ހަބަރު

ފާޑުކިޔުން އަމާޒުވުމާއެކު މުޣުނީ މައާފަށް އެދިއްޖެ

ކޯރޯނާ ވައިރަސްއާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ދެއްކެވި ވާހަކައާ ގުޅިގެން އޭނާއާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން މައާފަށް އެދިއްޖެ އެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މުޣުނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮރޯނާ ވައިރަސްގެ ވާހަކަ ދައްކަމުން ދަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އެހެންވިޔަސް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށާއި ކާމިޔާބު އިދިކޮޅު މެންބަރުން "ކޮރޯނާ ވައިރަސްގައި ޖައްސާފައި ބައިތިއްބައިގެން" ކަމަށެވެ.

މުޣުނީގެ ވާހަކައާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. މި ގޮތުން ސޯޝަލް މީޑިއާ އާއި ޓްވީޓާގައި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންނާއި ސަޕޯޓަރުން ވެސް ގެންދަނީ އޭނާގެ ވާހަކަ ކުށްވެރިކޮށް ވާހަކަ ދައްކަމުންނެވެ. މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެ ވާހަކަ ކުށްވެރިކޮށް ވަނީ ޓްވީޓް ކުރައްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މުޣުނީ ދެއްކެވި ވާހަކައާ ގުޅިގެން އޭނާ މައާފަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން އާޒިމް އެކަމުގައި މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ފަހަރެއްގައި ވެސް އަޅުގަނޑުމެންގެ [އެމްޑީޕީގެ] ވިސްނުމަކަށް، އަދި އަޅުގަނޑު ދެކޭ ގޮތުގައި މުޣުނީގެ ވިސްނުމަކަށް ވެސް ނުވާނެ، އެހެން ފަރާތަކަށް ކޮރޯނާ ވައިރަސް ޖައްސާފައި އަޅުގަނޑުމެން އިންތިހާބެއް ކާމިޔާބު ކުރުން ނޫނީ އެހެން ކަމެއް ކުރަން އުޅުން، މެންބަރުން އެ ވިދާޅުވި ބަހަކީ އޮޅިގެން ބުނި ބަހެއް ކަމުގައި ދެކެން،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގައި ރިޔާސަތުގައި އޭރު އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ނިޒާމީ މައްސަލައަކަށް ނުވި ނަމަވެސް ނިޒާމީ ނުކުތާއެއްގެ ތެރެއިން އެ ކަން ފާހަގަކޮށްދެއްވީތީ އުފާ ކުރައްވާ ކަމަށެވެ. އަދި ސިޔާސީ ގޮތުން ކިތަންމެ ވަރަކަށް ކޯޅުނަސް އެހާ އަނިޔާވެރި ބަސްތަކެއް ބޭނުން ނުކުރެއްވުމަށް އީވާ އިލްތިމާސް ކުރެއްވި އެވެ.

"ރިޔާސަތުގައި އޮންނަ މީހެއްގެ ބާރުގައި އޮންނަ ކަމެއް ނޫން އެއީ މަޖިލީހުގައި މެންބަރުން ދައްކަވާ ވާހަކަތައް ހުއްޓުމަކީ، އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު މެންބަރަކު ދައްކާ ވާހަކައެއް ރިޔާސަތަކަށް ނުހުއްޓުވޭނެ، އެހެން ނަމަވެސް އަޅުގަނޑު އިލްތިމާސް ކުރަން މެންބަރުން ކިތަންމެ ވަރަކަށް ސިޔާސީ ގޮޅުން ކޯޅުނަސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަނިޔާވެރި ބަސްތަކުން ބަހުސްކޮށް ނޫޅުމަށް،" އީވާ ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްގެ ކުއްލި މައްސަލާގައި ވަނީ އެ ވައިރަސް ރާއްޖެ އަތުވެއްޖެނަމަ ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރުމުގައި ދަތި ކަމެއް ދިމާވެދާނެތީ އެ ކަމަށް ސަރުކާރުން ތައްޔާރު ވުމަށް ގޮވާލައްވާ ކަމަށެވެ. އެ މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ ސަރުކާރުން އޮތީ އެ ކަމަށް ތައްޔާރުވެގެން ކަމަށެވެ.