(ފަހު ބައި)
އަހަންނަށް ބަލަން ހުރެވުނީއެވެ. ހޫދު ގެއިން ނުކުންނަން ދެން އޭނާގެ ހަރަކާތްތަކަށެވެ. ސިފަވަމުން ދިޔައީ މުޅީން ތަފާތު މަންޒަރެކެވެ. އޯގާތެރި ފިރިއަކަށް ޓަކައި އަނބިމީހާ ކަންކަން ކުރަން ޖެހޭ ގޮތްތަކެވެ. އެ ތަރުތީބެވެ. ވަޒަންހަމަވާންވީ ގޮތްތަކެވެ. އަހަންނަށް ކުރެވުނީ އެ އިހުސާސެވެ. ފިރިންގެ ފަރިކަމުގެ ހިޔަނީގައި އަނބިން ތިބެން ޖެހޭ ޖެހުމެވެ. ފިރިންގެ ޚިދުމަތުގައި އަނބިންވާން ޖެހޭ ގުރުބާނެވެ. ދިރިއުޅަމަކީ އެކަހަލަ ކަމެއް ހެއްޔެވެ؟ އަހަންނާ ހޫދާ ގުޅޭ ހެއްޔެވެ؟
އަހަންނަށް ބަލަން ހުރެވުނީއެވެ. ހޫދު ގެއިން ނުކުންނަން ދެން އޭނާގެ ހަރަކާތްތަކަށެވެ. ސިފަވަމުން ދިޔައީ މުޅީން ތަފާތު މަންޒަރެކެވެ. އޯގާތެރި ފިރިއަކަށް ޓަކައި އަނބިމީހާ ކަންކަން ކުރަން ޖެހޭ ގޮތްތަކެވެ. އެ ތަރުތީބެވެ. ވަޒަންހަމަވާންވީ ގޮތްތަކެވެ. އަހަންނަށް ކުރެވުނީ އެ އިހުސާސެވެ. ފިރިންގެ ފަރިކަމުގެ ހިޔަނީގައި އަނބިން ތިބެން ޖެހޭ ޖެހުމެވެ. ފިރިންގެ ޚިދުމަތުގައި އަނބިންވާން ޖެހޭ ގުރުބާނެވެ. ދިރިއުޅަމަކީ އެކަހަލަ ކަމެއް ހެއްޔެވެ؟ އަހަންނާ ހޫދާ ގުޅޭ ހެއްޔެވެ؟ އަހަންނަކީ ހޫދަށް ވަފާތެރި ތެދުވެރިއަކަށް ވެވިދާނެ ހެއްޔެވެ؟ އަހަންނަކީ އޭނާ ހީކުރާ ކަހަލަ ޒިންމާދާރު މީހަކަށް ވެވިދާނެ ހެއްޔެވެ؟ ޔަގީނެވެ. ހޫދު އަހަރެން ބަލައި ގަންނާނެއެވެ. ކޮންމެ ހާލެއްގައި ވެސް އޭނާ އަހަރެން ގަބޫލުކުރާނެއެވެ. އޭނާއަކީ ވަރަށް މާތް މީހެކެވެ. އަމިއްލަ އެދުމުގެ ދަހިވެތިކަމުގައި އުޅޭ މީހެއް ނޫނެވެ. އެހެން ނޫންނަމަ ރޭގައި އޭނާ ފުރުސަތުގެ ބޭނުން ހިފީހެވެ. އަހަންނަށް ބޭނުން ގޮތެއް ހަދައިލެވެން އޮއްވާ އޭނާ އިސްކުރީ ހަމްދަރުދީއެވެ. ކުލުނެވެ. އިހުސާންތެރިކަމެވެ.
ހޫދުގެ ކޮންމެ ހަރަކާތަކަށް އަހަންނަށް މަރުހަބާ މި ކިޔެނީ ޝަރުތެއް ނެތިއެވެ. އޭނާގެ ލުއި ބީހުން ތަކުން އަހަރެންގެ ހިތުގައި އުފެދެނީ ޖަޒުބާތީ އޮއިވަރު ތަކެކެވެ. އެ އޮއިވަރު ތަކުގައި ބެހި ގެއްލެމުން ދަނީ އަހަރެންގެ މާޒީއެވެ. ފޮހެވެމުން ދަނީ އެ ބިރުވެރި ހަނދާންތަކެވެ. އެ އިހުސާސްތަކެވެ. އެކަމަކު އަދިވެސް އެ ހަނދާންތައް އާވަމުންދާ ވަރަކަށް އެ އުނދަގޫތައް ތަހައްމަލު ކުރަން ޖެހެއެވެ. ރޭގައި ވެސް ވީ އެހެންނެވެ. މި ކުރެވެން ފެށީ އަނެއްކާ ވެސް އެ ހިޔާލުތަކެވެ. އެ އިހުސާސްތަކެވެ. ސިކުނޑީގައި ކުރެހެމުން އެ ދަނީ އެ މަންޒަރުތަކެވެ. ކުލަޖެހެމުން ދަނީ އެ ތަސްވީރު ތަކުގައެވެ.
ނަމަވެސް، މިހާރު އެހެންނެއް ނުވެއެވެ. ބޮލަށް އުނދަގުލެއް ނުވެއެވެ. މޫނުމަތިން ދުވެމުންދާ ކަޅު ރޮނގުތަކެއް ނުފެނެއެވެ. ބަލަބަލައި ހުއްޓާ ތަސްވީރުތައް ކުދިކުދިވެ އުދުހޭކަށް ނުފަށައެވެ. ބޮލުގެ ދެފަރާތަށް ފިތި ބާރުވާހެން ހިޔެއް ނުވެއެވެ.
ހިމޭންކަމުގެ ތޫނު އަޑުން ކަންފަތް ފަޅައިގެންދާ ހެން ހިޔެއް ނުވެއެވެ. ހައިރާންކަމާއެކު ތުންފަތުގައި ދަތްއަޅައި ލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މިވީ ކީއް ހެއްޔެވެ؟ މިއައީ ކޮން ބަދަލެއް ހެއްޔެވެ؟ މިއީ ހޫދުގެ ފަރުވާ ހެއްޔެވެ؟ މިއީ ސިކުންތުކޮޅެއްގެ ތެރޭގައި ދިން މަދު އިރުޝާދުތަކެއްގެ ނަތީޖާ ހެއްޔެވެ؟ ހިތުގައި ބަންޑުންވަމުން ދިޔައީ އުފާވެރިކަމުގެ އިހުސާސްތަކެކެވެ. ބޭއިޚްތިޔާރުގައި އަހަންނަށް އެނބުރިލެވުނެވެ. ދެ އަތް ހުޅުވާލައިގެންނެވެ. އަވަސްއަވަހަށް ކޮޓަރިއާ ދިމާއަށް ދުއްވާގަނެވުނެވެ.
ކޮޓަރިއަށް ވަދެ ބަލައިލެވުނީ އެނދަށެވެ. މީހަކު އޮތް ހެން ހީވެގެންނެވެ. އެނދުގައި އޮތީ ހޫދު ހެއްޔެވެ؟ އަހަރެން ބޭނުންވީ ޔަގީންކޮށްލާށެވެ. އާއެކެވެ. އެއީ ހޫދެވެ. ހޫދު އޮތީ އެނދުގައި އޮށޯވެގެންނެވެ. އޭނާ ބަލައިލީ އަހަރެންގެ މޫނަށެވެ. އަހަރެން ފެނުމުން ލުއި ހިނިތުންވުމަކާއެކު ބަލައިލިއެވެ. އިނގިލިތަކުން އިޝާރާތްކޮށްލިއެވެ. އަންނާށޭ ބުނާ ފަދަ ގޮތަކަށެވެ. އަހަންނަށް ކުރިއަށް ޖެހިލެވުނެވެ. ހޫދުގެ ގާތުގައި އިށީނދެލެވުނެވެ. ހޫދު ތެދުވެ އެނދުގައި ހަމަޖެހިލިއެވެ.
"އާނ! އަހަރެން ވެސް.. އަހަރެން ވެސް ވަރަށް ލޯބިވޭ." ހޫދުގެ މޫނަށް ބަލައިގެން އިނދެ އަހަރެން ބުނެލީމެވެ.
ހޫދު އަނގަޔަކުން ނުބުނެއެވެ. ލުއި ހިނިތުންވުމަކާއެކު އޭނާ އިނީ އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ކީއްވެތަ އަނގައިން ނުބުނީ؟" އަހަރެން އަނެއްކާ ވެސް ހޫދުގެ މޫނަށް ބަލައިލީމެވެ. "ހޫދު އަހަރެން ދެކެ ލޯބިނުވަނީތަ؟ އަހަންނަށް ވިސްނުނީ ގޯސްކޮށްތަ؟"
މިފަހަރު ވެސް ޖަވާބެއް ނުލިބުނެވެ. ހޫދު އިން ގޮތަށް އިނީއެވެ. ފާޑަކަށް ބަލަހައްޓައިގެންނެވެ. ހެވިފައެވެ. އަހަރެން ރަކިވާ ގޮތްވިއެވެ. ލަދުގަންނަ ގޮތް ވިއެވެ. އަހަންނަށް އިސްނެގުނީ ހެއްޔެވެ؟ އިސްނެގުމަކީ ގޯހެއް ހެއްޔެވެ؟ ޖެހިލުންވާން ޖެހޭ ކަމެއް ހެއްޔެވެ؟ އެއީ ވަކި ޖިންސަކަށް އޮންނަ ކަމެއް ހެއްޔެވެ؟ އިހުސާސްތަކަކީ ވަކި މީހެއްގެ ހައްގެއް ހެއްޔެވެ؟ ވަކި ޖިންސަކަށް ވީތީ އިސްކުރާން ޖެހޭ ކަމެއް ހެއްޔެވެ؟ ހުރިހާ ސުވާލަކަށް ލިބުނީ ދެ ނޫނުގެ ޖަވާބެކެވެ.
މީހަކު ދެކެ ލޯބިބވުމަކީ ގޯހެއް ހެއްޔެވެ؟ ލޯބިވާ މީހަކަށް އިމެއް މިނެއް އޮންނާން ޖެހޭ ހެއްޔެވެ؟ ލޯބީގެ ހަރަކާތްތަކާއި އަމިއްލަ އެދުމުގެ ހަރަކާތްތައް ތަފާތުވާނެ ހެއްޔެވެ؟ ލޯބީގެ ފިރުމުންތަކުގައި ހުންނާނީ ކޮން އިހުސާސްތަކެއް ހެއްޔެވެ؟ ލޯބީގެ ނަޒަރުން ބަލާނަމަ ފެންނާނީ ކޮން މަންޒަރެއް ހެއްޔެވެ؟ ލޯބި ތަފާތުވާނެ ހެއްޔެވެ؟ ޖަވާބަށް ލިބެނީ އެއް ޖަވާބެކެވެ. އާއެކެވެ. ލޯބީގައި އަމިއްލަ އެދުމެއް ނޯންނާނެއެވެ. ފެންނާނީ، އިހުސާސްކުރެވޭނީ ކުލުނެވެ. އޯގާތެރިކަމެވެ. ހަމްދަރުދީއެވެ. އާދަނާއި ހޫދުގެ ތަފާތަކީ އެއީ ހެއްޔެވެ؟
ހޫދު އަހަރެންގެ ކަންހުޅިއާ ދިމާއިން ކޯތާފަތުގައި އިނގިލި ޖައްސާލިހެން ހީވިއެވެ. މަޑުމަޑުން އަހަންނަށް ލޯ މަރައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ގަދަކަމުން ހިންދިރުވާލެވުނެވެ. ލޯ ހުޅުވާލީމެވެ. ބަލައިލެވުނީ ކުރިމަތީގައި ހޫދު އިންތޯއެވެ. ހޫދެއް ނެތެވެ. އޭނާ އެ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އެހާ އަވަހަށް ތަނަކަށް ދެވިދާނެ ހެއްޔެވެ؟
ލާނެތް ފާޑަކަށް ހެވުނެވެ. ހިނިތުން ވެވުނެވެ. ބޮލުތެރޭގައި ހޫދުގެ ތަސްވީރު ކުރެހިފައިވާލެއް ބޮޑުކަމުން ހޫދުގެ ސޫރަ ފެންނަން ފެށީއޭ ހިތަށް އެރިއެވެ. ރަނގަޅަށް ވެސް ހޫދުގެ އަވައިގައި ޖެހުނީތާއޭ ހިތް ބުނެލިއެވެ. މިއީ ކުރިން ވީ ގޮތެއް ނޫނެވެ. ކުރިން ކުރެވުނު އިހުސާސްތަކެއް ވެސް ނޫނެވެ. އަހަރެން ބޭނުންވީ އޮށޯވެލާށެވެ. ސިކުނޑިއަށް ލިބެމުންދިޔަ ބަރުކަމާއެކު ހަމަޖެހިލާށެވެ. ލުޔެއް ލިބޭތޯއެވެ. މަޑުމަޑުން ދެ ލޯ މަރައިލީމެވެ. ހަނދާނުގެ ކިއްލާގައި ކުރެހެމުން ދިޔަ ތަސްވީރުތައް އެކުވެ ކުލެ ޖެހެމުން ދިރެމުން ދިޔައެވެ. މާޒީގެ ފުންހަނދާންތަކުން ސިކުނޑި ބަންޑުންވާން ފެށިއެވެ.
އޭރު އަހަރެންގެ އުމުރުންވާނީ ސޯޅަ އަހަރެވެ. އެއީ އަހަރެން އޯލެވެލް ނިންމާ ނަތީޖާއަށް އިންތިޒާރުކުރަމުން ދިޔަ ދުވަސްކޮޅެވެ. އަހަރެން އުޅެމުން ދިޔައީ ބައްޕަމެންގެ ގޭގައެވެ. ބައްޕަގެ އާއިލާގައި ތިބެނީ ބައްޕަގެ ދެބެންނެވެ. ދެން މަންމައާއި އަހަރެންނެވެ. އިތުރު މީހަކު އެ ގެޔަކު ނޫޅެއެވެ. ބައްޕަގެ ދޮށްޓަށް ހުންނަނީ އާރިފެވެ. އެއީ އަހަރެންގެ ބޮޑުބޭބެއެވެ. ބޮޑުބޭބެއަކީ ވެސް ބައްޕަ ފަދަ އޯގާތެރިއެކެވެ. ވަޒީފާ އަދާކުރަން މާލޭގައި ބައްޕަ ހުންނާތީ، ބައްޕައެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ގިނަ ކަންކަން ކޮށްދެނީ ބޮޑުބޭބެއެވެ. އެހެންވެ ބޮޑުބޭބެއާ އަހަންނާ ދެމެދުގައި ފާރެއް ނެތެވެ. އޮތީ ގާތްގުޅުމެކެވެ. ބޮޑުބޭބޭގެ އަނތްބެއް ދަރިއެއް ނެތުމުން ހުރިހާ ފައިދާއެއް، މޮޅެއް ލިބެނީ އަހަންނަށެވެ. ދުވަސްވީ ވަރަކަށް އެ ގުޅުމުގެ ބާރުގަދަވެ ވަރުގަދަވަމުން ދިޔައެވެ.
"ކުޑަބެ ދައްތާ! މިއަދު އެބައާދޭ އަހަރެންގެ ރައްޓެއްސެއް. އޭނަ ހުންނާނީ މި ގޭގަ." ބޮޑުބޭބެ ވާހަކަދެއްކީ މަންމައާއެވެ. އާދަނު ކިޔާނީ. ހީވަނީ ހަފުތާއެއް ވަރުވާނެހެން."
އަހަރެން ހީކުރީ އާދަނަކީ ދުވަސްވީ މީހެއް ކަމަށެވެ. ސިކުނޑީގައި ކުރެހުނީ ވެސް އެކަހަލަ މަންޒަރެކެވެ. ބޮލުގެ މެދު ހާމަވެ ޖާނު ވަރުގަދަ މީހެއްގެ ގޮތުގައެވެ. މުންޑާއި އަތްދިގު ގަމީސް ލައިގެން ހުންނާނެ މީހެއްގެ ސިފާގައެވެ. އާދަނުގެ ނަން އިވުނު އިރަށް ސިފަކުރެވުނީ އެކަހަލަ މީހެކެވެ. އެފަދަ ސިފަތަކެކެވެ.
"އަޅޭ! އަހަރެން ހީކުރީ އާދަނޭ ބުނީމަ ވަރަށް މުސްކުޅި މީހެއް ކަމަށް." އަހަރުމެން ތިބީ އާދަނުގެ އިސްތިގުބާލުގައި ރަށުގެ ބަނދަރުގައެވެ.
ބޮޑުބޭބެ އިޝާރަތްކޮށްލީ މާލެ ދަތުރުކުރާ ބޯޓުގެ މަތީބައިގައި ހުރި އާދަނަށެވެ. އިޝާރާތުން ހަނާއަޅައިލަމުން އަހަންނަށް އާދަނު ދެއްކިއެވެ.
"ސަޅިވީތަ؟" ބޮޑުބޭބެ އަހަންނާ ދިމާކޮށްލިއެވެ.
"އާން! ސަޅި ތުނބުޅިއެއް. ދަގަނޑު މަތިމަހެއް. ފަން އިސްތަށިގަނޑެއް." އަހަރެން ހޭންފެށީމެވެ. "މަށަށް ރީތީ ވެސް ކަޅު މީހުންނެއްނު ދޯ!"
"ނުހާގެ ޕްރިންސް އައީ ކަން ނޭނގެއެއްނުތި." ބޮޑުބޭބޭ ޕަކަޕަކަ ލައިފައި ހޭންފެށިއެވެ.
އާދަނާއެކު އަހަންނާއި ބޮޑުބޭބެ ގެއަށް ދިޔައީ ހިނގާފައެވެ. ދަބަސްތައް ކޮނޑުގައި އެޅުވާގެންނެވެ. ގެއަށް ދިޔަ މަގުމަތީގައި ބޮޑުބޭބެއާ އާދަނާ ވަރަށް ވާހަކަދެއްކިއެވެ. އަހަރެން ހުރީ އެ ވާހަކަތައް އަޑުއަހާށެވެ. އެއްވެސް ވާހަކައެއް ނުދައްކަމެވެ. ބޮޑުބޭބެގެ ބައެއް ސުވާލު އަމާޒުކުރީ އަހަންނަށް އާދަނުގެ ވިސްނުން އަންގައިދޭން ހެން ވެސް ހީވިއެވެ. ފޮރުވުމެއް ނެތި އާދަނު ޖަވާބު ދެމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން ބޮޑުބޭބެ އަހަންނަށް ބަލައިލައެވެ. އާދަނުގެ އެ ސިފަތަކުން އަހަރެންގެ ހިތުގައި އާދަނުގެ ތަސްވީރު ފެވެމުން ދިޔައެވެ.
ގެއަށް ދެވުމުން ވެސް އާދަނުގެ ހަރަކާތްތަކަށް ސަމާލުކަން ދެވެން ފެށުނެވެ. އޭނާ އުޅޭ ނޫޅޭ ގޮތް ބެލެވެމުން ދިޔައެވެ. ސިއްރުންނެވެ. ބައެއް ފަހަރު ފާޅުގައެވެ. އާދަނު އެކަނިވާނެ ވަގުތަކަށް ފާރަވެރިވެވެމުން ދެވުނެވެ. އާދަނަކީ އަލަށް ފެނުނު މީހަކަށް ވިޔަސް، ހިތްބުނަނީ އެއީ މާކުރިން ވެސް އަހަރެންގެ ސިކުނޑީގައި ކުރެހިފައިވާ ތަސްވީރެއް ކަމަށެވެ.
"އަމިއްލަ މިލްކެއް ވަގަށް ނަގައިގެން އުޅެވޭތީތަ ތިވަރަށް ތި ބަލަނީ؟" އާދަނުގައި އައިސް އަހަންނާ ޖެހިގެން ހުރި، ޖޯލީގައި އިށީނދެ ވައި އަޑުން ބުނެލިއެވެ.
އަހަރެން ދިޔައީ ސިއްސައިގެންނެވެ. ސިހިފައި ތެދުވެވުނެވެ. އާދަނުގެ މޫނަށް ބަލައިލެވުނެވެ. ލަދުން އިސްޖަހައިލެވުނެވެ. އަހަންނަށް އޮވެވުނީ އާދަނާ މެދު ވިސްނާށެވެ. އޭނާގެ ހަރަކާތްތަކުގައި ހުރި ވަޒަންހަމަ ކަމާމެދު ފިކުރުކުރާށެވެ.
"އަހަންނަކީ ވަރަށް އޯޕަން މީހެއް ހަމަ. ފޮރުވައިގެން ނުގެން ގުޅެން އެއްވެސް އެއްޗެއް." އާދަނު ފާޑަކަށް ހީލިއެވެ.
ބަދަލުގައި އަހަންނަށް ބަލައިލެވުނީއެވެ. އާދަނުގެ މޫނަށެވެ. އޭނާގެ ސިފަކުރެވުނު ގޮތާއި ހިލާފަށް ވިސްނުމާއި ބަސްބުނުމުގައި ތަފާތެއް ހުރިހެން ހީވާތީއެވެ.
"ބޭނުން ކޮށްލާ ހިތްވަންޏާ ވެސް ބުނެލާ. ނަގާނެ ރިޔަލެއް ނެތީމަ ފަރުމާ އޮތީ ހިޔާކޮށްފަ." އާދަނު އަނެއްކާ ވެސް ފެށިއެވެ.
ސުވާލުގެ ނަޒަރަކުން އަހަންނަށް ބަލައިލެވުނީ އޭނާގެ މޫނަށެވެ. އާދަނު ބުނީ ކީކޭކަން ނޭނގިގެންނެވެ. އަހަންނަށް ވިސްނައިލަން މަޖުބޫރުވިއެވެ. އަނގައިން ވެސް ނުބުނެ އިނދެވުނީއެވެ.
"މަށަށް ވަރަށް ޔަގީން ވަނީ ނުހާ މަށަށް ދައުވަތު ދީފިކަން. ނަޒަރު އަމާޒު ވާނީ ތިމާގެ ހިތަށް. ހިތުގެ މަންޒިލަށް." އާދަނު އެއްމިޔަކަނުން ހީލިއެވެ. "ނުހާގެ ދައުވަތު ހިތުން ރުހުމުން އަހަރެން ގަބޫލުކޮށްފިން."
"ކޮން ދައުވަތެއް؟" ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނީ އާދަނުގެ މޫނަށެވެ.
އޭނާ ޖޯލިފަތީގައި އިށީނދެ ހަމަޖެހިލިއެވެ. އަހަރެންގެ ނޭފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ނިތް އަރުވާލިއެވެ.
"އާ ދޯ! އަހަރެންގެ ބޭނުމީ އާކަން ކަނޑުވާލަން." އަނެއްކާ ވެސް އާދަނު ހީލިއެވެ.
އާދަނުގެ ބަސްމަގު ދޭހަކުރަން ނޭނގި އަހަންނަށް އިނދެވުނީއެވެ. އޭނާ ދައްކާވާހަކަތަކާއި އޭނާގެ ޢަމަލުން އަހަންނަށް މާ ބޮޑު ކަމެއް ދޭހައެއް ނުވިއެވެ. އާދަނު އަހަރެންގެ އަތުގައި ހިފައިލިއެވެ. އަހަރެންގެ އަތް ގެންގޮސް ބޭއްވީ އޭނާގެ ފަލަމަސް ގަނޑުގެ މަތީގައެވެ.
"ނުހާ ބަލާ ގޮތުން މޮޔަވެދާނެ. ނުހާ ތީ ވަރަށް ރީތި ކުއްޖެއް. ވަރަށް ލޯބި މޫނެއް. ސަޅި ތުންފަތެއް. އަހަންނަކަށް މާގިނައިން ތައުރީފު ކުރާކަށް ނޭނގޭނެ. އެކަމަށް މޮޅެއް ނުވާނެ. މަށަކީ ބަސްމަދު ޢަމަލު ގިނަ މީހެއް." އާދަނު އަހަރެންގެ އަތަށް ފިތައިލިއެވެ.
ދޮރާށި ހުޅުވޭ އަޑު އިވުމުން އާދަނުގެ އަތުން އަހަރެންގެ އަތްދަމައިގަތީމެވެ. އާދަނު ކޮޅަށް ތެދުވިއެވެ. ދޮރާށިން ވަދެގެން އައީ ބޮޑުބޭބެއެވެ. ބޮޑުބޭބެ ފެނުމުން އާދަނު ޖޯލީގައި އިށީނދެލިއެވެ. ބޮޑުބޭބެ އާ ގޮތަށް ވާހަކައިގައި އަޅުވާލީ އާދަނާއެވެ. އާދަނާއެކު މަސްވެރިކަމަށް ނުކުތުމާ ގުޅޭގޮތުން ލައްކަ ވާހަކަދެއްކިއެވެ. ހުރިހާ ކަމެއް ތަރުތީބުކޮށް ނިންމާފައި ގެއާ ދިމާއަށް މިސްރާބު ޖަހަމުން ބޮޑުބޭބެ އަހަންނާ ދިމާއަށް ބަލައިލިއެވެ.
"ނުހާ ވެސް ދާންވާނެ ދޯ." ބޮޑުބޭބެ ހިނިތުންވެލިއެވެ. "އޯހ ސޮރީ. މި ކަނޑަށް ބަލި، ރަށަށް ގަދަ ކުއްޖެކޭ ދޯ."
ބޮޑުބޭބެ ހެމުން ހެމުން ގޭތެރެއަށް ވަނީއެވެ. އާދަނު އަހަންނާ ދިމާ ބަލައިލިއެވެ. މަލާމާތުގެ ރާގުގައި އޭނާ ވެސް ހިނިތުންވެލިއެވެ.
"މަސްބާނަން ދަސްކުރަންވާނެ. ކޮންމެ ކަނޑަކަށް ވެސް ފެތެން ވާނެ. ހޭނެންވާނެ." އާދަނު ކޮޅަށް ތެދުވެ ގެއާދިމާއަށް ހިނގައިގަތެވެ. "ގަޑި ޖެހެނީ."
އަހަންނަށް އިނދެވުނީ ބަލާށެވެ. އާދަނުގެ ގޭތެރެއަށް ވަންނަންދެން އަހަންނަށް އޭނާއަށް ބެލުނެވެ. އާދަނު ލޯމަތިން ގެއްލުމުން އޭނާ ދެއްކި ވާހަކަތަކާ މެދު ވިސްނެން ފެށުނެވެ. ފާޑަކަށް ހިނިއަންނަ ގޮތްވިއެވެ. އޭނާ ދެއްކި ވާހަކަތައް މޭރުންވާން ފެށުމުންނެވެ.
އެ ދުވަހުގެ ރެއެވެ. އަހަރެން އޮތީ ނިދާށެވެ. ނިދާ ހެދުމުގައެވެ. ލޮލަށް ނިދި ނައިސްގެ އެނދުގައި އޮވެ ދެ ފަރާތަށް ފުރޮޅެވެނީއެވެ. ކުއްލިއަކަށް ކޮޓަރީގެ ތަޅުގައި މީހަކު ހިފައިލިހެން ހީވިއެވެ. އަހަންނަށް ތެދުވެ ބަލައިލެވުނެވެ. އަނެއްކާ ވެސް ތަޅަށް ގުނޑުން އައެވެ. ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލި އަޑު އިވުނެވެ. އަހަންނަށް ހީވިހީވުމެއް ކަމަށް ވިސްނުނެވެ. ދެވަނަ ފަހަރަށް ޓަކި ޖަހައިލުމުން އެނދުން ތެދުވީމެވެ. ދެ ފިކުރެއްގައި ހުރެ ދޮރާ ދިމާއަށް ހިނގައިގަތީމެވެ.
މަޑުމަޑުން ދޮރު ހުޅުވާލީމެވެ. ދޮރުހުޅުވުނު ހެން ހީނުވެ އެތެރެއަށް މީހަކު ދެމިގަތެވެ. ހަޅޭއްލަވާ ގަންނަން އަނގަހުޅުވާލެވުނެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ކޮންމެވެސް މީހަކު އަހަރެންގެ އަނގަމަތީގައި އަތްއެޅީއެވެ. އެމީހާ ހުރީ އަހަރެންގެ ފަހަތުގައެވެ. މަޑުމަޑުން އަހަރެން އެއްފަރާތަށް ބަލައިލީމެވެ. އެއީ އާދަނެވެ.
"މަށޭ. ދޮރުލައްޕަބަލަ." އާދަނު ވައި އަޑުން ބުނެލިއެވެ. "ހަޅޭއްލަވާ ގަންނާނީކީ ނޫން. އަނގަމަތީ އަތްއެޅީ ހަޅޭއްލަވަން އުޅުނީމަ."
އަހަރެން ބޯ ޖަހައިލީމެވެ. މަޑުމަޑުން ދޮރު ލައްޕާލީމެވެ. އަހަރެންގެ އަތުގައި ހިފައިގެން އައިސް އާދަނު އިށީނީ އެނދުގައެވެ. އޭނާ އަހަރެންގެ ދެ އަތުގައި ފިރުމިއެވެ. އެ ފިރުމުންތައް ކޮނޑާހަމައަށް ފޯރިއެވެ. ކޮނޑުން ބުރަކަށްޓަށް ދިޔައެވެ. އާދަނުގެ ކޮންމެ ހަރަކާތަކަށް އަހަންނަށް މަރުހަބާ ކިޔެމުން ދިޔައެވެ. އެންމެފަހުން އާދަނުގެ މަގުސަދު ހާސިލުކޮށް ނިންމާލިއެވެ. އެނދުމައްޗަށް ވެއްޓި ގަނެ އޮތް ގޮތަށް އޭނާ އޮތީއެވެ. އިރުކޮޅެއް ނުވަނީސް ނިދީގެ މިޔުޒިކު ކުޅެން ފެށިއެވެ. ދެ ފިކުރެއްގައި އޮއްވާ އަހަންނަށް ވެސް ނިދުނެވެ. ހޭލެވުނީ ފަޔަށް އެއްޗެއް އަރާހެން ހީވެގެންނެވެ. ރަނގަޅަށް ދެ ލޯ ހުޅުވާ ނުލެވި އުޅެނިކޮށް އަނގަމަތީގައި އަތްއެޅީއެވެ. އެއީ އާދަނެވެ. އަނެއްކާ ވެސް ފެށުނީއެވެ. އާދަނުގެ ކޮންމެ ހަރަކާތަކުން އަހަންނަށް ކުރެވެމުން ދިޔައީ މުޅީން އާ އިހުސާސެކެވެ. އަދަނީ ޖާދޫގަރެއް ފަދައެވެ. އޭނާގެ ކޮންމެ ހަރަކާތެއްގައި ހުރީ ދަމާބާރެކެވެ.
"ރޭގަ ލިބުނުހާ މީރު ކޮފީއެއް ދުވަހަކު ވެސް އަދި ނުލިބޭ." އާދަނު ބަލައިލީ އަހަރެންގެ މޫނަށެވެ.
"ކޮން އިރަކު ކޮފީއަށް ދިޔައީ؟ ކޮޓަރީގަ ދެތިން ފަހަރު ޓަކި ޖެހީމަ ވެސް ޚަބަރެއް ނުވި. މަ ގުޅީމަ ވެސް ފޯނެއް ނުނަގާ،" ބޮޑުބޭބެ ވާހަކަދެއްކީ އާދަނާއެވެ. "މަ ހީކުރީ ތަންކޮޅެއް ލަހުން އާދެވުނީމަ ވަރުބަލި ވެގެން ނިދީކަމަށް. އެހެންވެ ފަހުން ޓަކި ނުޖެހީ."
"އާނ. މަށަށް ހަމަ ނިދުނީ. ވަރަށް އަރާމުކޮށް ނިދައިލެވުނީ. މިހާ އަރާމުކޮށް އަދި ނުނިދޭ ދުވަހަކު ވެސް." އާދަނު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
"ދެން ކޮން ކޮފީއެއް؟" ބޮޑުބޭބެއަށް އާދަނު ދައްކާ ވާހަކައެއް ނޭނގުނެވެ.
"ބަލަ އޮޑިމަތިން ލިބުނެއްނު ހޫނު ކޮފީއެއް." އާދަނު ހޭން ފެށިއެވެ.
އަހަރެން އަނގައިން ވެސް ނުބެ އިނީއެވެ. އާދަނާއި ބޮޑުބޭބެ ވެސް ތިބީ ހެނދުނުގެ ސަޔަށް އިންސާފުކުރާށެވެ.
"މިރޭ ވެސް ވާނެ ދޯ." އަހަރެން އަތްދޮންނަށް ހުއްޓާ އާދަނު އަހަރެންގެ ގާތަށް ލެފިލައިފަ ވައި އަޑުން ބުނެލިއެވެ.
އަހަންނަށް ބަލައިލެވުނީ ބޮޑުބޭބެ ކޮބައިތޯއެވެ. އޭރު ބޮޑުބޭބެ ސައި ކޮޓަރިން ނުކުންނަނީއެވެ.
"އަސްލު ވެސް ވަރަށް މީރު ތި ކޮފީ. މަށަށް މީރީ ކަޅު ކޮފީ. އެކަމު ކިރުކޮފީ ވެސް މިހާރު މީރު ވެއްޖެ." މާނަފުން ރާގެއްގައި އާދަނު ބުނެލިއެވެ.
"މިރޭ ތަޅު ނުލައި ބަހައްޓާތި."
އަހަންނަށް އިންތިޒާރު ކުރަމުން ދެވުނީ އެރެއަށެވެ. އާދަނަށެވެ. ހީވީ ގަޑި ވެސް ކަންނެތް ވެފައި ވާހެންނެވެ. ހިނގާހިނގާ ވަރުބަލިވެފައިވާ ހެންނެވެ. އިރުއިރު ކޮޅާ ގަޑިއަށް ވެސް ބަލައިލެވެއެވެ.
"ނުހާ ތަނަކަށް ދާން އޮތީތަ؟" އަހަރެން ގަޑިއަށް ބަލާވަރުން މަންމަ ސުވާލުކޮށްލިއެވެ.
"ނިދިއަންނަ ވަރުން. އަދި އަށެއްވިއްޔަ އެ ޖެހީ." އަހަރެން ފޯނުގައި ލޯ ތަތްކޮށްލައިގެން އޮވެ ބުނެލީމެވެ.
"ދެން ނިދަން ދާންވީނު. ބޮޑުބޭބެމެން ވެސް ކާން އެބަތިބި." މަންމަ ތެދުވެގެން ކައި ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެ ހެނދުން ބަދަލުކޮށްލައިގެން އެނދުގައި އޮށޯވެލީމެވެ. ކަމެއް ހަނދާންވުމުން ގޮސް ކޮޓަރީގެ ތަޅުގައި ހިފައިލީމެވެ. ހީވީ ރަނގަޅަށެވެ. ދޮރުހުރީ ތަޅު ލެވިފައެވެ. އާދަނުގެ ހިޔާލާއެއް ގޮތަށް އަހަރެންގެ ހަރަކާތްތައް ބައްޓަން ކުރީމެވެ. އެނދުގައި އޮށޯވެލި އިރަށް އަހަންނަށް ނިދުނީއެވެ.
ލޯ ހުޅުވާލެވުނީ ބުރަކަށީގައި އެއްޗެއް ޖެހޭހެން ހީވުމުންނެވެ. ސިހިފައި ލޯ ހުޅުވާލީމެވެ. ދެ ފަހަރަކު އެސްފިޔަ ޖަހައިލީމެވެ. ހީވީ ހަމަ ރަނގަޅަށެވެ. އެއީ އާދަނެވެ. އޭނާގެ މޫނު ބުރަކަށީގައި ޖެހުމުން އެ ކުރެވެނީ ހާދަހާވާ ތަފާތު އިހުސާސެކެވެ. އާދަނުގެ ހަރަކާތްތައް އެންމެ ފޯރިއަށް އެރި ވަގުތެވެ. ކޮޓަރީގައި ދެފަހަރަކު މީހަކު ޓަކި ޖަހައިލިއެވެ. އަހަންނަށް ސިހުން ލިބުނެވެ. ޖެހިލުން ވެވުނެވެ. އާދަނު ވެސް ކުއްލިއަކަށް ތެޅިގަތެވެ. އޭނާ ކޮޅަށް ތެދުވެ ދުއްވާ ގަންނަން އުޅުނެވެ. އަހަންނަށް އިނގިލި ދިއްކޮށްލެވުނީ ފާހާނާ އަށެވެ. ޖިންސު އަތަށް އޮޅައިލައިގެން އާދަނު ދުއްވާގަތީ ފާހާނާއަށެވެ. ކުޑަކޮށް ހަމަޖެހިލުމަށްފަހު އިސްތަށިގަނޑު ތަރުތީބުކޮށްލަމުން އެނދުން ތެދުވަން އުޅުނީމެވެ. ހުރީ ބޯ އަނބުރާ ގޮތް ވެފައެވެ. އަހަރެން ހީކުރީ ނިދީގެ އަސަރު ހުރީ ކަމަށެވެ. ފާރުގައި އަތް ޖައްސާލައިގެން ހުރެ އަހަރެން ކުރިއަށް ހިނގައިގަތީމެވެ.
ޔަގީންވީ ތަޅުގައި ހިފުނުކަމެވެ. ދެންވީ ގޮތެއް އަހަންނަކަށް ވެސް ނޭނގުނެވެ. ހޭވެރިކަންވީ އިރު އޮތީ ރަށު ހޮސްޕިޓަލުގައެވެ. ގާތުގައި މަންމަ އިނެވެ.
"ކިހިނެއް..." އަހަރެން ތެދުވަން އުޅެން ހެދުމުން އެކަން މަނާކުރީ މަންމައެވެ.
"އިހަށް ހަމަޖެހިލާ." މަންމަ ބުނެލިއެވެ.
"ކިހިނެއްވީ؟" އަހަންނަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ.
"އާދަނު. ޖާހިލެއް. ނުލަފާ ގޮތެއް ނެތް. ދަރިފުޅު ހަލާކުކޮށްފި. އޭނާ ދަރިފުޅު ބޭކާރުކޮށްލައިފި. މުޅި ރަށަށް މުޅި ތަނަށް ގިނަ ކޮށްފި،" މަންމަ ރޯންފެށިއެވެ. "މަންމަ އަށް ނުދެވުނު ނަމަ.."
އަހަރެންގެ ކޮނޑުގައި މަންމަގެ ކޮނޑު ޖައްސައިގެން އޮވެ ރޮމުން ދިޔައެވެ. ގިސްލަ ގިސްލާފައެވެ.
"އެކި އެއްޗެހި ބޭނުންކޮށްގެން، އޭނާ ދަރިފުޅަށް... ދަރިފުޅަށް އަނިޔާކޮށްފި. ވަރަށް އަނިޔާ ކޮށްފި. ބޭސް ދީފި. މަސްތުކޮށްފަ. ދަރިފުޅު ވަރަށް ބަލިވެއްޖެ،" އެކި ތަނުން އެކި ވާހަކަ ނަގައި އެއްކޮށްލަމުން މަންމަ ބުނެލިއެވެ. "މަންމަ ކޮޓަރި ފާޚާނާގަ މައްސަލަ ޖެހިގެން ދަރިފުޅު ކޮޓަރިއަށް ދިޔައީ."
އަހަންނަށް ބަލައިލެވުނީ އުނަގަނޑާ ދިމާއަށެވެ. ނޭނގޭ ރިހުމެއް އުނަގަނޑާ ދިމާގައި ހުރިކަން އިހުސާސްވާނެ ފެށިއެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މަންމަގެ ވާހަކަތަކާ އެކުވެ ބައެއް މަންޒަރުތައް ސިފަވާން ފެށިއެވެ. އާދަނުގެ ހަރަކާތްތަކެވެ. އޭނާ ކުރި ކަންތައްތަކެވެ.
"އިފުރީތުންނަށް ހައްގު ތަނަކީ ހުރަގެ،" މަންމަ އޮޅުން ފިލުވާދިނެވެ. "މިނިކާވަގެއް ގޭތެރެއަށް ވެއްދުނީތީ ބޮޑުބޭބެ ވެސް އެ ހުރީ ލަދުން ދަރިފުޅު ކުރިމައްޗަށް އަންނަން ނުކެރިފަ. ބައްޕަ ވެސް މިހާރު އެބަ އާދޭ."
އަހަންނަށް ސިހުން ލިބުނީ ފޯނު ރަނގަބީލުވާން ފެށުމުންނެވެ. ގުޅަނީ މަންމައެވެ. ދެ ލޯ ފޮހެލީމެވެ. ސިކުނޑީގައި އެނބުރި އެނބުރި ހުރި ހިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު ފޯނު ނެގީމެވެ.
"ކިހިނެއްވީ މަންމާ؟" އަހަންނަށް އަހައިލެވުނެވެ.
"ބައްޕަ ފާޑެއްގެ ވާހަކައެއް ދައްކައިގެން." މަންމަ އުފާވެރި ރާގެއްގައި ބުނެލިއެވެ.
"ކޮން؟"
"ބައްޕަ ވަރަށް ގަބޫލުކަމެއްތީ. ބައްޕަ ބުނީ ދަރިފުޅަށް އެއަށްވުރެ ވަކި މޮޅު، ރަނގަޅު މީހަކު ނުލިބޭނޭ." މަންމަ އަޒުމާއެކު ބުނެލިއެވެ.
"އެކަމަކު މަންމާ. ހޫދު އަހަރެން ބަލައި ގަންނާނެތަ؟ އަހަންނަކީ ހޫދު ހީކުރާ ކަހަލަ މީހެއް ނޫނެއްނު. އޭނާއަށް ދޭނެ އިތުރު ހަދިޔާއެއް އަހަރެން އަތުގައި އެބަ އޮތްތަ؟" ހިތުގައި އުފެދެމުން ދިޔަ އިހުސާސްތައް އޮއްބަމުން އަހަރެން ބުނެލީމެވެ.
"ހޫދަށް ހުރިހާ ކަމެއް އެނގޭ. ބައްޕަ ހުރިހާ ވާހަކައެއް ކިޔައދީފި. ދެން ދަރިފުޅަށް އެންމެ ރަނގަޅު ވާނީ އަވަހަށް ނިންމުން. އެ ހަނދާންތަކުން ދުރުވެވޭނީ ވެސް އޭރުން. ޑޮކުޓަރުން ވެސް ލަފާދިނީ އެ ގޮތަކަށް ނޫންތަ؟" އޯގާތެރިކަމާއެކު މަންމަ ބުނެލިއެވެ.
ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހައިލިއެވެ.
"މަންމާ ބާއްވަނީ. މީހަކު ޓަކި ޖަހާ އެބަ." އަހަރެން ފޯނު ބޭއްވުމަށްފަހު ހިނގައިގަތީމެވެ.
ދޮރު ހުޅުވުމާއެކު، ސަޕްރައިޒްއޭ ކިޔާ އެންމެން އެއްފަހަރާ ހަޅޭއްލަވާގަތެވެ.
ޝިޒާންއާއި ހަމީދެވެ. ހޫދެވެ. އެމީހުންގެ ފަހަތުގައި ބައްޕަ އާއި ބޮޑުބޭބެ ވެސް ހުއްޓެވެ. ބުރުގާ އަޅައިގެން ހުރި މީހަކު ހުރިހެން ހީވިއެވެ. ހީވީ ރަނގަޅަށެވެ. އެއީ މަންމައެވެ.
"މި ކޮން؟" ހައިރާން ކަމާއެކު އަހަންނަށް ބުނެލެވުނެވެ.
"އާދެބަލަ." މަންމަ އަހަރެންގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދުވިއެވެ.
"އަހަންނާ އިންނަން ކެރޭނެތަ؟" ހޫދު އަހަންނާ ދިމާއަށް ތިރިވެލަމުން ފިނިފެން މަލެއް ދިއްކޮށްލިއެވެ. "އުފާދޭނަށް މުޅި އުމުރަށް."
އަހަންނަށް ފަހަރަކު މީހަކު މޫނަށް ބަލައިލެވުނެވެ. މަންމަގެ މޫނަށެވެ. ބައްޕަގެ މޫނަށެވެ. ބޮޑުބޭބެގެ މޫނަށެވެ. ކޮންމެ މީހަކު ވެސް ހިނިތުންވެލަމުން ބޯ ޖަހައިލައެވެ.
"ޔޭސް." ހޫދު ދިއްކޮށްލި މަލުގައި ހިފައިލަމުން އަހަންނަށް ބުނެލެވުނެވެ.
މިއަދު އަހަންނަކީ ތިން ކުދީންގެ މަންމައެކެވެ. ހޫދުގެ އަލަތު އަނބިމީހާއެވެ. އަދިވެސް ބައެއް ފަހަރު އެރޭރޭ މަތިން ހަނދާންވެއެވެ. އާދަނުގެ ފުރަތަމަ ފިރުމުންތަކެވެ. އޭނާ ދެވަނަ ރޭ ހިންގި ކަންކަމެވެ. އަހަންނަށް ހެދުނު ގޯސްތަކެވެ. ބަލައި ނުލައި މިނިކާވަގަށް ކާން އެޅުނު ކާން އެޅުމެވެ. ފުރަތަމަ ރޭގެ ޖާދުވީ ހަރަކާތްތަކުން އަލާ ނުކެނޑިގެން ލިބުނު ލަނޑެވެ. އެކަމަކު ދެން އެހެން ނުވާނެއެވެ. އެއް ހޮރަކުން ދެފަހަރަކު ކަށްޓެއް ވެސް ނުޖެހޭނެތާއެވެ. އެހަނދާންތައް އާވެއާލާވާ ކޮންމެ ފަހަރަކު ހަނދާނަށް އަންނަނީ ހޫދުގެ ޖާދުވީ އިހުސާސްތަކެވެ. އެރޭގެ ހަނދާންތަކެވެ. އާއެކެވެ. އެއީ އުފާވެރި އިހުސާސްތަކެކެވެ. ޖާދުވީ ހަރަކާތްތަކެކެވެ. އެކަން އަބަދުމެ ލިބިލިބި އެބަހުއްޓެވެ. އުފާދިން ޖާދުވީ ރޭރޭ އެއީ އަހަރެންގެ މިލްކެއް ކަމަށް ވެއްޖެއެވެ. (ނިމުނީ)