ވަކި ޖިންސަކަށް ނުހިމެނޭ މީހުންނަށް ގިނަ ގައުމުތަކުގައި ގާނޫނާއި ގަވާއިދުތައް ވަކިން ހަދާފައެއް ނުހުރެ އެވެ. އެހެންކަމުން ކޯޓުތަކުން ވެސް ބަލަނީ އަންހެނުން ނުވަތަ ފިރިހެނުންގެ މައްސަލަ ތަކެވެ. ދާދިފަހުން މިފަދަ ޓްރާންސްޖެންޑާ މީހަކު ވައްކަން ކޮށްގެން ހައްޔަރު ކުރި ނަމަވެސް އޭނާއަށް އަދަބެއް ނައިސް ސަލާމަތްވެފައި ވަނީ މިފަދަ ސަބަބު ތަކާ ހެދި އެވެ.
އިނގިރޭސި ވިލާތުގެ ނޫހަކުން ބުނި ގޮތުގައި އެއީ އަންހެނެއް ކަން ނުވަތަ ފިރިހެނެއްކަން އެނގޭނެ އެއްވެސް ލިޔުމެއް އެމީހާ އަތުގައި ނެތުމުން އޭނާ ލާންވީ ޖަލަށް ފަނޑިޔާރުންނަށް ނުނިންމުނީ އެވެ.
ލީލާ ފެ ފޭ ކިޔާ މި މީހާ ވަނީ ފިހާރައެއްގެ ސޭޓަކަށް ބިރުދައްކައި އެމީހާ އަތުން ތަކެތި ފޭރިފަ އެވެ. އޭނާ ކުރި ކުށަށް ކޯޓުން ހުކުމް ކުރީ ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.
ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެމީހާ ހައްޔަރު ކޮށްގެން ޖަލަށް ގެންދިޔަ ނަމަވެސް ގަޑިއެއްހާއިރު ތެރޭ ވަނީ ސަލާމަތްވެފަ އެވެ. އެއީ އޭނާއަކީ ކޮން ޖިންސެއްގެ މީހެއް ކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް އޭނާގެ ވަކީލު ބުނުމުންނެވެ. އެހެންވެ އޭނާ ފިރިހެނުން ޖަލަށް ވެސް އަންހެނުންގެ ޖަލަށް ވެސް ނުލެވޭނެތީ މިނިވަންކޮށް ދޫކޮށްލީ އެވެ. އަދި އެހެން މީހުންނާ ވަކިން ވެސް އޭނާ ބެހެއްޓޭކަށް ނެތެވެ. ސަބަބަކީ އޭނާ އެކަނި ތަނެއްގައި ބަހައްޓަން ވެސް ގާނޫނު ހުއްދަ ނުކުރާތީ އެވެ.
އެމީހާގެ ހަށިގަނޑު ބަލާ ފާސްކޮށްގެން އެއީ ކޮން ކަހަލަ މީހެއްތޯ ބަލަން ކޯޓު އޮފިޝަލުން ބޭނުމެއް ނުވި އެވެ. އެހެންވެ އެންމެ ފަހުން އޭނާއަށް ހުކުމްކުރި ފަނޑިޔާރު ވަނީ އޭނާގެ މައްޗަށް ކުރި ހަ މަހަށް ޖަލަށް ލުމުގެ ހުކުމް ބާތިލުކޮށް 30 ރިހެބިލިޓޭޝަން ސެޝަންގައި ބައިވެރިވުމަށް ހުކުމް ކޮށްފަ އެވެ.