ނިއުރޭޑިއަންޓް

ނިއު ރޭޑިއަންޓަށް އެހީވާން ޓީސީން ނުކުމެއްޖެ

ކުޅުންތެރިންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުދީ ހުރުމުން ދަރަނީގެ ވަޅުގަނޑަކަށް ވެއްޓިފައިވާ، ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރު ނިއު ރޭޑިއަންޓުން ހިންގާ ފަންޑް ރައިޒިން ހަރަކާތަށް އެހީވުމަށް ޓީސީ ސްޕޯޓްސް ކުލަބުން ނުކުމެއްޖެ އެވެ.

ބިދޭސީ އަދި ދޭސީ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދީ ހުރުމުން އެފްއޭއެމްގެ ސަސްޕެންޝަނާއި ފީފާގެ ޓްރާންސްފާ ބޭން ކުރިމަތި ވެފައިވާ ނިއުގެ މެނޭޖުމެންޓުން ވަނީ، އެ ކުލަބުގެ ދަރަނިތައް އަދާ ކުރުމަށް ފަސް މިލިއަން ރުފިޔާ ހޯދުމަށް ޓާގެޓް ކޮށްފަ އެވެ.

މިއަދު ހަވީރު ހަތަރަކުން މިރޭ 11 ޖަހަންދެން، ކަނިވާ ސަރަހައްދުގެ އިސްކަންދަރު މައިޒާން ކައިރީގައި ކުރިއަށް ގެންދާ އިވެންޓަށް ޓީސީގެ އޮފިޝަލުން ދާނެ ކަމަށް އެ ކުލަބުން ކުރިން ވަނީ ބުނެފަ އެވެ. މިއަދު ހަވީރު ޓީސީގެ ސީނިއާ އޮފިޝަލުން ވަނީ ނިއުގެ އިވެންޓަށް ގޮސް އެ ކުލަބުގެ ޖޯޒީ ގަނެފަ އެވެ.

ޓީސީން ބުނީ، ނިއު ރޭޑިއަންޓާ ދެކޮޅަށް ކުރިން ކުޅުނު ވާދަވެރި މެޗުތައް އަލުން ފެންނަން އެ ކުލަބުން ބޭނުންވާ ކަމަށެވެ. ދެހާސް ސަތާރަ ވަނަ އަހަރު ނިއު އިން ސީޒަންގެ ތިން މުބާރާތެއް ކާމިޔާބު ކުރިއިރު އެ ކުލަބާ އެންމެ ވާދަވެރި ކޮށް ފެނިފައި ވަނީ ޓީސީ އެވެ. ނިއު އިން އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގް ހޯދިއިރު، ޓީސީ އަކީ ލީގްގެ ދެ ވަނަ އެވެ. އެފްއޭ ކަޕާއި ޕްރެޒިޑެންޓް ކަޕް ނިއުއިން ހޯދީ އެ ދެ މުބާރާތުގެ ފައިނަލުގައިވެސް ޓީސީ ބަލި ކުރުމަށް ފަހު އެވެ.

ނިއުއިން ތައްޔާރު ކޮށްފައިވާ، ހާއްސަ ޖޯޒީ ގަނެ، އެ ހަރަކާތުގައި ބައިވެރިވުމަށް ކުރިން އެ ކުލަބަށް ކުޅުނު ކުޅުންތެރިންނާއި މިހާރުވެސް ފުޓްބޯޅައިގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ބައިވެރި ވަމުންނެވެ.

ނިއު ރޭޑިއަންޓުގެ މިހާރުގެ ޗެއާމަނަކީ، އެކުލަބުގެ އިސް ސަޕޯޓަރެއް ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރުމުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. ކުލަބުގެ ޗެއާމަނެއްގެ ހައިސިއްޔަތުން މޮސްޓާއަށް ކުރިމަތި ވާނީ، ނިއު ރޭޑިއަންޓްގެ ޗެއާމަނަކަށް މީގެ ކުރިން ކުރިމަތި ނުވާވަރުގެ ބޮޑު ޗެލެންޖެކެވެ.

އެފްއޭއެމްގެ ސަސްޕެންޝަނާއި ފީފާގެ ޓްރާންސްފާ ބޭންގެ އަދަބު، ނިއު ރެޑިއަންޓަށް އޮތީ ކުރިމަތިވެފަ އެވެ. އެ އަދަބުން އެންމެ ކުޑަމިނުން އެކުލަބަށް ސަލާމަތް ވެވޭނީ ފީފާއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުންނެވެ. ނިއު ރޭޑިއަންޓަށް ކުރިން ކޯޗް ކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭޒް އަށް ދޭން ޖެހޭ ފައިސާ އާއި 2018 ވަނަ އަހަރު އެ ކުލަބަށް ކުޅުނު އަފްގާނިސްތާންގެ ޑިފެންޑަރު ޒޯހިބް އިސްލާމް ހާރޫން އަމީރީއަށް ދޭން ޖެހޭ ފައިސާގެ އަދަދުވެސް އުޅެނީ 600،000 ރުފިޔާއަށްވުރެ މަތީގަ އެވެ.

މުސާރައިގެ ގޮތުގައި ޓަވަރޭޒްއަށް ދޭން ޖެހޭނީ 4000 އެމެރިކާ ޑޮލަރެވެ. އަދި ނިއު އިން އޭނާ އާއެކު ހާދަފައިވާ އެއްބަސްވުން ގަވައިދާ ހިލާފަށް ބާތިލު ކޮށްފައި ވުމުން ބަދަލެއްގެ ގޮތުގައި އިތުރު 20،000 ޑޮލަރު ދެއްކުމަށް ވެސް ފީފާއިން ވަނީ އަންގާފަ އެވެ. އަދި ފީފާއަށް ސްވިސް ފްރޭންކްން ދައްކަން ޖެހޭ 8000 ފްރޭންކާއި ޖޫރިމަނާގެ ގޮތުގައި އިތުރު 5000 ފްރޭންކު ދެއްކުމަށް ވެސް ފީފާއިން ވަނީ ނިއު އަށް އަންގާފަ އެވެ.

އަމީރީ ހުށަހެޅި މައްސަލަ ބެލުމަށް ފަހު ފީފާއިން ވަނީ އޭނާ އަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ، 13،250 ޑޮލަރާއި ގަވާއިދާ ހިލާފަށް އެއްބަސްވުން އުވާލުމުން، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލުގައި އިތުރު 30،130 ޑޮލަރު ދިނުމަށް އަންގާފަ އެވެ.

މިދިޔަ އަހަރު ޖަނަވަރީ މަހު، އެފްއޭއެމުން ނިއު ސަސްޕެންޑް ކުރީ، އެ ޓީމަށް ކުޅުނު ލޯކަލް 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ 2.4 މިލިއަން ރުފިޔާ ނުދީ އޮތުމުންނެވެ.

މޮސްޓާ، ނިއު އާ ހަވާލުވިއިރު، މި ސީޒަންގައި ލީގްގައި ވާދަ ކުރުމުގެ ފުރުސަތު ނިއު އަށް ނުލިބުމުން އަންނަ ސީޒަންގައި އެ ޓީމު ވާދަ ކުރާނީ ދެ ވަނަ ޑިވިޝަންގަ އެވެ. އެހެންވެ އެ ޓީމު ދެވަނަ ޑިވިޝަނުން ނެގުމުގައި ވެސް މޮސްޓާ ނަގަން ޖެހޭ ޗެލެންޖު ބޮޑެވެ.