ބޮލީވުޑް

ފައިގަ ބާރު ހުރިހާ ދުވަހަކު ރޯނީގެ ރޯލު ކުޅެން ބޭނުން: ޓައިގާ

އެކްޝަން އާއި ނެށުމަށް ޓައިގާ ޝްރޮފް އަކީ ބޮލީވުޑްގައި އެފަދަ ދެ ވަނަ އެއް ނެތްފަދަ ކުޅަދާނަ އެކްޓަރެކެވެ. އޭނާ ކުޅޭ "ބާޣީ" ފްރެންޗައިސްގެ ތިން ވަނަ ފިލްމު ހުކުރު ދުވަހު ރިލީޒްކުރާއިރު ބާޣީގެ ފުރަތަމަ ދެ ފިލްމަށް ލިބުނު ކާމިޔާބީގެ ހުރިހާ ވެސް ސިއްރަކީ ޓައިގާ އެކްޝަން މަންޒަރުތަކަށް މޮޅުވުމެވެ.

އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ޓައިގާ ބުނީ ބާޣީގެ ފިލްމުތަކުގައި އޭނާ ކުޅޭ ރޯނީގެ ކެރެކްޓާއަކީ އޭނާގެ ހިތާ ވަރަށް ބޮޑަށް ގުޅިފައިވާ ރޯލެއް ކަމަށެވެ.

"އަހަރެންގެ ދެ ފައިގައި ބާރު ހުރިހާ ދުވަހަކު ރޯނީގެ ކެރެކްޓާ ކުޅެން އަހަރެން ބޭނުންވޭ. އެކްޝަން މަންޒަރުތަކަކީ ވަރަށް ހަށިގަނޑަށް ބާރުކުރާ ބުރަ މަންޒަރު ތަކެއް ނަމަވެސް ޒުވާންކަމާއި ހަށިގަނޑުގައި ބާރު ހުރިހާ ދުވަހަކު އަހަރެން ބާޣީ އަކަށް ވާން ބޭނުމީ،" ޓައިގާ ބުންޏެވެ.

ބާޣީ 3 ގެ ޓްރެއިލާ ލޯންޗުކުރުމާއެކު 72 ގަޑިއިރު ތެރޭގައި 100 މިލިއަން ވިއުޒް އާއެކު މި ޓްރެއިލާ ވަނީ ރެކޯޑެއް ގާއިމް ކޮށްފަ އެވެ. މިއީ ޓައިގާ އަށް ވަފާތެރި ފޭނުން ގިނަ ކަމުގެ ހެއްކެކެވެ. ޚާއްސަކޮށް ޓައިގާ އަކީ ކުޑަކުދިންނަށް ވަރަށް މަގްބޫލު އެކްޓަރެކެވެ. އަދި ޓައިގާގެ އެއްވެސް ފިލްމެއް ބަލާފައި ކުޑަކުދިން މާޔޫސް ނުވާވަރު އޭނާ ޔަގީން ކުރެ އެވެ.

ޝްރައްދާ ކަޕޫރު ބަތަލާގެ ބައި ކުޅޭ ބާޣީ 3 ޑައިރެކްޓްކޮށްފައިވަނީ އަހުމަދު ޚާނެވެ. އެ ފިލުމުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު ކޮރޯނާ ވައިރަހަށް ބިރުން ވަރަށް ގިނަ ބަޔަކު ފިލްމު ބަލަން ސިނަމާތަކަށް ނުދިއުމުގެ ބިރު އެބައޮތް ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފަ އެވެ.

ޓައިގާ މިހާރު ސޮއިކޮށްފައިވާ ކަން އިއުލާން ކޮށްފައިވާ ހަމައެކަނި ފިލްމަކީ "ހީރޯޕަންތީ 2" އެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖުލައި 16 ވަނަ ދުވަހު އެވެ.