފާ މަސްތަކެކެވެ. ދެ ކޮނޑާއި މޭމަތީގައި ހުރީ އެއަށްވުރެ އޮމާން ރީތި މަސްތަކެކެވެ. ވައި އަކުރަކަށް ސިފަވާ އޮނިގަނޑެއްގެ ހަށިގަނޑެކެވެ. ހީވީ ހިންދީ ފިލްމުތަކުގައި އުޅޭ ކަހަލަ ބަޠަލެއް އައިސް އަހަރެން ކުރިމަތީގައި ހުއްޓިލިހެންނެވެ. ހޫދު އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިލިއެވެ. މަޑުމަޑުން އޭނާ އަހަންނާ ގާތްވެލިއެވެ. އޭނާގެ ނޭވާ އަހަރެންގެ މޫނަށް އެޅޭހެންނެވެ. އަހަންނަށް ބެލުނީ ހޫދުގެ ލޮލަށެވެ. އެ ލޮލުގެ ފުންކަމަށެވެ. ކަޅި ޖަހައި ނުލައި ބަލަން ހުރެވުނީއެވެ. އެ ދެލޮލުން އަހަންނަށް ފެންނަމުން ދިޔައީ ޖަޒުބާތެވެ.
އޯގާތެރިކަމެވެ. ކުލުނެވެ. ލޯތްބަށް އެދި އާދޭސްކުރުމެވެ. އަހަންނަށް އިސް ޖަހައިލެވުނެވެ. ލަދުގަތީ އަހަންނެވެ. އޭނާ މަޑުމަޑުން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަންނަށް ހުރެވުނީއެވެ. ގަނޑުވެފައެވެ. ހަރަކާތް ހުއްޓިފައެވެ.
"މަށަށް ޔަގީން މަ މަތިން ހަނދާންކޮށް ނުނިދިގެންކަން ތި އުޅެނީ." ހޫދުގެ މެއާލައި އަހަރެން ބޮނޑިކޮށްލިއެވެ.
އޭނާ ވާހަކަދެއްކީ ވައި އަޑުންނެވެ. އަހަންނަށް ބަހެއް ވެސް ބުނަން ނުކެރިފައި ހުރެވުނީއެވެ. އެ ތަނަވަސް މޭމަތީގައި ނިތްކުރި ޖައްސާލެވުނެވެ. އަހަންނަށް ހޫދުގެ ހިތުގެ އަޑު އިވިއިވި ހުއްޓެވެ. އޭނާގެ ހަށިގަނޑުގައި ޖަހަމުން ދިޔަ ވިންދުތައް ވެސް އަހަންނަށް އިހުސާސް ކުރެވެމުން ދިޔަ ކަހަލައެވެ.
މަޑުމަޑުން ހޫދުގެ ދެ އަތުން އަހަރެންގެ ދަތްދޮޅީގައި ހިފައިލިއެވެ. އަހަރެންގެ މޫނު ތެދުކޮށްލުވިއެވެ. އަނެއްކާ ވެސް ހަތަރު ކަޅި ހަމަވިއެވެ. ހީވީ ފަރުބަދައެއްގެ މަތިން ފުން ވާދީއެއްގެ ތެރެއަށް ގެނބެމުން ދިޔަހެންނެވެ. ހޫދުގެ ކޮންމެ ހަރަކާތަކަށް އަހަންނަށް މަރުހަބާ ކިޔެމުން ދެވުނެވެ.
ކުއްލިއަކަށް މެއަށް ގޮތެއް ވާން ފެށިއެވެ. ހޫދުގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާ ލެވުނެވެ. ހޫދު ދިޔައީ އެއްލިގެންނެވެ. އަހަރެން އަމިއްލަ ތުންފަތް ފޮހެލީމެވެ. ހިންދިރުވާލަން އުނދަގޫވާހެން ހީވަމުން ދިޔައެވެ. އެއާއެކު ކަރުގައި އަތް އަޅައިގެން ހުރެ ގަދަކަމުން ހިންދިރުވަން މަސައްކަތް ކުރީމެވެ. ހޫދަށް އެ މަންޒަރު ފެނުނެވެ. އޭނާ އަވަސް އަވަހަށް އަހަންނަށް ފެންތަށްޓެއް ދިއްކޮށްލިއެވެ. އޭނާ އަހަރެންގެ ބުރަކަށީގައި ފިރުމައިދިނެވެ. ބޮލުގައި ފިރުމައިދިނެވެ. އޯގާތެރިކަމާއި ލޯތްބާއެކުގައެވެ. ފެންތަށި ހުސްވުމުން އަތުލަފި ކޮށްގެން ގެންގޮސް ސޯފާގައި ބޭންދުވިއެވެ.
"ކިހިނެއްވީ؟" ހޫދު ސުވާލުކުރީ ސީދާ އަހަރެންގެ މޫނަށް ބަލައިގެން އިނދެއެވެ.
"ނޭނގެ." އަހަންނަށް ބުނެވުނީ އެވަރަށެވެ.
"ކުރިން ވެސް މިހެން ވޭތަ؟ މި ބުނީ ނޭވާލާން އުނދަގޫވެ ކޮށިއަރާތަ؟" ހޫދު އަހައިލިއެވެ.
އަހަންނަށް ވިސްނައިލެވުނެވެ. ހަނދާނުގެ ދުރުމީގައި މަންޒަރުތަކެއް ކުރެހެމުން ދިޔައެވެ. ކަންތައްތަކެއް ހަނދާނަށް އަންނަން ފެށިއެވެ. ކުލަ ނުވެ ހުރި މަންޒަރުތަކެއް ފަދައިންނެވެ.
ކުއްލިއަކަށް އަހަންނަށް ތެދުވެވުނެވެ. ހައިރާން ކަމާއެކު ހޫދުގެ މޫނަށް ބަލައިލެވުނެވެ. އަހަންނަށް ފެނުނީ އެހެން މީހެކެވެ. ކަޅުކަޅު މޫނެކެވެ. ވަރުގަދަ ތުނބުޅިއެއްގެ ވެރިއެކެވެ. އެމީހާ ދެ ލޯ ބޮޑުކޮށްލިއެވެ. ސިހިފައި ކޮޅަށް ތެދުވެވުނެވެ.
އަހަންނަށް ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލެވުނެވެ. ހުރެވުނީ ފެންނަމުންދާ މީހާގެ މޫނަށް ބަލާށެވެ. އެއީ އާދަނެވެ. ފެންނަމުން ދިޔައީ އާދަނުގެ މޫނެވެ. ދެ ފަހަރަކު އެސްފިޔަ ޖަހައިލީމެވެ. އާދަނެއް ނެތެވެ. އަހަރެންގެ ކުރިމަތީގައި ހުރީ ހޫދެވެ. ހައިރާންކަމާއެކު ބަލާށެވެ. ދެ ލޯ ބޮޑުކޮށްގެންނެވެ.
"ކިހިނެއްވީ؟" ހޫދު އަހައިލިއެވެ. "ކީއްވެ ބިރުގަތީ؟"
"އާދަނު." އަހަންނަށް ބުނެވުނީ އެވަރަށެވެ.
ހޫދު ބަލައިލީ ފަހަތަށެވެ. އޭނާގެ ފަހަތުގައި މީހަކު ހުރިތޯއެވެ. އަނެއްކާ ވެސް ހޫދު ބަލައިލީ އަހަރެންގެ މޫނަށެވެ. ހައިރާންވެ ހުރެއެވެ.
"ކޮން އާދަނެއް؟" ހޫދު ދެ ލޯ ބޮޑުކޮށްލިއެވެ.
"އާދަން." ލަސްލަހުން އަހަންނަށް ބުނެވުނެވެ.
"އެހެން މީހަކު އުޅޭހެން ހީވަނީތަ؟ ކޮބައިތަ އާދަނަކީ؟" ހޫދު ވަށައިގެން ހޯދަމުން ސުވާލު ކުރިއެވެ.
އަހަންނަށް އިނގިލި ދިއްކޮށްލެވުނެވެ. ހޫދުގެ މޫނުގައި އިނގިލި ޖެހުނެވެ. ހަރަކާތެއް ވެސް ނެތި ހޫދު ހުރީއެވެ. ސުވާލުގެ ނަޒަރުން އަހަންނަށް ބަލާށެވެ.
"ނުހާ!" ހޫދު އަހަރެންގެ ދެ އަތްތިލައިގައި ހިފިއެވެ.
"އަހަންނަށް ކިޔަނީ އާދަމް ހޫދު." ހޫދު މަޑުމަޑުން އަހަރެންގެ މޫނަށް ބަލައިލިއެވެ. "ނުހާ ބިރުގަންނަނީ އަހަރެން ދެކެތަ ނޫނީ އާދަނެއް ދެކެތަ؟"
އަހަރެންދެ ދެ އަތުގައި ހިފައިލަމުން ހޫދު ސޯފާގައި އިށީނެވެ. އަހަރެން ވެސް ސޯފާގައި ބޭންދުވީ ހޫދެވެ.
"ނުހާ! އިހަށް ހަމަޖެހިލަބަލަ. ފުންކޮށް ނޭވާލާ! މަޑުމަޑުން ފުންކޮށް ނޭވާލާ! ނޭވާލަމުން އަހަންނާ ދިމާއަށް ބަލާ!އަހަރެންގެ އަތުގެ ހަރަކާތާ އެއްވަރަށް ނޭވާ ލަމުންދޭ!" އަހަންނަށް ވެގެން އުޅޭ ގޮތް ހޫދު ދެނެގަތެވެ.
ހޫދު ބުނިގޮތަށް ކަންތައް ކުރެވޭތޯ އަހަރެން ބަލަމުން ދިޔައީމެވެ. ބޮލަށް އަރާފައި ހުރި ބާރުގަނޑު ފިލައިގެން ދިޔައެވެ. މީހާ ތާޒާވަމުން ދިޔައެވެ. ލޮލުގެ ބޮނޑިމައްޗަށް އަރައިފައި ހުރި ވާންކަން ވެސް ފިލައި ދިޔައެވެ. ހޫދުގެ އަތުގެ ހަރަކާތާ އެއް ވަރަށް ލަސްލަހުން ފުންކޮށް ނޭވާލަމުން ދިޔައީމެވެ. ހޫދުގެ އަތްތިލަ މައްޗަށް ހިއްލަމުން ތިރިކުރަމުން ދިޔައެވެ.
"މިހާރު ހަމައަކަށް އެޅިއްޖެ ދޯ؟" އޯގާތެރިކަމާއެކު ހޫދު ބުނެލިއެވެ.
ބަދަލުގައި އަހަންނަށް ބޯ ޖަހައިލެވުނެވެ. ހިންދިރުވާ ލެވުނެވެ. ހޫދު ހިނިތުންވެލިއެވެ. އޭނާގެ ދެއަތުން އަހަރެންގެ ކޮނޑުގައި ހިފައިލިއެވެ.
"މާ ބޮޑަށް ހާސްވަނީއޭ." އަހަރެންގެ ދަތްދޮޅީގައި ހިފައިލަމުން އޭނާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
ދެ ތުންފަތަށް ބާރު ކޮށްލަމުން އަހަރެން ދެ ފަހަރަކު އެސް ފިޔަ ޖަހައިލީމެވެ. ހޫދު ސޯފާގައި ހަމަޖެހިލިއެވެ. އަހަރެން ނިތްމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ނަގައި ކަންފަތުގައި އަޅުވާލީމެވެ.
"ދެން ދޭ ނިދަން. މިހާރު ހަމަ ޖެހިލައިގެން ނިދައިލެވޭނެ." މަޑުމަޑުން އޭނާ ބުނެލިއެވެ.
އަހަންނަށް ބަލައިލެވުނީ ސީދާ އޭނާގެ މޫނަށެވެ. ބޮޑު ވާހަކައެއް ކިޔައިދޭން ބޭނުމޭ ބުނާ ފަދަ ގޮތަކަށެވެ.
"މިރެއަކު ނޫން. ހަމަ ޖެހިލައިގެން ދޯ ތި ވާހަކަ ދައްކާނީ." ހޫދު ޖަވާބު ދިނީ ސީދާ އަހަރެންގެ ހިތަށް އެރި ސުވާލަށެވެ.
ބޭއިޚްތިޔާރުގައި އަހަންނަށް ބަލައިލެވުނީ ހޫދުގެ މޫނަށެވެ. ދެ ބުމަ ކައިރިކޮށްލާ މައްޗަށް ހިއްލައިލަމުންނެވެ.
"އަހަންނަކީ އެހައި ގަޅި މީހެއް ނޫނޭ. އެހެން ނޫނަސް އަހަންނަށް ވިސްނޭ. އިހުސާސް ކުރެވޭ." ހޫދު ހިނިތުންވެލިއެވެ. "ތިޔަ ދެ ލޮލުން ދައްކާ ވާހަކަތައް އަހަރެންގެ ސިކުނޑިއަށް ނަގައި ގަނެވޭ."
އަހަރެންގެ ދެ އަތުގައި ހިފައިގެން ހޫދު ތެދުވިއެވެ. އަތުލަފި ކޮށްގެން ގެންދާ ކަހަލަ ގޮތަކަށް އަހަރެން ކޮޓަރިއާ ހަމައަށް އޭނާ ގެނެސްދިނެވެ. ކޮޓަރީގެ ދޮރު ހުޅުވާލަދިނީ ވެސް ހޫދެވެ. އަހަންނަށް ބަލައިލެވުނީ ހޫދުގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ. ބަދަލުގައި އޭނާ ހިނިތުންވެލިއެވެ. ތުންފަތް ހަރަކާތްކޮށްލިއެވެ.
"ވަރަށް ލޯބިވޭ." އަހަންނަށް ކިޔައިލެވުނީ އޭނާގެ ތުންފަތުގެ ހަރަކާތެވެ.
ޖަވާބުގައި އަހަންނަށް ވެސް އެހެން ބުނެލެވުނެވެ. ނަމަވެސް ތުންފަތާ ހަމައަކަށް ހަރަކާތެއް ނުގެނެވުނެވެ. ދުލާ ހަމައަށް އަޑެއް ވެސް ނައެވެ. އެކަން އޮތީ ހިތުގައި ފޮރުވިފައެވެ. ރައްކާކުރެވިފައެވެ. ބަދަލުގައި ލުއި ގޮތަކަށް ހިނިތުވެވުނެވެ. އަހަރެން ކޮޓަރިއަށް ވަންނަންދެން ހޫދު ހުއްޓެވެ. ބަލަހައްޓައިގެންނެވެ.
އެނދުގައި އޮށޯވެ އޮތް އިރު ވެސް ވިސްނެނީ ހޫދާމެދުގައެވެ. އޭނާގެ ހަރަކާތްތަކާ މެދުގައެވެ. އެ އޯގާތެރި ފިރުމުންތަކާ މެދުގައެވެ. އެ ހޭހަންކޮށް ދިނުމާ މެދުގައެވެ. އެއީ އުފާވެރި އިހުސާސްތަކެކެވެ. އެއީ ޖާދުވީ ހަރަކާތްތަކެކެވެ. އެ ހަރަކާތްތަކުގައި އެތައް މާނައެއް އެކުލެވެއެވެ. އެ ފިރުމުންތަކުގައި އެތަކެއް އިހުސާސެއް އުފެދެއެވެ. އެއީ ހަނދާނުން ފިލައިގެން ދާން ކަމެއް ނޫނެވެ. ހޫދު އެވަނީ ތެދުވެރި ލޯތްބެވެ. ހަގީގީ ލޯތްބެވެ. އެއީ އަހަރެން ބޭނުންވެގެން އުޅޭ ކަހަލަ އޯގާތެރިއެކެވެ. އަހަރެން ހިތް ގޮވާ ކަހަލަ ވިސްނުންތެރިއެކެވެ.
އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮވެ ކުރެވެމުން ދިޔައީ އެއް ހިޔާލުތަކެކެވެ. އެއް ފިކުރު ތަކެކެވެ. ހުރިހާ ހިޔާލެއްގެ މަސްދަރަކީ ހޫދެވެ. ހިޔާލުތައް އުފަންވަނީ ހޫދުގެ ނަމުންނެވެ. ހިޔާލުތައް ވިއްސިވިހާލި ނުވެ އާވެ އާލާވަނީއެވެ. އެނަމުގެ ވަށައިގެންނެވެ. އެ ސޫރައިގެ ވަށައިގެންނެވެ. އަހަންނަށް ވިސްނައިލެވުނެވެ. ތެދުވެވުނެވެ.
އެނދުގައި އިށީނދެ ލައިގެން އެތައް އިރަކު އިނދެވުނެވެ. އެކި ހިޔާލުތަކުން ސިކުނޑި ފުރެމުން ދިޔައެވެ. ބައެއް ފަހަރު ލަދުގަނެވެއެވެ. އަމިއްލައަށް ރަކިވެވެއެވެ. ޝަހާދަތް އިނގިލީގައި ދަތް އެޅެއެވެ. އިސްޖަހައިލެވެއެވެ. އަތްތިލައިގައި ފިރުމާލެވެއެވެ. ތުންފަތުގައި އިނގިލި ޖައްސާލެވެއެވެ. ކޮންމެ ހަރަކާތަކުން އިހުސާސްވަމުން ދިޔައީ ހޫދެވެ. ހޫދުގެ ފިރުމުންތަކެވެ. އޭނާގެ ހޫނު ކަމެވެ. އޭނާގެ މީރު ވަހެވެ. އެ ހިތްގައި ބީހުންތަކެވެ. ސިކުނޑީގެ މަކާނުގައި ކުރެހިފައިވަނީ އެ ސޫރައެވެ.
ފޯނު ނަގައި ގަޑިއަށް ބަލައިލީމެވެ. ތިނެއް ޖަހަން ތައްޔާރުވަނީއެވެ. ފޭސްބުކަށް ވަދެ ނަޒަރު ހިންގައިލީމެވެ. ހޫދުގެ އައިޑީ ހޯދައިލުމުގެ ނިޔަތުގައެވެ. ދެތިން ފަހަރަކު ހޫދު ޖަހައިލައިގެން ހޯދަން ބޭނުންވި މީހާގެ ފޮޓޯއެއް ފެނުނެވެ. ހޫދުގެ ވާހަކަތައް ކިޔައިލާ ހިތް ވިލެއް ބޮޑުކަމުންނެވެ. އެކަން ކުރާކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. ހީކުރި ގޮތާ ހިލާފަށް މާ ގިނަ ރަހުމަތްތެރިންނެއް ނެތެވެ. މާގިނަ ވާހަކަތެއް ހިއްސާކޮށްފަ އެއްވެސް ނެތެވެ. މީސްމީޑިއާގެ ފަހުލަވާނެއް ނޫންތާއޭ ހިތްބުނެލިއެވެ. އެކަމަކު ވެސް ލިޔެލަންވާނެއެވެ. އެހެންމީހުންނަށް ވެސް އަންގައިލަންވާނެއެވެ.
"އުފާދިން ޖާދުވީ އިހުސާސް. ހަނދާނުން ވެސް ފިލައިދޭހޭ..." ވިސްނައިލުމަށްފަހު އަހަރެންގެ ފޭސްބުކުގެ ސްޓޭޓަސްގައި ލިޔެލީމެވެ.
ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. މި ކުރެވެނީ ރަނގަޅު ކަމެއް ބާވައޭ ހިތަށް އެރީއެވެ. ދެތިން ފަހަރަކު ވިސްނައިލެވުނެވެ. ލިޔުންކޮޅު ފޮހެލަން ވެސް ހިތަށް އެރިއެވެ. އަދި މާ އަވަހޭ ހިތްބުނެލިއެވެ. އަދި ވާނެ ގޮތެއް ވެސް ނޭނގޭތާއޭ ހިތް ކިޔައިލިއެވެ. ފުންކޮށް ވިސްނައިލުމަށްފަހު ލިޔުންކޮޅު ފޮހެލީމެވެ.
އެއަށްވުރެ މޮޅު ޚިޔާލެއް ބޮލަށް ސަމާލުވީމައެވެ. ހަނދާނަށް އައީ ލަވައެކެވެ. ޔޫޓިއުބަށް ވަދެ ފީނައިލަމުން އެ ލަވައިގެ ލިންކު ހޯދައިލީމެވެ. އަހަރެން ބޭނުންވީ ސީދާ މީހާއަށް މެސެޖު ފޮނުވާލާށެވެ. ވައިބައަށް ވަދެ ހޫދުގެ ނަންބަރު ހޯދައިލުމަށްފަހު ލިންކު ހިއްސާކޮށްލީމެވެ.
ހިތްހަމަ ޖެހިލައިގެން އެނދުގައި އޮށޯވެލީމެވެ. ހޫދު ވެސް އޮންލައިންގައި ނެތުމުންނެވެ. އިސާހިތަކު ނިދީގެ ރާނީ އަހަރެންގެ ދެލޮލުގައި ކަޅުކުލައިގެ ފަރުދާއެއް ފަތުރައިލި ކަހަލައެވެ.
ހޭލެވުނީ ބައްޕަ ގޮވާލުމުންނެވެ. އަވަސްއަވަހަށް ތެދުވެ ގަޑި ބަލައިލީމެވެ. އޭރު ހަތެއް ޖަހަނީއެވެ.
"ދަރިފުޅާ ހޫދަށް ވެސް ސައި ހަދަންވާނެ. އޭނާ އޮފީހަށް ދާނީ އަށެއް ޖަހާއިރު. އަވަހަށް ތެދުވޭ." ނިދިން ބަރުވެފައިވާ އަޑަކުން ބައްޕަ ބުނެލިއެވެ.
ހޫދުގެ ނަން އިވުނު އިރަށް ކަމެއް ހަނދާންވިއެވެ. ތެދުވެ ދެފައި ވަށްކޮށްލައިގެން އެނދުގައި އިށީނދެލެވުނެވެ. އަހަންނަށް ބަލައިލެވުނީ ހޫދުގެ ޖަވާބެއް ލިބިފައި އޮތްތޯއެވެ.
"އުޑުން ތަރިއެއް ވިޔަސް ބޭނުން ވެދުން ކުރުމަށް މަ ނޫޅެންހޭ؟" ހޫދު ވެސް ފޮނުވާފައި އޮތީ އަހަރެން ފޮނުވި ލަވައިގެ ތަންކޮޅެކެވެ.
އަހަންނަށް ރާގުގައި ކިޔައިލެވުނެވެ. ފާޑަކަށް ހިނި ވެސް އައެވެ.
"ކިހިނެއްވީ ފޯނަށް ބަލަބަލައިފަ ތި ހެނީ؟"
ބައްޕަގެ އަޑު ޖެހުމުން ލަދުން އިސްޖަހައިލެވުނެވެ. ރަކިވިވަރުން ދެ ތުންފަތުގައި ދަތް އަޅައިލެވުނެވެ.
"ކޮން ތަރިއެއްގެ ވާހަކައެއް ތި ކިޔަނީ؟ އަނެއްކާ ތަރިއަކަށް ކަމެއްވީތަ؟" ބައްޕަ އަހައިލިއެވެ.
"ނޫން. މީހަކު ލިޔެފަ އޮތް އެއްޗެއް ކިޔައިލެވުނީ." އަހަރެން ބޭނުންވީ ސިއްރުކުރާށެވެ.
އާއްމުކޮށް ނޫސްތަކުގައި ހުންނަ ސުރުހީތައް ކިޔައިފަ އަހަރެން ވަރަށް ގިނައިން ހެމެވެ. ބައެއް ފަހަރު އެކަހަލަ މަޖާ ސުރުހީތައް ބައްޕައަށް ވެސް ކިޔައިދެމެވެ. ބައްޕަ ހީކުރީ އެކަހަލަ ޚަބަރެއްގެ ސުރުހީ އަހަރެން ކިޔައިލިކަމަށެވެ.
އަވަސް އަވަސް ކޮށްލައިގެން އަހަރެން ތެދުވީމެވެ. އަތްމަތި އަވަސްކޮށްލައިފަ ފަހަރަކު ކަމެއް ކުރަމުން ގޮސް ހެނދުގެ ސައި ތައްޔާރުކޮށް ނިންމާލެވުނީ ސީދާ ހަތްގަޑި ސާޅީސް ފަހަކަށެވެ. ބައްޕަގެ ޚަބަރެއް ބަލައިލީމެވެ. ބައްޕަ ވެސް ތައްޔާރުވެގެން ނުކުންނަނީއެވެ.
"ކޮބާ ހޫދު؟" ބައްޕަ ފުރަތަމަ ވެސް ބަލައިލީ ހޫދު ކޮބައިތޯއެވެ.
"ނުނިކުމެ."
ބައްޕަ ދިޔައީ ހޫދުމެން ކޮޓަރި ދޮރު ކައިރިއަށެވެ. ޓަކި ޖަހަން އަތް ހިއްލައިލި އިރަށް ދޮރު ހުޅުވިއެވެ.
"އަހަނ! ހަމަ ގޮވައިލަން އުޅުނު އިރަށް ތި ހުޅުވީ." ބައްޕަ ހިނިތުންވެލަމުން ބުނެލިއެވެ. "އަވަހަށް އާދެ ސަޔަށް. ސައިބޮއެގެން ދާންވާނީ."
"ސައި؟" ހޫދު ހައިރާން ކަމާއެކު ބަލައިލީ އަހަރެންގެ މޫނަށެވެ.
ބަދަލުގައި ފަޚުރުވެރިވެލައިފައި އަހަރެން ނިތް އަރުވާލީމެވެ.
"އަހަރެން ދުވަހަކު ވެސް މިގަޑީ ސަޔެއް ނުބޮން." ހޫދު ހައިރާން ކަމާއެކު ބުނެލިއެވެ. "ސައި؟"
"އެހެން ނުހަދާ، ނުހާ ވެސް ދެރަވާނެ ދޯ، ކައްކާފައި ހުއްޓާ ނުކައި ދިޔައީމަ. އަހަރެން ވެސް ކުރިން މިގޮތަކަށް ނޫނޭ އުޅުނީ. ނުހާ މާލެ އައި ފަހުން މި ގޮތަށް ބަދަލުވާން ޖެހުނީ. އެއްގޮތަކުން މި މާ ރަނގަޅު އާދައެއް. އިގުތިސާދީ ނަޒަރަކުން ވިސްނާނަމަ މާ ފައިދާ ހުރި ގޮތެއް. މިހާރު ދިވެހިން ކަންނެތް ވެގެން މި ރީތި އާދަތައް ވެސް ގެއްލިއްޖެ." ކައި މޭޒު ކައިރީ އިށީންނަމުން ބައްޕަ ތައުރީފު ކުރީ އަހަންނަށެވެ.
އަހަރެން އުޅުނީ ބައްޕައާއި ހޫދަށް ސައި އަޅައިދޭށެވެ.
"އަހަރެން ހީ ކުރީ ނުހާ ކުލާސް ހަވީރަށް އޮންނާތީ އަރާމުކޮށްލާނީ ކަމަށް." ހޫދު ބަލައިލީ އަހަރެންގެ މޫނަށެވެ.
ސިހިފައި އަހަންނަށް ބަލައިލެވުނީ ހޫދުގެ މޫނަށެވެ. އޭނާ އުޅެނީ ރޭގެ ވާހަކަ ދައްކަންބާއޭ ހިތަށް އެރުމާއެކު ފާޑަކަށް ތުރުތުރު އަޅަންފެށިއެވެ. ހޫދު ވެސް ބަލައިލީ އަހަރެންގެ މޫނަށެވެ.
"ރޭގަ ފާޑެއްގެ..." ހޫދު ވާހަކަ ފެށި އިރަށް އަހަރެން މޫނާއި ދެ ބުމައިން ނޫން ކަމަށް ބުނެލީމެވެ.
"އާނ! ކޮންމެ ވެސް ތަރިއެއްގެ ވާހަކައެއްދޯ! އެ ކޮން ވާހަކައެއްތަ؟" ހޫދު ހުއްޓައިލުމުން ބައްޕަ ފެށިއެވެ.
އަހަރެން ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ބައްޕަ އުޅުނީ ތަރީގެ ވާހަކަދައްކާށެވެ. ހޫދުބަލައިލީ ސީދާ އަހަރެންގެ ލޮލަށެވެ. އޭނާ ފޮނުވި ޖަވާބު ބައްޕައަށް އެނގުނީކަމަށް ހީކުރީއެވެ.
"ތަރިއަކަށް ބިންހެލުމެއް އައީއޯ. މިހާރު ދުނިޔެ ތަރައްގީ ވެފަ އޮތްވަރުން ތަރިއަށް އަންނަ ބިންހެލުން ވެސް ދެނެގަނެވޭޔޯ؟ ދެން ކާކު ގަބޫލު ކުރާނެ ވާހަކައެއް." އަހަރެން ފެށީ ހޫދަށް ވެފައި އިން ގޮތް ފެނުމުންނެވެ.
"އެހެންތަ؟" ބައްޕަ ހިނިގަނޑެއް ޖަހައިލިއެވެ.
"އެ ޕްލެނެޓަކަށް ނުދިޔަސް ފެންނަ މަންޒަރުތަކާއި ހިނގާ ހާދިސާތަކުން އަނެއް ޕްލެނެޓުގެ ހަރަކާތްތަކަށް އަންނަ ބަދަލު ފެންނާނެ. ހަމަ އެގޮތަށް އެތައް ކަމެއް މާނަ ވެސް ކުރެވިދާނެ." ހޫދު ނުސީދާކޮށް ޖަވާބު ދިނީ އަހަންނަށެވެ.
އެކަން ބައްޕައަށް ނޭނގުނަސް އަހަންނަށް ވިސްނުނެވެ. އޭނާ އެ ދެއްކީ އަހަރެންގެ ވާހަކައެވެ.
"ހޫދު ވެސް ވަރަށް މޮޅޭދޯ ދިވެހިބަހަށް. އަހަރެން ހީކުރީ ލަންޑަނުގައި އެހައި ގިނަ ދުވަހު ކިޔަވަން ހުރީމަ ދިވެހިބަސް ނޭނގޭނެ ކަމަށް." ބައްޕަ ހިނިގަނޑެއް ޖަހައިލިއެވެ.
"ކޮންމެ ތާކުން ކިޔެވިޔަސް، ދިރިއުޅެން މި ޖެހެނީ ދިވެހިރާއްޖޭގަ. ދިވެހިރާއްޖޭގަ އުޅެންޏާ ދިވެހިން ވާހަކަދައްކާ ބަހެއް އެނގެން ޖެހޭ. އެހެންނޫނީ އެނގޭނީ މީހުން ދައްކާ ވާހަކައިގެ އެއްބައި. ދެން ދިވެހި ދޭހަ ނުވެގެން ބުނިއެއްޗެއް ނޭނގިގެން އުޅެން ޖެހޭނީ." ހޫދު ވެސް ބައްޕަގެ ވާހަކަގައި ބައިވެރިވެލިއެވެ.
އަހަރެން ބަހެއް ނުބުނެ ހުރީއެވެ.
"ދިވެހިން ތެރޭގައި އަދިވެސް ގިނައީ ވަށްބަހުންނާ ދެ މާނަ އެކުލެވޭ ގޮތަށް ވާހަކަދައްކާ މީހުން. އެއްގޮތަކުން އެ ވަރަށް ފުރިހަމަ ގޮތެއް." ހޫދު ބަލައިލީ އަހަރެން މޫނަށެވެ. "ބުނަން ބޭނުންވާ އެއްޗެއް ސީދާކޮށް ނުބެނެ ދުރުދުރުން ބުނެލައިގެން ވެސް ދޭހަވާނެތާދޯ."
ހޫދު އަތްދޮންނަށް ތެދުވުމުން އަހަރެން ތަށިތަށް ނަގަން މޭޒު ކައިރީ މަޑުކޮށްލީމެވެ. އޭރު ބައްޕަ ބޭރަށް ނުކުންނަނީއެވެ. ފުރުސަތުގެ ބޭނުން ހިފީ ހޫދެވެ. އެޕާޓުމަންޓުގެ ދޮރު ލެއްޕި އިރަށް ހޫދު އަހަރެންގެ ފަހަތުން ގައިގައި ބައްދާލީއެވެ. އަހަންނަށް ހަށިގަނޑު ތެދުކޮށްލެވުނެވެ. ހޫދުގެ ތުންފަތް ޖެހުނީ އަހަރެންގެ ކޮލުގައެވެ. ނޭވާ އެތެރެއަށް ހިފަހައްޓާލައިގެން އަހަންނަށް ހުރެވުނީއެވެ. ހޫދުގެ ގައިން ދުވަމުން ދިޔަ މީރުވަހުން ހިތްފުރެނީއެވެ.
"ހާދަ މީރޭ! އަދި ދުވަހަކު ވެސް މިހާ މީރުކޮށް ނުކަން." ހޫދު ވާހަކަދެއްކީ ވައި އަޑުންނެވެ. "އަދި އަސްލު ކޮފީގެ ރަހަ ވަރަށް މީރުވާނެތާދޯ؟"
އަހަރެން ގާތަށް އައީ ލާނެތް ހިންޏެކެވެ. ހިނދުކޮޅެއް ވަންދެން އަނގައިން ވެސް ނުބުނެ އެ ހުރި ގޮތަށް ހުރެވުނީއެވެ.
"ފަރުވާތެރިކަމަކީ އަހަރެން ވަރަށް ލޯބިކުރާ ސިފައެއް." ފާރުގައި ހުރި ގަޑިއަށް ބަލައިލަމުން އަހަރެން ބުނެލީމެވެ.
ހޫދު ގާތަށް ހިނިއައެވެ. އޭނާ ބަލައިލީ ގަޑިއަށެވެ.
"އަމިއްލަ އެދުމުގެ ފާޓުގެ މިން ބަލަން ހުރެގެން އަމިއްލަ އޮފީހަށް ގަޑި ޖެހިދާނެތަ؟" ހޫދު ދުރަށް ޖެހިލިއެވެ.
އަހަރެން ފަސް އެނބުރި ބަލައިލީމެވެ. ހޫދު ގަމީސް ރީތިކޮށްލިއެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ ޓައީ އެއްފަރާތަށް ކެހިފައިވާތީއެވެ. ދެ އަތް ހިއްލައިލުމަށްފަހު ހޫދުގެ ޓައީ ރީތިކޮށްދިނީމެވެ. ހޫދު ހުރީ ހުއްޓުން އަރާފައެވެ.
"މި ހާދަ ދެކެން ބޭނުންވި ދުވަހެކޭ." ހޫދު ހިނިތުންވެލިއެވެ. "އަދި ކޮންމެ ދުވަހަކު މި މަންޒަރު ތަކުރާރުވާނެނަމަ ދޯ!"
ހޫދު އަހަރެންގެ މޫނަށް ބޮސްދިނެވެ. އޭނާ އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ސޯފާއާ ދިމާއަށް ހިނގައިގަތެވެ.
(ނުނިމޭ)