އިސްލާމްދީނަކީ ލުއިފަސޭހަ ދީނެވެ. ހެޔޮ ޞިއްޙަތުގައި ތިބުމުގެ މައްޗަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވެއެވެ. އަދި ހެޔޮ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާކުރުމަށް އިރުޝާދު އައިސްފައިވެއެވެ.
ބަލިމަޑުކަމެއް ކުރިމަތިވެއްޖެ ޙާލަތުގައި ދީނުގެ ވާޖިބުތަކާއި ރުކުންތައް އަދާކުރުމުގައި ވެސް އެތައް ލުޔެއް މާތް ﷲ ދެއްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ: (” ُ هوَ اجتَبَاكمْ وَمَا َجعَلَ علَيْكُمْ فِي الدِّينِ ِ منْ َ حرَجٍ” سورة الحج، الآية: 78 ) މާނައީ: "(أمّة ތަކުގެތެރެއިން) އެކަލާނގެ ތިޔަބައިމީހުން خيار ކުރެއްވިއެވެ. އަދި دين ގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ."
އިސްލާމީ ޝަރީޢަތުގައި އިންސާނާގެ ފުރާނަ ވަނީ ޙުރުމަތްތެރިކުރައްވާފައެވެ. މިގޮތުން އިންސާނާގެ ފުރާނަ ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ހިމެނޭ މަތިވެރި މަޤުޞަދެކެވެ. އެހެންކަމުން ފުރާނައަށް ނުރައްކާވާ އެންމެހާ ކަންކަމުން ފުރާނަ ރައްކާތެރިކުރުމަށްޓަކައި ފިޔަވަޅުއެޅުމަކީ ޝަރުޢުގެ އުޞޫލުތަކުގެ ދަށުން ދައުލަތާއި ފަރުދުންނާއި ޖަމާޢަތުގެ މައްޗަށް ލާޒިމު ކުރާކަމެކެވެ.
އިސްލާމީ ޝަރުޢީ ޤަވާޢިދެއްގައިވެއެވެ. "މަޞްލަޙަތުތައް ޙާޞިލްކުރުމަށް ވުރެ، ގެއްލުންދެނިވިކަންކަމުގެ ދޮރުތައް ބަންދުކުރުން އިސްވެގެންވާނެއެވެ." އެހެން ޤަވާޢިދެއްގައިވެއެވެ. "ޢާއްމު ގެއްލުންތަކުން ސަލާމަތްވެގަތުމަށްޓަކައި ޚާއްޞަގެއްލުންތަކެއް ތަޙައްމުލްކުރެވިދާނެއެވެ".
މިހެންކަމުން، ކްރޯނާ ވައިރަސް ފަދަ އިންސާނިއްޔަތަށް ގެއްލުންދެނެވި އަދި ބާރު މިނެއްގައި ފެތުރިގެންދާ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔަކުން މުޅި މުޖުތަމަޢު ސަލާމަތްކުރުމަށް ފިޔަވަޅުތައް އަޅައި އެ ފިޔަވަޅުތައް ވަރުގަދަ ކުރުމަކީ ދައުލަތާއި ޖަމާޢަތުގެ މައްޗަށް ދީނީ ގޮތުން ލާޒިމުވެގެންވާ ކަމެއްކަން ކަށަވަރެވެ. ހަމަ އެފަދައިން ދައުލަތުން އަޅާ ފިޔަވަޅުތަކަށް ތަބަޢަވުމަކީ މުޖުތަމަޢުގެ އެންމެހާ އަފްރާދުންނާއި ޖަމާޢަތްތަކުގެ މައްޗަށް ދީނީ ގޮތުން ވާޖިބުގެންވާ ކަމެކެވެ. މިގޮތުން އަންނަނިވި ފިޔަވަޅުތައް އެޅުން ވާޖިބުވެގެންވެއެވެ.
(ހ) މުޖުތަމަޢުގައި ބަލިމަޑުކަން ފެތުރިގެން ދިއުން ހުއްޓުވައި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަކީ ދައުލަތާއި ފަރުދުންނާއި ޖަމާޢަތްތަކުން ކުރަންޖެހޭނެ ކަމެކެވެ. ދައުލަތުން އަޅާ ފިޔަވަޅުތަކާ ޚިލާފު ވުމަކީ ދީނީ ގޮތުން ހުއްދަވެގެންވާނެ ކަމެއްނޫނެވެ.
(ށ) އެއްވެސް ފަރުދަކަށް ބަލިޖެހިއްޖެ ނަމަ، ނުވަތަ ބައްޔަށް ތުހުމަތު ކުރެވިއްޖެ އެފަރުދަކު ޢާއްމުން އެއްވާ ތަންތަނަށް ގޮސް އުޅުމަކީ ދީނީ ހުއްދަވެގެންވާނެ ކަމެއްނޫނެވެ. އަދި ޖަމާޢަތަށް މިސްކިތައްދިއުމާއި ހުކުރު ނަމާދާއި ދެ ޢީދު ދެނަމާދުގައި ބައިވެރިވާން އެފަދަ ފަރުދަކު މިސްކިތައް އެރުންވެސް ހުއްދަވެގެންނުވެއެވެ. އެފަދަ ފަރުދަކުގެ މައްޗަށް ލާޒިމުވެގެންވަނީ ދައުލަތުން ކަނޑައަޅާ ކަންޓީނު އުޞޫލުތަކަށް ތަބަޢަވުމެވެ. އެއީ އެހެން ފަރާތަކާއި މުޖުތަމަޢަށް އެބަލި ފެތުރިގެން ދިޔަ ނުދިނުމަށްޓަކައެވެ.
(ނ) ބަލި ފެތުރިއްޖެ ޙާލަތުގައި އޭގެ ބޮޑުމިނަށް ބަލައި، ޙާލަތަށް ބަލައި ކަމާބެހޭ ފަރާތްތަކުން، އެއްވެސް އެއްވުމެއް ނުބާއްވަން އަންގައިފި ނަމަ، ޖަމާޢަތުގައި މިސްކިތުގައި ކުރާ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ދެ ޢީދު ދެނަމާދާއި ތަރާވީޙު ނަމާދު ފަދަ ނަމާދުތަކުގެ ޖަމާޢަތް މިސްކިތުގައި ޤާއިމު ކުރުން މަޑު ޖައްސާލެވިދާނެއެވެ. ބަލި ފެތުރިފައިވާ ރަށެއްގައި ނަމާދުގެ ޖަމާޢަތް ބޭއްވުން ހުއްޓާލުމަށް ކަމާބެހޭ ފަރާތްތަކުން ނިންމުމަކީ ޖާއިޒު ވެގެންވާ ކަމެކެވެ. އެފަދަ ޙާލަތުގައި ޖަމާޢަތުގައި ކުރާ ނަމާދެއް ނަމަ ގޭގެ އަހުލުވެރިންނާއެކު ގޭގައި ކުރާނީއެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ ޖަމާޢަތުގެ ނަމާދުގެ ޘަވާބު އެޙާލަތުގައި ލިބޭނެއެވެ. ބަލިމަޑުކަން ފިލައްޖައުމަށްދާންދެން އެގޮތައް ޢަމަލު ކުރުމަކީ ޖާއިޒުވެގެންވާ ކަމެކެވެ.
(ރ) ބަލި ނުޖެހުނު ނަމަވެސް ޢުމުރުން ދުވަސްވީ މީހުންނާއި ޢާއްމުކޮށް ބަލި ޙާލަތުގައި އުޅޭ މީހުން މި ފަދަ ބައްޔެއް ފެތުރޭ ޙާލަތުގައި ޖަމާޢަތަށް ނަމާދަށް ދިއުމާއި ހުކުރު ނަމާދާއި ދެ ޢީދު ދެ ނަމާދައާއި ތަރާވީޙު ނަމާދަށް ނުދިއުން ޖާއިޒުވެގެންވާ ކަމުގައި ޢިލްމުވެރިންގެ ފަތުވާތަކުގައިވެއެވެ. އެފަދަ ފަރާތްތައް ނަމާދުކުރާނީ ގޭގައެވެ. އަދި ހުކުރު ނަމާދުގެ ބަދަލުގައި އަދާކުރާނީ މެންދުރު ނަމާދެވެ.
(ބ) ދުނިޔެއަށް ބަލިފެތުރިގެންވާ ޙާލަތުގައި ޙައްޖާއި ޢުމްރާގެ އަޅުކަމާ ގުޅޭ ކަންކަމުގައި ޢަމަލު ކުރާނީ ސަޢޫދީ ޢަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ނިންމާ ގޮތެއްގެ މައްޗަށެވެ. އެއީ އެޤައުމަށް ލިބިގެންވާ ޝަރުޢީ ސިޔާދީ ޙައްޤެކެވެ. އެންމެހާ ޙާޖީންނާއި ޢުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެޤައުމުން ކުރަންޖެހޭ ކަމެކެވެ. ބަލި ޢާއްމު ވެއްޖެ ޙާލަތެއްގައި އެންމެ އައުލާވެގެންވާ ގޮތަކީ ޙައްޖާއި ޢުމްރާގެ އަޅުކަން ފަރުދީ ގޮތުން މަޑު ޖައްސާލުމެވެ.
(ޅ) ބަލިފެތުރިއްޖެ ޙާލަތެއްގައި މުޖުތަމަޢުގެ އަހުލުވެރިން އެކަކު އަނެކަކަށް އެހީތެރިވުން ހުއްޓެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަންވާނެއެވެ. ކޮންމެ މީހަކުމެ، އެމީހެއްގެ ދާއިރާއިން އަނެކާއަށް އެހީތެރިވާންވާނެއެވެ. ވިޔަވާރިވެރިންވެސް ތަކެތީގެ އަގު ބޮޑުކޮށް ޙާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްދަވެގެން ނުވާނެއެވެ.
އިސްވެ ދިޔަ ވާހަކަތައް ބިނާކޮށްފައިވަނީ ކީރިތި ޤުރުއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢާއި ޤިޔާސްގެ މައްޗަށެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ؛ ((وَلَا تَقْتُلُوا أَنْفُسَكُمْ إِنَّ اللهَّ كَانَ بِكُمْ رَحِيمًا) سورة النساء، الآية 29 .) މާނައީ" އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. "
އަދި ވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ((وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ) سورة البقرة، الآية 195) މާނައީ"އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!
ކީރިތި ރަސޫލާގެ ސުންނަތުގައިވެއެވެ. " ސިންގާ ފެނުމުން އެއާ ދުރަށް ދާ ފަދައިން، ޖުޒާމް ބަލި ޖެހިފައިވާ މީހާއާ ދުރަށް ދާށެވެ. " އަލްބުޚާރީ. މީގެ މަފްހޫމަކީ ގައިންގަޔަށް އަރާ ބައްޔެއްހުރެއްޖެ ނަމަ އެއިން ރައްކާތެރިވުމެވެ.
އަދިވެސް އިތުރު އެކަލޭގެފާނު ޙަދީސްކުރައްވާފައިވެއެވެ. " ޠާޢޫނު ބަލި (ގައިންގަޔަށް އަރާ ފެތުރޭ ބަލި) ފާޅުވެއްޖެ ތަނަކަށް (ޤައުމަކަށް، ރަށަކަށް، ސިޓީއަކަށް،) ތިޔަބައިމީހުން ނުދާށެވެ. އަދި ތިޔަބައިމީހުން ތިބި ތަނެއްގައި އެބަލި ފެތުރިއްޖެނަމަ ތިޔަބައިމީހުން ތިބި ތަނަކުން ނުނިކުންނާށެވެ. (އަލްބުޚާރީ)
ގައިންގަޔަށް އަރާ ބަލި ފެތުރިއްޖެ ނަމަ ބަލި ޖެހިފައިވާ މީހުން ޢާއްމުންނާ ދުރުގައި ބައިތިއްބަންޖެހޭނެއެވެ. ނުވަތަ ޢާއްމުން އެ ބަލިމީހުންނާ ދުރަށް ދާންޖެހޭނެއެވެ. އިމާމު އިބުނުލްއަޘީރު (އަލްކާމިލް ފިއްތާރީޚު) ކިއުނު ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. ޢަމްވާސް ކިއުނު ރަށުގައި ޠާޢޫނުބަލި ފެތުރިގެން ދިއުމުން ޢަމްބު ބުނު އަލްޢާއްޞް މީސްތަކުންނާއިގެން ފަރުބަދަތަކުގެ މައްޗަށް ވަޑައިގެންނެވިއެވެ. ބަލި ފިލައްޖައުމަށް ދާންދެން އުޅުއްވީ އެގޮތަށެވެ. މިކަމުގައި ޢަމްރު ޢަމަލުކުރެއްވި ގޮތުގެ ޚަބަރު ޢުމަރުގެފާނަށް ލިބިވަޑައިގަތުމުން އެކަމަށް އިންކާރެއް ނުކުރައްވައެވެ.
މީގެ އިތުރުން، ދައުލަތުގެ އަމުރަށް ކިޔަމަންގަތުމަކީ ވާޖިބުވެގެންވާ ކަމެއްކަން ހަދީސްތަކުން ސާބިތުކޮށްދެއެވެ. އެހެންކަމުން ބަލި ފެތުރިގެން ދިޔަ ނުދިނުމަށް ދައުލަތުން ކަނޑައަޅާ ފިޔަވަޅުތަކަށް ތަބަޢަވުމަކީ ކުރިން ވެސް ދެންނެވި ފަދައިން ރައްޔިތުންގެ މައްޗަށް ދީނީ ގޮތުން ވާޖިބުވެގެންވާނެ ކަމެކެވެ.
ދަންނަބޭކަލުންގެ އިޖުމާޢަށް ބަލާއިރު، އެބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވަނީ މުޅި މުޖުތަމަޢު ގެއްލުމުން ސަލާމަތްކުރަންޖެހޭނެ ކަމަށެވެ. މިހެންކަމުން ބަލި ފެތުރިގެން ދިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅަންޖެހޭނެއެވެ. އަދި ބަލި ފެތުރިފައިވާ ތަންތަނަށް ނުދިއުން ހުއްޓެވެ. ބަލި ފެތުރިފައިވާ ތަންތަނުން މީހުން އައުންވެސް ހުއްޓުވަންޖެހޭނެއެވެ.
ފިޤުހީ ޤިޔާސްގެ އުޞޫލުތަކަށް ބަލާއިރު، ލޮނުމިދާއި ފިޔާ ފަދަ ތަކެތި ކައިގެން، އޭގައި ހުންނަ ވަހާއެކު، މިސްކިތަށް އައުން ހުއްދަވެގެން ނުވާކަން ސާބިތުވާއިރު، ފެތުރޭ ބައްޔެއް ހުރި މީހަކު މިސްކިތަށް އައުން ހުއްދަ ނުވުން މާ އައުލާކަށް ބޮޑެވެ. ފިޔައާއި ލޮނުމިދުގެ ވަސް ހުރި މީހަކު، ކީރިތި ރަސޫލާ ވަނީ މިސްކިތުން ބޭރު ކުރައްވާފައެވެ. އެއިގެ ސަބަބުން އެހެންމީހުންނަށް ތުރާވާތީއެވެ. އަދި އެވަސް ނައްތާލައިގެން މިސްކިތައް އައުމަށް އިރުޝާދު ދެއްވާފައެވެ. ވީމާ، ގައިންގަޔަށް އަރާ ބައްޔެއް ހުރި މީހަކު މިސްކިތަށް ނުދިއުން އައުލާކަން ބޮޑުވާނެއެވެ. މިފަދަ ކަންކަމާމެދު ރައްކާތެރިވާންވާނެއެވެ.
އިސްވެ ދެންނެވުނު ކަންކަމާމެދު ވިސްނައި ފިކުރި ހިންގައި، ވަސީލަތްތަކުގައި ހިފައި، ދުޢާ ކޮށް، އިސްތިޣްފާރުކުރުންމަތީ ދެމި ތިބުމަކީ ބޭނުންތެރިކަމެކެވެ. ގިނަގިނައިން ވުޟޫކުރުން މަތީ ދެމި ތިބުމަކީ ވެސް މުހިންމު ކަމެކެވެ. ވުޟޫއަކީ ސާފުތާހިރުކަމެކެވެ. ބަލިމަޑުކަމަކީ އިމްތިޙާނެކެވެ. ބަލިމަޑުކަމަކީ ކައުނީ ސުންނަތެކެވެ. ފިޠުރީ ޤާނޫނުގެ ތެރެއިން ހިގާކަމެކެވެ. އެކަމުގައި ﷲ ލައްވާފައިވާ ޙިކުމަތްތަކެއްވާނެއެވެ.
ޠާޢޫން ފަދަ ބައްޔެއްޖެހިގެން މުސްލިމަކު މަރުވެއްޖެ ނަމަ އެކަމުގެ މައްޗަށް ކެތްތެރިވުމުން ﷲ އެމީހަކަށް ނުހަނު މަތިވެރި ޘަވާބާއި ދަރުމަ ދެއްވައެވެ. ގައިންގަޔަށް އަރާ ފެތުރޭ ބައްޔެއްޖެހިގެން މަރުވާ މުސްލިމަކީ ޝަހީދެއްފަދަ މީހެއްކަމުގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީސްކުރައްވާފައިވެއެވެ.
އިސްވެ ދެންނެވުނު ވާހަކަތައް ބިނާކޮށްފައިވަނީ ކީރިތި ޤުރުއާނާއި ސުންނަތާއި ޝަރުޢުގެ ޤަވާޢިދުތަކުގެ މައްޗަށެވެ. އަދި ބައްޔާ ގުޅިގެން އަމަލުކުރަންޖެހޭ ކަމަށް ހާމަކޮށްފައިވާ ދީނީ ގޮތްތައް ބިނާކުރީ ޔުނައިޓެޑް އަރަބް އެމެރެއިޓްސް (ޔޫއޭއީ) ފަތުވާ ކައުންސިލުން ކްރޯނާ ( ކޮވިޑް 19 ވައިރަސްއާ ގުޅިގެން ނެރެފައިވާ ފަތުވާ ނަމްބަރ 11- 2020 ގެ މައްޗަށެވެ.