ބޮލީވުޑް

ވަރުންގެ "މިސްޓަ ލޭލޭ" ފެށުން ވަކި މުއްދަތެއް ނެތި ލަސްކޮށްފި

ޑައިރެކްޓަރު ޝަޝާންކް ހައިތާންގެ "މިސްޓަ ލޭލޭ" އަށް ސޮއިކުރުމަށްފަހު ވަރުން ދަވަން ވަނީ ސޯޝަލް މީޑިއާގައި އެކަމާ ވަރަށް އުފާ ފާޅުކޮށްފަ އެވެ. ސަބަބަކީ ޝަޝާންކް އަކީ އޭނާގެ "ދުލްހަނިޔާ" ފްރެންޗައިޒް ފިލްމުތައް އުފެއްދި ޑައިރެކްޓަރަށް ވާތީ އެވެ. މި ފިލްމުގެ ބަތަލާއިންގެ ގޮތުގައި ހަމަޖެހިފައިވަނީ ޖާންވީ ކަޕޫރާއި ބޫމީ ޕެޑްނޭކަރް އެވެ. ނަމަވެސް ވަރުންގެ އުފާވެރިކަން މާ ގިނަ ދުވަހަކު ނޯތެވެ. ފިލްމު ފެށުމުގެ ކުރިން ތަފާތު ހުރަސްތައް ކުރިމަތިވަމުން އައިސް މިހާރު ވަކި މުއްދަތެއް ނެތް ގޮތަށް ފިލްމު ފަސްކޮށްލާފައިވާ ކަމަށް ޑައިރެކްޓަރު ވަނީ ޔަގީން ކޮށްދީފަ އެވެ.

ބައެއް މީހުން ތުހުމަތުކުރަނީ ފިލްމު ފަސްކުރީ ވަރުން އާއި ޑައިރެކްޓަރާ ދެމެދު މައްސަލަތަކެއް ޖެހިފައިވާތީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ވަރުން އާއި ޖާންވީ އަށް އެއް ދުވަސްތަކެއް ފިލްމަށް ހުސް ނުކުރެވިގެން ކަމަށެވެ. މި ފިލްމު ލަސްކޮށްފައިވާ ކަމަށާއި އޭގެ ސަބަބު ބަޔާންކޮށް ޑައިރެކްޓަރު ކުރި ޓުވީޓްގައި ބުނެފައިވަނީ މި ފިލްމު ފަސްކުރީ ޝެޑިއުލް ހަމަޔަކަށް އަޅުވާނުލެވިގެން ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށެވެ.

މި ފިލްމުގައި ހިމެނޭ ހުރިހާ ތަރިންނަށް އެއް ދުވަސްތަކެއް ފިލްމަށް ހުސް ކުރެވޭނެ ގޮތެއް ނެތުމުން ފަހުގެ ތާރީޚެއްގައި ފިލްމު ފަށާ ގޮތަށް މި ވަގުތަށް މަޑުޖައްސާލީ ކަމަށް ވެސް ޝަޝާންކް ބުނެފައި ވެއެވެ. އަދި ވަރުން އާއެކު ވަރަށް ކައިރި މުސްތަގްބަލެއްގައި "މިސްޓަ ލޭލޭ" ނުވަތަ އެނޫން ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެކަން ޔަގީންކުރާ ކަމަށް ވެސް ޝަޝާންކް ބުންޏެވެ.

ވަރުން އާއެކު މިހާތަނަށް ކޮށްފައިވާ ހުރިހާ މަސައްކަތަކީ ވެސް ވަރަށް ހިތްހަމަޖެހޭ އެހާމެ އުފާވެރި ތަޖުރިބާއެއް ކަމަށް ވެސް ޝަޝާންކް ބުންޏެވެ. މިއީ އެ ދެ މީހުންގެ މެދުގައި މައްސަލައެއް ނެތްކަން ޔަގީންކޮށްދިނުމުގެ ގޮތުން ޝަޝާންކް ބުނި އެއްޗެއް ކަމަށް ވަނީ ބެލެވިފަ އެވެ. ކޮންމެއަކަސް "މިސްޓަ ލޭލޭ" ވުޖޫދަށް އަންނަނެތޯ ނުވަތަ ނޫންތޯ މިހާރު ވަނީ ސުވާލު މާކެއްގެ ތެރޭގަ އެވެ.

މިވަގުތު ވަރުން ބިޒީކޮށް އުޅެނީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ އަދި ސާރާ އަލީ ޚާން ބަތަލާގެ ބައި ކުޅޭ "ކޫލީ ނަންބަރު 1"ގެ ޝޫޓިންގް ގައެވެ. މީގެ އިތުރުން ވަރުން ސޮއިކޮށްފައިވާ އަނެއް ފިލްމަކީ ޝްރީރާމް ރަގްވަން އުފައްދާ އަދި ވަކި ނަމެއް ކަނޑަނާޅާ ފިލްމެވެ.