ވިލިމާލޭ ޔުނައިޓަޑް ކޮޅަށް އަހްމަދު ރިޒްވާން ވައްދާލި 10 ގޯލާއެކު 12-0 ގެ ނަތީޖާއަކުން މޮޅުވެ، އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކުލަބު އީގަލްސްއިން ހޯދައިފި އެވެ.
އީގަލްސްގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ، ޖަޕާންގެ މިޑްފީލްޑާ ޓޮށިކީ އޮކަމޯޓާ (ޓޮށީ) އާއި ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. އީގަލްސްގެ 12 ލަނޑުގެ ތެރެއިން އަށް ލަނޑު އެ ޓީމުން ކާމިޔާބު ކުރީ ދެ ވަނަ ހާފުގަ އެވެ.
ފުރަތަމަ ލަނޑު މެޗު ފެށިގެން ހަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓޮށީ އެވެ. ރިޒޭގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ 20 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު 41 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ހާފު ފެށިގޮތަށް ހަންނަ ވަނީ އީގަލްސްގެ ހަތަރު ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ދެ ވަނަ ހާފުގެ ފަސް މިނެޓް ތެރޭގައި ރިޒޭ ވަނީ ތިން ލަނޑު ޖަހާފަ އެވެ. އޭނާ ފުރަތަމަ ހެޓްރިކް ހެދީ، 50 ވަނަ މިނެޓްގަ އެވެ. އެއަށް ފަހު ޖެހިގެން އައި މިނެޓްގައި އީގަލްސްގެ ހަ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރި އެވެ. ހަތް ވަނަ ލަނޑު ކާމިޔާބު ކުރީ 53 ވަނަ މިނެޓްގަ އެވެ.
އޭނާގެ ދެ ވަނަ ހެޓްރިކް ފުރިހަމަ ކުރީ 61 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ. އީގަލްސްގެ ނުވަ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 65 ވަނަ މިނެޓްގަ އެވެ. އަދި މެޗުގެ 10 ވަނަ ލަނޑު 73 ވަނަ މިނެޓްގަ އެވެ. އޭނާގެ ތިން ވަނަ ހެޓްރިކް ހެދީ 75 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ 85 ވަނަ މިނެޓްގައި އޭނާ ވަނީ އީގަލްސްގެ 12 ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އިއްޔަ ޓީސީން ވެސް ވަނީ ކުލަބު އޭދަފުށީގެ މައްޗަށް 13-0 ގެ ނަތީޖާ އަކުން މޮޅުވެފަ އެވެ. އިއްޔަގެ މެޗުގައި، ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އާއި އަލީ އަޝްފާގް (ދަގަނޑޭ) އަދި މެލްކޮމް ސްޓާވްޓް ވަނީ ހެޓްރިކް ހަދާފަ އެވެ.
ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި އީގަލްސް ވާދަ ކުރާނީ، ށ. ފޯކައިދޫ ބަލިކޮށް ސެމީގެ ޖާގަ ހޯދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ އެވެ. ޓީސީ ވާދަ ކުރާނީ މާޒިޔާ އާ ދެކޮޅަށެވެ. ސެމީ ފައިނަލުގެ ދެ މެޗުވެސް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.