ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރެއްދޫ ރިސޯޓަށް ވެސް އަރާ ފޭބުން މަނާކޮށްފި

Mar 6, 2020
3

ކުރެއްދޫ އައިލެންޑް ރިސޯޓަށް މީހުން އަރައި ފޭބުން މަނާކޮށް، އެ ރިސޯޓް ލޮކް ޑައުންއަކަށް ގެނެސްފި އެވެ.

ރައީސް އޮފީހުން މިރޭ ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރައިގެން ދިޔަ އިޓަލީގެ ފަތުރުވެރިއަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް މިއަދު މެންދުރުގެ ވަގުތެއްގައި މައުލޫމާތު ލިބިފައިވާ ކަމަށާއި އޭނާ ހުރި ރިސޯޓުގައި މަސައްކަތް ކުރާ މުއައްޒަފެއް ގައިން އެ ބަލި ހުރި ކަމުގެ އަލާމާތްތަކެއް ފެނިފައިވާ ކަމަށެވެ.

އެހެންކަމުން އެ މީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން ކުރެއްދޫ ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އަދި އެ ޓެސްޓުގެ ނަތީޖާ މާދަމާ ލިބޭނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ކުރެއްދޫގެ އިތުރުން ވ. ތިނަދޫއަށް މީހުން އެރުމާއި ފޭބުން ވެސް ވަނީ މަނާކޮށްފަ އެވެ. ތިނަދޫއަށް މީހުން އެރުމާއި އެ ރަށުގައި ތިބި މީހުން ފޭބުން މަނާކޮށްފައިވަނީ އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީގެ ޓޫރިސްޓަކު ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިފައިވާތީ އެވެ. އެމީހާ މިހާރު ހުރީ ފަރުކޮޅުފުށީގައި ކަރަންޓީނު ކޮށްފަ އެވެ.

ކުރެއްދޫ ލޮކް ޑައުންކޮށްފައިވާއިރު، އެ ރިސޯޓްގެ ޑޮކްޓަރުގެ ފަރާތުން ވެސް ވަނީ ކޮރޯނާ ވައިރަހުގެ އަލާމަތްތައް ފެނިފަ އެވެ. އެހެންވެ އެ މީހާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭގެ އިތުރުން އިޓަލީއިން ރާއްޖެއަށް މީހުން އައުން ވެސް މަނާކޮށްފައިވާ ކަމަސް މިރޭ އިއުލާން ކުރި އެވެ. އޭޝިއާއިން ބޭރުގައި އެންމެ ބާރަށް ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމަކީ އިޓަލީ އެވެ. އެ ގައުމުގައި ކޮރޯނާގެ ބިރު ބޮޑުވެ، ސްކޫލްތައް ބަންދު ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. ކޮރޯނާ ވައިރަހާ ގުޅިގެން އެ ގައުމުން 80 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.