ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(3 މާރިޗު 2020 އާ ގުޅޭ)

މުހުސިނާއާއި ޝަމާޢިލްއާ ހިފައިގަތުމުން ލިއަމް ތެދުވިއެވެ. އެހެންނަމަވެސް އޭނާގެ އަތުން ހޭޒަލްގެ ކައިވެނި ހެދުން ވަތްކެއްނުވިއެވެ. އެމީހުން ދަރިފުޅު ގެނެސް އެނދުގައި ބޭންދިއެވެ. ލިއަމްއަށް އެމީހުންނާ ނަޒަރު ސީދާކޮށެއް ނުލެވުނެވެ. ހޭޒަލް އަބަދަށްޓަކައި އޭނާއާ ވަކިވެއްޖެޔޭ ބުނަން ލިއަމް ބޭނުންވިއެވެ. އެހެންނަމަވެސް ދޫ ހަރަކާތެއްނުކުރިއެވެ. އޭނާގެ ހިތާއި މުޅި ހަށިގަނޑުގައި ވޭން އަޅަނީއޭ މަންމަ ގާތު ބުނަން ބޭނުންވިއެވެ.

"އޭނާއަށް ބޭހެއް ދެވޭތޯ އުޅެންވީނު" ޝަމާޢިލް ބަލާލީ ދަރިފުޅު ގާތުގައި އެނދުގައި އިށީން މުހުސިނާއަށެވެ.

"ޝަމާޢިލް މަޑުކޮށްލާ... އަހަރެން މިއަންނަނީ" މުހުސިނާ ތެދުވިއެވެ.

"ދަރިފުޅަށް ކިހިނެއްތަވެގެން ތިއުޅެނީ..." މުހުސިނާ ނުކުމެގެން ދިއުމާއެކު ޝަމާޢިލް ވާހަކަދެއްކިއެވެ. އޭނާ ދައްކަމުންދިޔަ އެއްވެސް ވާހަކައަކަށް ލިއަމް އެއްޗެކޭ ނުބުންޏެވެ. އުނގުމަތީ ދެއަތުގެ ތެރޭ ބޮނޑިވެފައި އޮތް ހޭޒަލްގެ ކައިވެނި ހެދުމަށް އޭނާ ބަލަން އިނީ އިސްއޮބާލައިގެންނެވެ. ދަރިފުޅާމެދު ކަންތައްބޮޑުވެފައި ޝަމާޢިލް އިނެވެ.

މުހުސިނާ އެނބުރި އައިސް ލިއަމްގެ ކޮޓަރިއަށް ވަނެވެ. ކަނާއަތުން ޖޫސްތަށި ހިފާލައިގެން ހުރިއިރު ވައަތުގައި އޮތީ ހުންބަލާ ތެމޯމީޓަރާއި ބޭސްކާޑެކެވެ. ހަލުވިކޮށް އައިސް ދަރިފުޅުގެ ގާތުގައި އޭނާ އިށީނެވެ. އެނދުއަރިމަތީ ހުރި ކަބަޑުގައި ބޭސްކާޑައި ތެމޯމީޓަރު ބާއްވާފައި ލިއަމްއަށް ޖޫސްތަށި ދިއްކޮށްލިއެވެ. ލިއަމް ދެފަރާތަށް ބޯހޫރާލުމުން މުހުސިނާއާއި ޝަމާޢިލް ހައިރާންވިއެވެ.

"ލިއަމް... ތިހެން އުޅެން ތީ ކުޑަކުއްޖެއްނޫން... ޖޫސްތަށީގައި ހިފާ އަވަހަށް ބޯލާ" ޝަމާޢިލްގެ ބާރުގައި ލިއަމްގެ އަތް ހިއްލާލައި މުހުސިނާ ދިއްކޮށްގެން އިން ޖޫސްތަށްޓާ ދިމާއަށް އެ އަތް ގެންދިޔައެވެ.

ލިއަމް ޖޫސްތަށީގައި ހިފިއެވެ. އަރުތެރެއިން އެތެރެއަށް ދިއުމުގެ ބަދަލުގައި ބޭރަށް އަންނަ ގޮތްވިއެވެ. ހިތްވަރަށް އެދިފޮދެއް ބޯލި ނަމަވެސް ޖޫސްތަށި ހުހެއްނުވިއެވެ. މަންމައާއި ބައްޕަ އެ ކޮޓަރިން ނުކުތީ އޭނާއަށް ބޭސްދީ އެނދުގައި ބާއްވާފައެވެ. އެމީހުން ދިއުމާއެކު އަނެއްކާ ވެސް ލިއަމްއަށް ބާރަށް ރޮވިއްޖެއެވެ. އޭނާގެ ޢަމަލުތަކާމެދު ފިކުރެވެންފެށީ އަދިކިރިޔާއެވެ. ކުރެވުނުހާ ފާފައެއް އެ ހަނދާނުގައި ޖެހިފައި ހުރި ލައްގަނޑެއް ފަދައެވެ. ހޭޒަލްގެ ހަނދާންތަކުގެ މައްޗަށް ފާފައިގެ ލައްގަނޑު ފެތުރި ހިތްހަމަޖެހުން ފަނޑުވަމުންދިޔައެވެ.

* * * * *

އޮފީހުގެ ދޮރުގައި ޓަކި ޖަހާލި އަޑާއެކު ދޮރު ހުޅުވިއްޖެއެވެ. މޭޒު ކައިރީ އިނދެފައި އިޝްވާ އިސް އުފުލާލިއެވެ. އެތެރެއަށް ވަންތަން ފެނުނީ ދާރިއަންއެވެ.

"ކޮބާ ބުނެފިންތަ؟" އިޝްވާ އަހާލިއެވެ. ދާރިއަން ވަދެގެން އައިސް އެތަނުގައި ހުރި ސޯފާގައި އިށީނެވެ. އިޝްވާ ވެސް މޭޒުދޮށުން ތެދުވެގެން އައެވެ.

"ބުނާނަމޭ..." ދާރިއަން ބުންޏެވެ.

"ކޮންއިރަކުން... ކައިވެނިވެވުނީމާތަ؟... ތިއުޅެނީ އެކަމުގައި ވެސް އަހަރެން ބައިވެރިވިޔަ ނުދޭންތަ؟..." ދެއަތް އުރާލައި ދާރިއަންއާ ދިމާއަށް ބަލަން އިޝްވާ ހުއްޓެވެ.

"އަދި ބުނާނޭ ޗާންސެއް ނުލިބިގެން މިއުޅެނީ" ދާރިއަން ބުންޏެވެ.

"ދާރިއަންއަށް ނުބުނެވުނެއްނު... އަހަރެން އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދީފާނަން" އިޝްވާ ބުންޏެވެ.

"އިޝް ޕްލީޒް... އަހަރެން ވަރަށް ހެޑޭކްވެގެން މިއައީ..." ސޯފާގެ ފަހަތަށް ކަދުރާ އެލުވާލައި ދާރިއަންގެ ހަށިގަނޑުން ވާގިދޫކޮށްލިއެވެ. ހަށިފުރާ ނޭވާއެއް ލުމާއެކު އިޝްވާ އައިސް ސޯފާ ކައިރީގަ ހުރި އެކަކަށް އިށީނދެވޭނެ ސޯފާގައި އިށީނދެއްޖެއެވެ. އެއްފައި މައްޗަށް އަނެއްފައި އަރުވާލައި އޭނާގެ ބޮޑު ހެދުން ރީތިކޮށްލިއެވެ. ދެން ދާރިއަންއާ ވާހަކަދައްކަން ފަށައިފިއެވެ. ވީގޮތެއް އޭނާ އޮޅުން ފިލުވަން ފެށިއެވެ.

ލިއަމްއާއި ހޭޒަލް ބައްދަލުކުރިކަމުގެ ޚަބަރު ދާރިއަން ދިނެވެ. އެކަމާ ދާރިއަންގެ ހިތް ނުތަނަވަސްވަނީކަން ހާމަކުރިއެވެ. އިޝްވާ ޖަހާލީ ހިނިގަނޑެކެވެ.

"ވައި އާ ޔޫ ލާފިންގް" ބޯއަރިކޮށްލައި އިޝްވާއަށް ދާރިއަން ބަލާލިއެވެ.

ކަންތައްތައް ހިނގާދިޔަ ގޮތް އިޝްވާ އެނގެން ޝައުގުވެރިވިއެވެ. ހޭޒަލްގެ ޢަމަލުތައް ހުރި ގޮތް ސިފަކޮށްދިނުމަށް އޭނާ އެދުނެވެ. ދާރިއަން ހުރިހާކަމެއް ކިޔާދިނެވެ. ލިއަމްއާ ބައްދަލުކުރުމަށްފަހު ހޭޒަލް ރުއިތީ އެކަމުން އޭނާއަށް އުނދަގޫވީއެވެ. ލިއަމް ދެއްކީ ކޮންކޮން ވާހަކަތަކެއްކަމެއް ނޭނގޭއިރު ހޭޒަލްއަށް އެކަމުން އަސަރުތަކެއްކުރީއޭ ދާރިއަން ބުންޏެވެ. އެހެންނަމަވެސް އިޝްވާގެ ހަރަކާތްތަކުން ފެނުނީ ތަފާތުކަމެވެ.

"ޔެސް... ޝީ ޑިޑް އިޓް..." އުފާވެރި ހިނިތުންވުމަކާއެކު އިޝްވާ ބުނެލިއެވެ. ހައިރާންކަން ދާރިއަންއަށް ލިބުނެވެ. އޭނާއާ އިޝްވާގެ ނަޒަރު ސީދާވެލުމާއެކު ދާރިއަންގެ މޫނުން ފާޅުވޭވޭ ހުރި އަސަރުތައް އިޝްވާ ދެނެގަތެވެ.

"ޑޯންޓް ވޮރީ... ޝީ ވިލް ބީ އޯކޭ... ހޭޒަލް އަބަދުވެސް ދައްކާނީ ލިއަމްއާ ކުރިމަތިލާނޭ ގޮތެއް އޭނާއަކަށް ނޭނގެއޭ، އެކަމަކު ތިބުނީ އެ ދެމީހުން ބައްދަލުކޮށްފިއޭ... ދާރިއަންއާ އިންނަން އޭނާ އެ އުޅެނީ، މިހާރު ދެން އިންސިކިއޯވެގެން ނޫޅެބަލަ، ލިއަމްއަކީ ހޭޒަލްގެ ޕާސްޓް، ދާރިއަން އެކަމާ ވިސްނާނެކަމެއްނެތް، މިހާރު ވިސްނަންވީ އަހަރުމެން ދެމީހުން އެކަކުއަނެކަކަށް އެނގޭކަން ހޭޒަލް ކައިރީ ބުނާނޭ ގޮތެއް... ބުނަން ދާރިއަން، އައި އޭމް ވާނިންގް ޔޫ... އަންނަ ހަފްތާ ފެށުމުގެ ކުރީން ހޭޒަލް ގާތު ހުރިހާ ވާހަކައެއް ނުބުނެވިއްޖެއްޔާ އަހަރެން އޭނާއާ ވާހަކަދައްކާނަން..." އިޝްވާގެ ވާހަކަ ނިމިގެން ދިޔައީ ތަންކޮޅެއް ހަރުކޮށެވެ.

* * * * *

ސޯފާގައި ދެމައިން ތިއްބެވެ. ސާއިރާގެ އުނގުގައި ހޭޒަލް އޮތީ ބޯއަޅާލައިގެނެވެ. އެއްއަތުން ޑައިރީ ހިފަހައްޓަލައިގެން އިނދެ އަނެއްއަތުން ދަރިފުޅުގެ ނިތްކުރިއާއި ބޮލުގެ އިސްތަށިގަނޑުގައި ސާއިރާ ފިރުމައިދެމުން ދިޔައެވެ. އޭނާ ދައްކަމުން ދިޔައީ ކައިވެނީގެ ކަންކަން ކުރިއަށް ގެންދިއުމަށް ގަސްދުކޮށްފައި އޮތް ގޮތުގެ ތަފްސީލެވެ. ޕޮއިންޓުތަކެއްހެން ހުރިހާކަމެއް ހުރީ ސާއިރާގެ ޑައިރީގައި ނޯޓުކުރެވިފައެވެ. ކައިވެނި ހެދުމެއް ޚިޔާރުކުރަން ރާއްޖޭން ބޭރަށް ފުރުމުގެ ވާހަކަ ވެސް ދެއްކިއެވެ. ހޭޒަލްއަށް ޓަކައި ކައިވެނި ހެދުމެއް އެ ދެމަފިރިންވަނީ ޚިޔާރުކޮށްފައެވެ. ރިޒްވާނު މިހާރު ވެސް ވީ ގެއިން ބޭރުގައެވެ. ދާރިއަންގެ ބައްޕަ އެދިގެން އެމީހުންނާ ބައްދަލުކުރުމަށް ގޮހެވެ.

"މަންމަގެ ޒެއްލު އެ ހެދުމުގައި ލޯބިވާނެ ވަރު މިހާރު ވެސް ހިތަށް ސިފަވަނީ..." ސާއިރާ އުފަލުން ބުނެލިއެވެ. ކައިވެނި ޙަފުލާގެ މަންޒަރުތައް މިހާރު ވެސް ސާއިރާއަށް ފެންނަ ކަހަލައެވެ. އެއިން އެއްވެސް ކަމެއްގެ ޚިޔާލެއް ހޭޒަލްގެ ސިކުނޑިއަކު ނެތެވެ. ޒީނަތްތެރިވުމާއި ޙަފުލާއެއް ބޭއްވުމުގެ ޝައުގެއް ވެސް ނެތެވެ. އޭނާއަށް އިޙްސާސް ކުރެވެނީ ކަންކަން މާއަވަހަށް ނިމިގެންދަނީކަމެވެ. ފިރިއެއްގެ ސިފައި ދާރިއަން އޭނާގެ ކުރިމަތީ ހުއްޓޭ ވަގުތު ދެން ކަންތައްކުރާނީ ކިހިނެއްބާއޭ ހޭޒަލްގެ ހިތަށް އަރަނީއެވެ. ދެވަނަ ފަހަރަށް އަނތްބަކަށް ހޭޒަލްވާއިރު އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ޔަގީންކަމެއްނެތެވެ. ހުލްޤު ހެޔޮ އަނތްބަކު ފުރިހަމަ ކުރަންޖެހޭ ހުރިހާ ހަރުފަތެއް އޭނާއަށް ފުރިހަމަކުރެވޭނޭކަމެއް ނޭނގެއެވެ. އެހެންވިޔަސް އޭނާގެ ފުށުން ނުރުހުމުގެ އެއްވެސް އަސަރެއް ނެތެވެ. ކެތްކުރަން ދަތިވެފައި ވިޔަސް އޭނާ ﷲއަށް ވަކީލު ކުރެއެވެ. ކަންކަން ފަސޭހަކޮށްދިނުމަށް ދުޢާކުރުން ހުއްޓައެއް ނުލައެވެ. މަންމައާއި ބައްޕަގެ ފަރާތުން ފެންނަ އާދަޔާ ޚިލާފު އުފާވެރިކަމަށް އޭނާ ޝުކުރުވެރިވެއެވެ. އެމީހުންނަށް ދުވަހަކުވެސް ހިތްދަތިކަމެއް ލިބެން އޭނާ ނޭދެއެވެ.

އެދުވަހުގެ އަސުރުގެ ފަހުން ރިޒްވާނު ގެއަށް އައިސް ފުރަންވީ ކަމުގައި ބުންޏެވެ. ކައިވެނި ހަފުލާ ކުޑަގޮތަކަށް ބާއްވަން ބޭނުންވީ ނަމަވެސް ދާރިއަންގެ މަންމަގެ ޚިޔާލު ތަފާތެވެ. ދަޢުވަތު ދޭން ތިބި މީހުންގެ ލިސްޓު ދިގެވެ. ފަނޑުފަނޑުކޮށް ކުރެވޭ ކައިވެންޏަކަށްވާން އިބާ ނޭދެއެވެ. ޙަފުލާ ބާއްވާނޭ ތަން ޚިޔާރުކުރީ ވެސް އޭނާއެވެ. އެތަން ޒީނަތްތެރިކުރާނޭ ބަޔަކު ހޯދާނީ ވެސް އޭނާއެވެ. ހަމައެކަނި އިބާއަށް ބާރު ނުފޯރުވުނީ ކައިވެނީގެ ޙަފުލާގައި ހޭޒަލް ހުންނާނޭ ގޮތެވެ. އޭނާ އަޅާނޭ ހެދުމެވެ. ހޭޒަލްގެ ހުރިހާކަމެއް ހަމަޖައްސާނީ ރިޒްވާނާއި ސާއިރާއެވެ. ކައިވެނީގައި ބޭނުންކުރާނޭ ކުލައާއި "ތީމް" ވެސް ކަނޑައެޅި ނިމިއްޖެއެވެ. އަނބިމީހާއާއި ދަރިފުޅަށް ހުރިހާކަމެއް ރިޒްވާނު އޮޅުންފިލުވައި ދިނެވެ. އެކަމުގައި އެމީހުން ޚިޔާލު ހޯދިއެވެ. ސާއިރާގެ ވިސްނުން ހުރީ އިބާ އެދޭ ގޮތަށް ކުރެވޭ ކައިވެންޏަކަށް ވުމަށެވެ.

ދެ ހަފްތާ ފަހުން ކުރެވެން ހަމަޖެހިފައި އޮތް ކައިވެނީގެ ކަންތައްތަކުގައި ވިޔަފާރި ކުރުމަށް ޑުބާއީއަށް ރިޒްވާނުގެ ދެމަފިރިން ފުރީ ހޭޒަލް ގޮވައިގެންނެވެ. ހަތަރު ދުވަސް އެމީހުން އެތަނުގައި ހުންނަ ގޮތަށް ހަމަޖެހިފައި އޮތެވެ. ކޮންމެ ދުވަހަކު ދެއިރަށް ދާރިއަން ގުޅައެވެ. ކަންކަން ހަމަޖެހުން ދާގޮތުގެ ތަފްސީލު ރިޒްވާނަށް ދާރިއަން ދެއެވެ. ކައިވެނި ހެދުން ގަނެވުމުން އެ ހެދުން އިބާއަށް ސާއިރާ ދެއްކިއެވެ. އެ ދެމީހުން ވީޑިއޯ ކޯލުގައި އެދުވަހު ވަރަށް ގިނަ ވާހަކަދެއްކިއެވެ. އިބާ އެދުނީ ދާރިއަންއަށް ނުދެއްކުމަށެވެ. އެމީހުންގެ ދަރިފުޅަށް ހޭޒަލް ކައިވެނި ހެދުމުގައި ފެންނަން އެދެނީ ޙަފުލާގެ ތެރެއިން ކަމުގައި އިބާ ބުންޏެވެ. އޭނާގެ ބުނުމަށް ސާއިރާ އިޙްތިރާމްކުރިއެވެ.

* * * * *

ޝަމާޢިލް ގެއަށް އައިސް ވަނީ އަސުރުން ފައިބައިގެންނެވެ. އަންނަމުން އައީ ކާފަ ދަރިފުޅަށް މޭބިސްކަދުރުކޮޅެއް ގަނެގެންނެވެ. ގޭތެރެއިން މުހުސިނާ ނުފެނުމުން ޝަމާޢިލް އައިސް ގޮވާލީ ޅީދަރިފުޅު ރަފާއަށެވެ. އޭރު ޒައިދަން ވެސް އެކޮޓަރީގައި އުޅެއެވެ. އޭނާ ހެދުން ބަދަލުކުރަނީއެވެ. އޮފީހުން އެއައީ ދެންމެ ކަހަލައެވެ.

"މަންމަ ކޮބާ؟" ޝަމާޢިލް އަހާލިއެވެ. އަސުރުކޮށްލައިގެން ނުކުމެ ސިޓިންރޫމުގައި މުހުސިނާ ޒިކުރުތައް ކިޔަން އިނުމަކީ އާދައެކެވެ. މިއަދު ނުފެނުމުން ގޭގައި ނެތީއޭ ޝަމާޢިލްއަށް ހީވީއެވެ.

"ނެތްތަ؟..." ރަފާއަށް ވެސް އަހާލެވުނެއެވެ.

"ލިއަމް ކޮޓަރީގަ އިން" ޒައިދަން ބުނެލިއެވެ. އޭނާ ގެއަށް ވަންއިރު ލިއަމްގެ ކޮޓަރި ހުޅުވާފައި ހުރުތަން ފެނި ކައިރިވެލިއެވެ. މަންމަ ލިއަމްގެ އެނދުގައި އިންތަން ފެނުނީ އެހެންވެއެވެ.

"މީ އެމަންޖެއަށް ގެނައި އެއްޗެއް... ހުރިހާ ކުދީންނަށް ވާވަރަށް ހުންނާނެ" ޝަމާޢިލް އަތުގައި އޮތް ކޮތަޅު ރަފާއަށް ދިއްކޮށްލިއެވެ. އޭގައި ރަފާ ހިފުމުން ޝަމާޢިލް އެނބުރިލީ ލިއަމްގެ ކޮޓަރިއަށެވެ.

އެނދުގައި އަރިއަކަށް ކުރުގެޅިލައިގެން ލިއަމް އޮތެވެ. އޭނާ ހުމާ އުޅޭތާ ފަސް ދުވަސްވެއްޖެއެވެ. ހޮސްޕިޓަލުގައި ދެ ދުވަހު ބާއްވާފައި މިހާރު ގެއަށް ދޫކޮށްލީއެވެ. ހުން މުޅިން ނުފިލިއަސް ހުން މަޑުވާގޮތްވެއްޖެއެވެ. ޝަމާޢިލް އައިސް އެނދު ކައިރީ މަޑުކޮށްލިއެވެ. ދަރިފުޅަށް ގޮވާލިއެވެ. ލިއަމްގެ ހޭވިފައި އޮތް އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ނިތްކުރީގައި ޝަމާޢިލް އަތްޖައްސާލިއެވެ. ބައްޕަގެ ފިނި އަތްތިލަ އިޙްސާސްވެ ލިއަމް ލޯހުޅުވާލިއެވެ.

"ކައިފިންތަ؟..." ޝަމާޢިލް އަހާލިއެވެ. ލިއަމް ބޯޖަހާލިއެވެ. އެ ދެލޮލުގެ ރަތްކަން ނުކެނޑެއެވެ. ކަރުނައިގެ ތެތްކަން ފާޅުވާއިރު ދެންމެދެންމެ އެ ދެލޮލުން ކަރުނަ އޮހެންފަށާފާނެހެން ހީވެއެވެ. ދަރިފުޅުގެ ގައިމަތިން ފޮތިގަނޑު ރަނގަޅުކޮށްލާފައި ޝަމާޢިލް ނުކުތީއެވެ.

ކޮޓަރިއަށް ވަން ޝަމާޢިލްއަށް ދޮރަށް ފުރަގަސްދީގެން އެނދުގައި އިން މުހުސިނާ ފެނިއްޖެއެވެ. ލުއި ހިނިތުންވުމަކާއެކު އޭނާ ދޮރު ލައްޕާލައި މުހުސިނާއަށް ގޮވާލިއެވެ. މޭބިސްކަދުރު ގެނެސްފައި ހުންނާނޭ ބުނެލިއެވެ. ޝަމާޢިލްގެ ވާހަކަ ކުއްލިއަކަށް ހުއްޓާލެވުމާއެކު އޭނާގެ މޫނުން ކަންބޮޑުވުން ފާޅުވިއެވެ. ހަލުވިކޮށް އައިސް މުހުސިނާގެ ގާތުގައި ޝަމާޢިލް މަޑުކޮށްލީ އަނބިމީހާ ރޮނީއޭ ހީވުމުންނެވެ.

"ކިހިނެއްވީ؟" މުހުސިނާގެ ގާތުގައި ޝަމާޢިލްއަށް އިށީނދެވުނެވެ. ބަހެއްނުބުނެވި ފިރިމީހާގެ ކޮނޑުގައި މުހުސިނާއަށް ބޯއަޅާލެވުނެވެ. އޭރު ވެސް އޭނާގެ ކަނާއަތުން ވަނީ އަނގަމަތި ފޮރުވާލައިފައެވެ. އަނބިމީހާ ގާތްކޮށްލުމާއެކު ޝަމާޢިލް ވާހަކަދެއްކިއެވެ. އެހެންނަމަވެސް މުހުސިނާ އެ އުޅެނީ ވާހަކަނުދެއްކިގެންކަން އޭނާއަށް އެނގުމުން ސުވާލުކުރުން ހުއްޓާލިއެވެ. އަދި އަނބިމީހާގެ ގައިގާ އޯގާތެރިކަމާއެކު ފިރުމާލަދިނެވެ.

ވަގުތު ހިނގަމުން ދިޔަވަރަކަށް މުހުސިނާގެ ނަފްސު ހަމައަކަށް އެޅުނެވެ. އޭނާ ޝަމާޢިލްއާ ދުރަށް ޖެހިލިއެވެ. އަރިއަކަށް އެނބުރިލިގޮތުން ފިރިމީހާއާ ވާހަކަދައްކަން އޭނާ ގަސްދުކުރާކަން އެނގުނެވެ. ޝަމާޢިލްގެ ހުރިހާ ސަމާލުކަމެއް ވަގުތުން އަނބިމީހާއަށް ދިނެވެ.

"ލިއަމް ކިތަންމެ ދެރަވިޔަސް ކިތަންމެ ބޭނުންވިޔަސް ހޭޒަލްއާ ގުޅޭކަށް އަހަރެން އެއްބަހެއްނުވާނަން" މުހުސިނާ ބުންޏެވެ. ޝަމާޢިލްއަށް ލިބުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. މުހުސިނާ އެހެން ބުނަން ޖެހުނީ ކީއްވެކަން އެނގެން ޝަމާޢިލް ބޭނުންވިއެވެ. އޭނާއަށް ސުވާލުކުރެވުނީ އެހެންވެއެވެ.

"އަހަރެމެން އެންމެން ހޭޒަލް ކުށްވެރިކުރީ... އެކުއްޖާ އެއްވެސް ކުށެއްނުކުރޭ... ޝަމާޢިލް، ލިއަމް ބުނީ އޭނާއަށް ބޭވަފާތެރިވެވުނީއޭ... އޭނާ ހުރިހާ ވާހަކައެއް ނުބުންޏަސް އަހަރެންނަށް އެނގިއްޖެ އޭނާ ކުރީ ކީއްކުރަން... އަހަރެންމީ މަންމަ، އަހަންނަށް ވެސް އަހަރެންގެ ދަރި ނޭނގުނު... އަހަރެން އެއްވެސް ކުއްޖަކަށް ފާފަކުރަން ބާރެއް ނާޅަން، އެކުދިންނަށް ހެޔޮ ގޮތް ނޫނީ ބުނެނުދޭން... ލިއަމް އެހާ ވިޔާނުދާވީ ކީއްވެތަ؟... މިއަދު އޭނާ ކިތަންމެ ވަރަށް ރުޔަސް އަހަރެން ބުނާނީ ކީކޭ؟" މުހުސިނާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. ހަޤީޤަތުގައި އޭނާ އެ އިނީ ވަރަށް ރުޅިއައިސް ދެރަ ވެސް ވެފައެވެ. ދިރިއުޅުން ހަލާކުވެގެން ދިޔައީ ލިއަމްގެ ސަބަބުންކަން އެ ދަރިފުޅު ބުނިއިރު އެއީ ކިހާވަރެއްގެ ކަމެއްކަން އެ ދަރިފުޅަށް ކުރިން ވިސްނުނަމައޭ ހިތަށް އަރަނީއެވެ.

"ތީ މަންމަ، އަދިވެސް އެމީހުންނަށް ނަޞޭޙަތް ދީ ހެޔޮ މަގަށް ގެނަން އަހަންނާއެކު މަސައްކަތްކުރަން ހުރި ބައިވެރިޔާ، އަހަންނަށްވުރެ ބޮޑަށް އެކުދީން ދީނީ ކަންކަމަށް ލޯހުޅުވައިދިނީ މުހުސިނާ، ހުރިހާ ކުދީން އެއްގޮތެއް ވެސް ނުވާނެ، ފާފައެއް ކުރެވުމުން ތަޢުބާވުންވޭ... އަހަރެމެންގެ ޒިންމާއެއް ކުރިއަށްދާންވީ މަގު ދަރިފުޅަށް ދެއްކުމަކީ... ކޮންމެ ކަމެއް ކުރެވުނަސް ލިއަމް އެކަމާ ދެރަވެގެން އުޅެނީ، އަހަރެން ވިސްނޭބަޔަކަށް ވާންޖެހޭ، މާޔޫސްވެގެން އުޅޭވަގުތު ލިއަމްއަށް ހިތްވަރުދޭން ތިބިބަޔަކީ އަހަރެމެން، އެ ދަރިފުޅު އަދިވެސް އަހަރެމެންނަކަށް ބުރައަކަށްނުވާނެ... ތުއްތު އިރެކޭ އެއްގޮތަކަށް މިހާރު ވެސް އަހަރެމެންގެ އަތުގައި އޭނާ ހިފާނެ، ޚާއްޞަކޮށް މިވަގުތު... ރުޅި ވެސް އަންނަންޖެހޭނެ، ހޭޒަލްއަކީ ރަނގަޅުކުއްޖެކޭ އަހަރެން އަބަދުވެސް ބުނަން، ލިއަމްއަށް ދެން ވެސް ހެޔޮ ވިސްނުން ލިބޭތޯ ދުޢާކުރަމަކީ އަހަރެމެން ވެސް ކުރަންޖެހޭ ކަމެއް" އަނބިމީހާގެ ކޮނޑުގައި ޝަމާޢިލް ފިރުމާލިއެވެ.

ލިއަމް ކިޔައިދިން ހުރިހާ ވާހަކައެއް މުހުސިނާ ފިރިމީހާއަށް ކިޔާދިނެވެ. ހޭޒަލް އަލުން އަނބުރާ ލިބޭނޭ ގޮތެއް ހަދައިދިނުމަށް އެދި ލިއަމް އާދޭސްކުރިކަން ވެސް ބުންޏެވެ. ހޭޒަލްގެ އެއްވެސް ޢައިބެއްނެތި އޭނާގެ މައްޗަށް ލިއަމް ބޭވަފާތެރިވީ ނާއިންސާފުންނެވެ. އެތައްކަމެއް ހޭޒަލްއަށް އޮޅުވާލެވިފައިވާކަމެވެ. އެ ވާހަކަތައް މަންމަގެ ކުރިމަތީ ތަފްސީލުކޮށްދެވޭވަރަށްވުރެ ލަދުވެތިއެވެ. ލިއަމްގެ ޢަމަލުތައް މުހުސިނާއަށް ދެނެގަންނަން އެނގުނީ އެހެންވެއެވެ. ދަރިފުޅަށް ކިޔާދޭން ނުކުރޭނީ ކީއްވެކަން އޭނާއަށް ވިސްނުނީއެވެ. ހޭޒަލްގެ މައްޗަށް މުހުސިނާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އޭނާގެ ކުރިމަތީ ހޭޒަލް ހަނުހުރީ އޭނާގެ ދަރިފުޅު ބަދުނާމު ކުރަން ބޭނުންނުވެގެންކަން މިހާރު އެނގިއްޖެއެވެ.

ޝަމާޢިލް ބުނި ފަދައިން ލިއަމްއަށް ތަޢުބާގެ ދޮރު ހުޅުވާލަދޭން މުހުސިނާ މަސައްކަތް ކުރާނެއެވެ. އެ ދަރިފުޅަށް އޭނާ އެހީތެރިވާނެއެވެ. ފާފައިގެ އިޙްސާސް ކުރެވުމުން އެ ހަށިގަނޑު ބަލިކަށިވީ އަޒާބުގެ ބިރު އެހިތަށް ވަނުމުންކަން މުހުސިނާ ޤަބޫލުކުރެއެވެ. އިސްލާހުވާން ލިއަމް އެދޭކަން އޭނާގެ ވާހަކަތަކުން ދޭހަވެއްޖެއެވެ. ހޭޒަލް އޭނާއަށް މަޢާފުކުރުމަށް ލިއަމް އެދެއެވެ. އެހެންވާންއޮތީ އޭނާގެ އުޅުން އިސްލާހުވެއްޖެނަމައެވެ.

* * * * *

ފިކުރަކަށް ގެއްލިފައި ހުރެ ބޮލުގައި ޝޯލު އަޅައި ހޭޒަލް ނިންމާލިއެވެ. ކައިވެނި ކުރެވެން ދެ ދުވަހަށް ވީއިރު ހޭޒަލްގެ ހާސްކަންވަނީ އިތުރުވެފައެވެ. އެހެންވެ އޭނާ ގެއިން ނުކުތީ ނަޝާ ކައިރިއަށް ދާށެވެ. އެންމެންނާ އެކަހެރިވެލުމުގެ ގަސްދުގައެވެ. ދާރިއަން އޭނާ ބަލާ އަންނަން ބުނި ނަމަވެސް ކުއްލިއަކަށް ޢާއިލާ ކަމެއް ޖެހިގެން އޭނާއަށް އާދެވޭގޮތް ނުވީއެވެ. ރިޒްވާނު ގާތުން ވެސް އޭނާ އެދުނީ އެކަނި ގޮސްލަން ބޭނުންވާކަމެވެ. ކަންބޮޑުވެފައި ހުރެ ވެސް ރިޒްވާނު އެއްބަސްވީއެވެ. ދަރިފުޅުގެ ހާސްކަން އޭނާއަށް ވިސްނޭތީއެވެ.

ޓެކްސީގައި އިން ހޭޒަލްގެ ނަޒަރު ހުރީ ދޮރުފަތުގެ ބިއްލޫރިގަނޑުން މަގަށް ހުއްޓިފައެވެ. ބާރުބޮޑު މަގުތަކުން ޓެކްސީގައި ވެސް ދެވޭލެއް އަވަހެއްނޫނެވެ. ދުއްވާ އެއްޗެހި ތޮއްޖެހި ޓެކްސީ މަޑުކޮށްލައިގެން އޮތްވަގުތު ހޭޒަލްގެ ސަމާލުކަން އަތުލީ ރެސްޓޯރެންޓެއްގެ ދޮރުމަތީގައި ދާރިއަން ހުރުމުންނެވެ. ހަމައެވަގުތު ދެން ފެނުނީ އެތެރެއިން ނުކުމެގެން އައިސް ދާރިއަންގެ ގާތުގައި މަޑުކޮށްލި އިޝްވާއެވެ. ހޭޒަލްގެ ޓެކްސީ އޮތީ އެމީހުންނާ ކުރިމަތިވާނޭހެން މަޑުކޮށްލައިފައެވެ. އޭނާ ދޮރުފަތާ ކައިރިއަށް ޖެހިލިއެވެ. އަވިއައިނަށް ބަލާލާފައި ދާރިއަން އިސްއުފުލާލިއެވެ. އޭނާގެ މޫނަށްވީ ގޮތުން ހޭޒަލް ފެނުނީކަން އެނގުނެވެ. އިޝްވާ އޭނާގެ ގާތުގައި ކޮންމެވެސް އެއްޗެކޭ ބުނި ނަމަވެސް ދާރިއަންގެ ނަޒަރު ހޭޒަލްއާ ވަތްކެއްނުވިއެވެ. އޭނާ ކުރިއަށް ފިޔަވަޅު އަޅާލި ނަމަވެސް ޓެކްސީ ކުރިއަށް ޖެހިއްޖެއެވެ.

"މިތާ އޮތް ޓެކްސީގަ އިނީ ހޭޒަލް" ދާރިއަން ބުނެލިއެވެ. އިޝްވާއަށް ހީވީ ޝޮކެއް ޖެހުނީހެންނެވެ.

"އައި ހޭވް ޓު ގޯ..." ދާރިއަން އަވަސްއަވަހަށް ބުންޏެވެ.

"ކީކޭ ބުނާނީ..." އިޝްވާ ވަގުތުން އެއްސެވެ.

"އެވްރިތިންގް..." ދާރިއަން ބުނެލިއެވެ.

(ނުނިމޭ)