ބޮލީވުޑް

"ތައްޕަޅު"އަށް ދެމުންދާ ލޯތްބަށް ތާޕްސީގެ ޝުކުރު

ތާޕްސީ ޕަންނޫ ލީޑް ރޯލު ކުޅެފައިވާ "ތައްޕަޅު" މިދިޔަ ހުކުރު ދުވަހު ރިލިޒް ކޮށްފައިވާއިރު ބޮކްސް އޮފީހުގައި މި ފިލްމަށް މާ ރަނގަޅަށް ޕާފޯމް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް ކްރިޓިކްސް އާއި ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ގިނަ ފަންނާނުން މިފިލްމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައި ވެއެވެ. އަދި ފިލްމު މިހާތަނަށް ބެލި ގިނަ މީހުން ވެސް ބުނެފައިވަނީ މި ފިލްމަކީ އިންޑިޔާގައި މަދުން ނޫނީ އުފައްދާފައި ނެތް ވަރުގެ މޮޅު ފިލްމެއް ކަމަށެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަށް މިހާތަނަށް ލިބިފައިވަނީ 19 ކްރޯޑެވެ. މިއީ ކުޑަ ބަޖެޓް ފިލްމަކަށް ބެލި ނަމަވެސް ކާމިޔާބު ވާ ވަރުގެ އަދަދެއް ނޫނެވެ. އަނުބަވް ސިންހާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ވިޔަފާޜި މިއަށް ވުރެ ރަނގަޅުވާނެ ކަމަށް އުންމީދު ކުރެވުނެވެ.

ފިލްމަށް ބޮކްސް އޮފީހުގައި މާ ރަނގަޅު ކާމިޔާބެއް ލިބެމުން ނުދިޔަ ނަމަވެސް ތާޕްސީގެ އެކްޓިން އެންމެންނަށް ވެސް ވަރަށް ކަމުދިޔަ އެވެ.

ތާޕްސީ ބުނި ގޮތުގައި "ތައްޕަޅު" އަކީ ހިތުގެ ފުން މިނުން އުފައްދާފައިވާ ފިލްމެއް ކަމަށާއި ފިލްމު ބެލި މީޙުންގެ ހިތުގެ އެންމެ ފުންމިނަށް މި ފިލްމަށް ވާސިލު ވެވިފައިވާތީ އުފާކުރާ ކަމަށާއި ފިލްމަށް ސަޕޯޓްކުރި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

މި ފިލްމުގައި ތާޕްސީ ކުޅެފައިވަނީ ގެވެށިއަނިޔާގެ ޝިކާރައަކަށްވާ އަންހެނެއްގެ ރޯލެވެ. މި ފިލްމުން ދީފައިވާ މެސެޖަކީ ލޯތްބަށްޓަކައި ވެސް އަދި ކައިވެނި ދެމެހެއްޓުމަށްޓަކައި ވެސް ގެވެށިއަނިޔާ ލިބެންޏާ އެ ގުޅުމެއްގައި ދެމި ހުރުމަކީ ރަނގަޅުކަމެއް ނޫން ކަމެވެ.

"އާޓިކަލް 15" އަދި "މުލްކް" އުފެއްދި ޑައިރެކްޓަރުގެ މި ފިލްމުގައި ތާޕްސީގެ އިތުރުން ރަތުނާ ޕާތަކް ޝާހް، މާނަވް ކޯލް، ދިއާ މިރްޒާ، ތަންވީ އަޒްމީ އަދި ރާމް ކަޕޫރު މުހިއްމު ރޯލުތައް ކުޅެފައި ވެއެވެ.