މިދިޔަ މަހު ސުޕްރީމް ކޯޓުން ވަކިކުރި ދެ ފަނޑިޔާރުންނަށް ވެސް ރިޓަޔާމެންޓް އިނާޔަތްތައް ލިބޭނެ ކަމަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވާތީ ރިޓަޔާމެންޓް އިނާޔަތާއި އިމްތިޔާޒު ދިނުމުގެ ގަވާއިދު ވެސް އެގޮތަށް ސުޕްރީމް ކޯޓުން އިސްލާހުކޮށްފި އެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން، އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަނީ ވަކިކޮށްފަ އެވެ. އެ ދެ ބޭފުޅުން ވަކިކުރި ނަމަވެސް ގާނޫނަށް ގެނައި އެ އިސްލާހުގައިވާ ގޮތުން ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ ދެ ބޭފުޅުންނަށް ރިޓަޔާމެންޓް އިނާޔަތްތައް ދޭންޖެހޭނެ އެވެ.
އެގޮތަށް އެ އިސްލާހުގައި ބަޔާންކޮށްފައިވާތީ ސުޕްރީމް ކޯޓުން އިއްޔެ އިސްލާހު ގެނައީ އެ ކޯޓުން 2011 ގައި އެކުލަވާލާފައިވާ "ޝަރަފްވެރިކަމާ އެކު ފަނޑިޔާރުކަމުން ވަކިވާ ފަރާތްތަކަށް ދެވޭ ޚާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތަކުގެ" ގަވާއިދަށެވެ. އެ ކޯޓުން އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި ވަނީ އެ ދެ ބޭފުޅުންނަށް އިނާޔަތް ދޭންޖެހޭނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ.
އެ ގަވާއިދަށް އިއްޔެ ގެނައި ހަމައެކަނި އިސްލާހަކީ އެ ދެ ބޭފުޅުންނަށް ވެސް އެ ގަވާއިދުގައި ބުނާ އިނާޔަތްތައް ދޭންޖެހޭނެ ކަމަށް ބުނެ އެ ގަވާއިދަށް މާއްދާއެއް އިތުރު ކުރުމެވެ. ގަވާއިދަށް އިސްލާހު ގެނައި ސާކިއުލާގައި ސޮއި ކުރައްވާފައިވަނީ އުއްތަމަ ފަނޑިޔާރު ކަމަށް އަލަށް އައްޔަން ކުރައްވާފައިވާ އަބްދުﷲ ސައީދެވެ.
ފަނޑިޔާރުންގެ ގާނޫނުގައި ބުނާ އިނާޔަތްތައް ދިނުމުގައި އަމަލުކުރާނެ ގޮތް ބަޔާން ކުރުމަށް ސުޕްރީމް ކޯޓުން ހަދާފައިވާ އެ ގަވާއިދުގެ ދަށުން ފާއިޒާއި މުއުތަސިމަށް ރިޓަޔާމެންޓް އިނާޔަތް ދިނުމުގެ އިތުރުން އެ ދެ ބޭފުޅުންނަށް "ޖަސްޓިސް ރިޓަޔާޑްގެ ލަގަބު" އެރުވޭނެ އެވެ. އަދި އެ ލަގަބު ދޭންޖެހޭނީ ވެސް ރަސްމީ ޖަލްސާއެއްގައި އެވެ.
މީގެ އިތުރުން އެ ދެ ބޭފުޅުންގެ ނަން ބޭނުންކުރާ ކޮންމެ ލިޔުމެއްގައި ވެސް އެ ބޭފުޅެއްގެ ނަމުގެ ކުރިއަށް އެ ލަގަބު ބޭނުންކުރަން ޖެހޭއިރު އެ ދެ ބޭފުޅުން އެއްގަމު ދަތުރުފަތުރު ކުރުމަށް ސުޕްރީމް ކޯޓުން ކާރެއް ހަމަޖައްސައިދޭން ޖެހޭނެ އެވެ. އަދި ކާރު ޑްރައިވަރުގެ މުސާރަ އާއި ޕެޓްރޯލް ޚަރަދަށް ވެސް ސުޕްރީމް ކޯޓުން ފައިސާ ދޭންޖެހެ އެވެ.
މީގެ އިތުރުން އެ ދެ ބޭފުޅުންނަށާއި އެބޭފުޅުންގެ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިނުމުގެ އިތުރުން މެޑިކަލް އިންޝުއަރެންސްގެ ޚިދުމަތް ރާއްޖެ އާއި ސާކްގެ ގައުމުތަކުގެ އިތުރުން އާސިއާންގެ ގައުމުތަކުން ވެސް ލިބޭނެ ގޮތް އެ ގަވާއިދު ބުނާގޮތުން ހަމަޖައްސައިދޭން ޖެހޭނެ އެވެ. އަދި އެ ދެ ބޭފުޅުންނަށް ހުރިހާ ތަނަކުން ވެސް ވީއައިޕީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ވެސް ހަމަޖެއްސުމާ އެކު އެ ދެ ބޭފުޅުންގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަން ޖެހެއެވެ.
ފާއިޒާއި މުއުތަސިމަށް ރިޓަޔާމެންޓް އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނީ އެ ދެ ބޭފުޅުންގެ މުސާރައިގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 70،000ރ. ލިބިވަޑައިގަންނަވާއިރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވަނީ މަހަކު 72،000ރ. އެވެ.