އެފްއޭ ކަޕް

ފޯކައިދޫ ބަލިކޮށް ގްރާންޑޭވެސް ސެމީއަށް

އެފްއޭ ކަޕްގެ ތިން ވަނަ ކްއާޓާ ފައިނަލު މެޗުގައި، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކުރި ހޯދައި، އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަ ގްރާންޑޭ ވެސް ދަތުރު ކޮށްފި އެވެ.

ދަ ގްރާންޑޭގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އިރާގްގެ ފޯވަޑް އުބައިދާ ހަދޫމް އަހްމަދެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކުރީ ތޮލާލް ނަސީރެވެ.

އޭނާ ލަނޑު ޖެހުމުގެ ކުރިން، މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ދަ ގްރާންޑޭއަށް ތަނަވަސް ކޮށްދިނީވެސް އޭނާ އެވެ. މެޗުގެ ދެ ވަނަ މިނެޓްގައި، ގްރާންޑޭގެ ކުޅުންތެރިން ފޯކައިދޫގެ ހާފުގެ މެދެއްހާ ހިސާބުން އޭރިއާގެ ތެރެއަށް ބޯޅަ ފޮނުވާލީ ތޮލާލް ހުސްކޮށް އަރަން ދިއުމުންނެވެ. ބޯޅައިގެ ސްޕީޑް ބާރުކޮށް ދިއުމުން ރަނގަޅު ޕޮޒިޝަންގައި އޭނާއަށް ބޯޅަ ކޮންޓްރޯލް ނުހޯދުނެވެ. ނަމަވެސް ގޯލައާ ހަނި އެންގަލްގައި ހުރި ނަމަވެސް ބޯޅަ ހޯދައި އޭރިއާގެ ކަނާ ދިމާލަށް ނުކުމެ އޭނާ ބޯޅަ ދިނީ ޔަޝްފާދު ހަބީބު (މުލަކޭ) އަށެވެ. މުލަކޭ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިގައި ޖެހިފައި ދިޔައީ ބޭރަށެވެ.

އޭގެ ތިން މިނެޓް ފަހުން، އުބައިދާއަށް ލިބުނު ބޯޅަވެސް ގޯލަށް އަމާޒުކޮށް ފޮނުވާލުމުން އެ ބޯޅަ އަމާޒުވީ ގޯލްގެ ދަނޑީގެ މަތީ ކަނަށެވެ. މެޗުގެ 41 ވަނަ މިނެޓްގައި ތޮލާލް ލަނޑު ޖެހީ ގްރާންޑޭގެ ކުޅުންތެރިން ނެގި ހުރަސް އުބައިދާ ބޮލުން ފޮނުވާލުމުން އެބޯޅަ ވެއްޓެން ދިއުމުން ބޯޅަ ވައިގެ ތެރޭގައި އޮއްވައި ތޮލާލް ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލަފަ އެވެ.

މެޗުގެ 61 ވަނަ މިނެޓްގައި، ގްރާންޑޭގެ ދެ ވަނަ ލަނޑު އުބައިދާ ކާމިޔާބު ކުރީ ފޯކައިދޫގެ ހާފުގެ މެދެއްހާ ހިސާބުން، މުލަކޭ އޭރިއާ ތެރެއަށް ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ގްރާންޑެގެ ތިން ވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓްގައި އުބައިދާ ކާމިޔާބު ކުރީ އޭރިއާގެ ތެރެއިން އަހްމަދު ހުސާމް ދިން ބޯޅައިންނެވެ. މި މެޗުން ބަލިވުމުން، ފޯކައިދޫއަށް ވަނީ ސީޒަން ނިމިފަ އެވެ. އެ ޓީމުން ވަނީ ދިވެހި ޕްރިމިއާ ލީގްގެ ގަދަ ހައެއްގައި ހިމެނިފަ އެވެ.