ގާނޫނީ ފަންނުގެ ގާނޫނު މިހާރު އޮތް ގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެ ގާނޫނު އިސްލާހު ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއް ތައްޔާރުކޮށްފި އެވެ.
މިދިޔަ އަހަރު ވުޖޫދަށް އައި ގާނޫނީ ފަންނުގެ ގާނޫނުގައި ބުނާ ގޮތުން ގާނޫނީ ވަކީލު ކަމުގެ ލައިސަންސް ލިބެނީ އެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރުމަށް ފަހު ބާ ކައުންސިލް އިން ތައްޔާރު ކުރާ އިމްތިހާނަކާއި އެއް އަހަރު ދުވަހުގެ ތަމްރީނެއް ހެދުމަށް ފަހުގަ އެވެ. އެހެންވެ ދަރިވަރުން ހުވާ ކުރުން ވަނީ މަޑުޖެހިފަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެ ކަމާ ގުޅިގެން ގާނޫނީ ދާއިރާއިން ދަސްވެނިވެފައިވާ 389 ދަރިވަރުން ސޮއިކޮށްފައިވާ ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅައި ދިނުމަށް އެދި އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ. މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް އެ ޕެޓިޝަން މިއަދު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
އެ ޕެޓިޝަނުގައި ބުނެފައި ވަނީ، ރާއްޖޭގައި ތަމްރީނު ހަދަން ކަނޑައެޅިފައިވާ ތަންތަނުގެ އަދަދު މަދުވުމުން އެ ތަންތަނުން ހުރިހާ ދަރިވަރުންނަށް ތަމްރީނު ދެވޭނެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. މިއީ ވަޒީފާ އަދާ ކުރާ ދަރިވަރުންނަށް އިތުރު ތަކުލީފަކަށް ވާނެ ކަމެއް ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ކިޔަވަން ފެށި ދަސްވެނިވެފައިވާ ދަރިވަރުންނަށް އެ ގާނޫނުގެ ދަށުން އަމަލު ކުރުމަކީ ވެސް ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ. އަދި އިންތިގާލީ މަރުހަލާއެއް އެ ގާނޫނަށް އިތުރުކޮށް އިސްލާހު ކުރުމަށް ޕެޓިޝަނުގައި ވަނީ ގޮވާލައިފަ އެވެ.