ރަސްމީ ޑިއުޓީގައި ފުލުހުންތަކެއް ނިދާފައި ތިބި ފޮޓޯތަކެއް އާންމުވެ ދައުރުވާން ފެށުމުން ފާޑުކިޔުންތައް އަމާޒު ވެއްޖެ އެވެ.
ދެ ތަނެއްގައި ޑިއުޓީ ކުރި ފުލުހުން ނިދާފައިވާ ފޮޓޯތަކެއް ދައުރު ކުރަމުން ދެއެވެ. މީގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކުރި ފަރާތުން ބުނެފައިވަނީ އެއީ ހުޅުމާލެތެރެ ޕެޓްރޯލް ކުރަން ރޭ ޑިއުޓީގައި ތިބި ފުލުހުން ކަމަށެވެ. އަދި ބުނެފައި ވަނީ އެ ފުލުހުން ދަންވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަރަހައްދަށް ގޮސް ފުލުސް ކާރު ޕާކް ކުރުމަށްފަހު އެ ކާރުތެރޭގައި ނިދާފައި ތިބީ ކަމަށެވެ.
ދެން ދައުރުވަމުން ދަނީ މާލޭގެ ހެންވޭރުގައި ހުންނަ ބީއެމްއެލް އޭޓީއެމް ތެރޭ ޑިއުޓީގައި ބަހައްޓާފައި ހުރި ފުލުސް މީހާ ނިދާފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯތައް އާންމުވުމާއި ގުޅިގެން "ޓް ޕްރޮޓެކްޓް އެންޑް ސާވް" ޖަހައިގެން ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރަނީ މިފަދައިންތޯ ބައެއް މީހުން ވަނީ ސުވާލުކޮށްފަ އެވެ.
އަދި ވަޒީފާގެ ޒިންމާ އަދާކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަނީ ހުވަފެނުގައިތޯ ވެސް ބައެއް މީހުން ސުވާލު ކޮށްފައި ވެއެވެ.
މި ކަމާ ގުޅިގެން ފާޑު ކިޔުންތައް އަމާޒްވެފައިވާއިރު ފުލުހުންގެ އިދާރާއިން އަދި އެކަމާ ގުޅޭ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.