ރިޕޯޓް

ވަޒީރުންނަށް މާކްސް ދިނުން މައްސަލައެއްތަ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ގޮތުގައި އެމްޑީޕީގެ ސާފު ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން، މިހާރު އޮތް އެ ޕާޓީގެ ސަރުކާރަށް ވާގަވެރިވެ ދޭނެ އެވެ. ހަމަ އެގޮތަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ސަރުކާރަށް ފާރަވެރިވުމުގެ މަސައްކަތް ވެސް ހަމަ އެގޮތުގައި ކުރިޔަށް ގެންދާނެ އެވެ.

ވަޒީރުން ހާޒިރުކޮށް ސުވާލު ކުރުމުގެ ހައްގު މަޖިލީހުގެ ކޮންމެ މެންބަރަކަށް ގާނޫނު އަސާސީން ދީފައިވާއިރު، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި، މަޖިލީހުގެ ތަޅުމަށް ހާޒިރު ކުރާ ވަޒީރުންނާ މެންބަރުން ސުވާލު ކުރައްވާ ވަގުތުތަކުގައި ވެސް އެންމެ ބޮޑު ތަފާތެއް ފެނިގެން ދަނީ، ސަރުކާރަށް ފާރަވެރިވާނެ ކަމަށް ވިދާޅުވާ މަޖިލީހުގެ ރައީސް ނަޝީދުގެ ކިބައިންނެވެ.

މެންބަރު ކުރައްވާ ސުވާލަށް ވަޒީރަށް ފުރިހަމަ ޖަވާބެއް ނުދެވިއްޖެނަމަ ރައީސް ނަޝީދު މެންބަރުގެ ސުވާލު ވަޒީރަށް ތަފުސީލު ކޮށްދެއްވަ އެވެ. ބައެއް ފަހަރު ވަޒީރު ދެއްވާ ޖަވާބާ ގުޅިގެން ރައީސް ނަޝީދު ނުރުހުން ފާޅު ކުރައްވާ ފުރިހަމަ ޖަވާބެއް ދެއްވުމަށް އަންގަވަ އެވެ. އަދި ބައެއް ވަޒީރުން ދެއްވާ ޖަވާބު ތަކަށް މާކްސް ވެސް ދެއްވަ އެވެ. މެންބަރުންގެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދެއްވޭ ވަޒީރުންނަށް "އޭ ރިޕޯޓާ" އީ "އޭ ސްޓާ" ގެ ރިޕޯޓް ކާޑްވެސް ދެއްވައެވެ. އެކަން ވަޒީރުން ގަބޫލު ކުރައްވާވެސް މެއެވެ. ބައެއް ވަޒީރު އޭގެ އުފަލުގައި ކޭކު ފަޅުއްވައި ޕާޓީވެސް ބާއްވަ އެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި މަޖިލީހުންނާއި މަޖިލީހުގެ ރިޔާސަތުން މިހާރު މަސައްކަތް ކުރަމުން ދަނީ ގާނޫނު އަސާސީގައި އެ އަންގާފައިވާ ގޮތަށް، ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީވުމުގެ މަސައްކަތެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް ނުކުރާ، ނުވަތަ ގަސްދުގައި ނުކޮށް ދޫކޮށްލި މަސައްކަތެއް ފުރިހަމައަށް ކުރަމުން ދަނީ އެވެ.

އަނެއް ބަޔަކު ދެކޭ ގޮތުގައި ގާނޫނު އަސާސީގެ ރޫހާ ހިލާފަށް މިހާރު ހިނގަމުންދާ ކަމަކީ ގާނޫނު ހަދާ ބާރުން ވެރިކަން ކުރާ ބާރުގެ ތެރެއަށް ވަދެ ގަންނަނީ އެވެ. ގާނޫނު އަސާސީން މަޖިލީހަށް ދީފައިވާ އިހްތިސޯސްތަކުގެ ބޭރުން ސަރުކާރު ހިންގުމުގެ ތެރެއަށް މަޖިލިސް ވަންނަމުން ދަނީ އެވެ.

އިދިކޮޅުގައި ހިމެނޭ ކޮންގްރެސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހަށް ވަޒީރަކު ހާޒިރު ކުރާ ވަގުތަކީ ވަޒީރާ ކުރަން ހަމަޖެހިފައިވާ ސުވާލު ހުށަހެޅުއްވި މެންބަރަކާއި އެ ވަޒީރަކަށް ހާއްސަ ވެގެންދާ ވަގުތުކޮޅެކެވެ. އެ ވަގުތު ދެކެވޭ ވާހަކަތަކަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކު ވަދެ ވަޑައިގެން ގޮތް ކިޔުއްވާ ބަސް ވިދާޅުވެ ނުހެދެވޭނެ އެވެ.

"ގާނޫނީ ގޮތުން މަޖިލީހުގެ ރައީސްގެ އިހްތިސޯސްގައިވާ ކަމެއް ނޫން އެއީއަކީ، އެ ވަގުތު މެންބަރަކު ކުރައްވާ ސުވާލަކާ ގުޅޭ ގޮތުން ބަހެއް ވިދާޅުވުމަކީ ވެސް، އަދި މެންބަރު ކުރައްވާ ސުވާލަށް ވަޒީރު ދެއްވާ ޖަވާބަކާ ގުޅޭ ގޮތުން ވެސް މަޖިލީހުގެ ރައީސަކަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެވޭނެ، އެއީ އެ މެންބަރަކާއި ވަޒީރަކަށް ހާއްސަވާ ވަގުތުކޮޅެއް!" ޝަރީފު ވިދާޅުވި އެވެ.

ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަކީ ވަޒީރުންނާ ސުވާލު ކުރައްވަން އެންމެ ގިނައިން ހުށަހެޅުއްވި އެއް މެންބަރެވެ. ދާދި ފަހުން އޭނާ ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަން މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު ޒަހާ ވަހީދު ހާޒިރު ކުރެއްވިއިރު، ރައީސް ނަޝީދު ވަނީ ޒަހާގެ ޖަވާބުތަކަށް "އޭ" ރިޕޯޓް ވެސް ދެއްވާފަ އެވެ. އެ ދުވަހު ޖާބިރު އެކަމާ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ޝަކުވާ ކުރެއްވި އެވެ.

"މަޖިލީހުގެ ރައީސް، މި ތަނަށް [މަޖިލީހަށް] ވަޑައިގަންނަވާ ވަޒީރުންނަށް އޭ ރިޕޯޓް ދީ، މާކްސް ދީ، ބީ ރިޕޯޓް ދީ، އެއީ އޮންނަން ޖެހޭނެ ކަމެއް ނޫން... އެ ގޮތަށް އެ ކަން ކުރެވިގެން ވެސް ނުވާނެ. ވަރަށް ހިތާމަ ކުރަން މަޖިލީހުގެ ރައީސް އެ ކަން ކުރާތީ، ވަގުތުން ވަގުތަށް ހުއްޓަން ޖެހޭ ކަންކަން މި ހުންނަނީ،" ޖާބިރު އެ ދުވަހު ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވާ ގޮތުގައި، މަޖިލީހުގެ ގަވާއިދުގެ ތެރެއިން މަޖިލީހުގެ ރައީސަށް އެ ބާރު ލިބިވަޑައިގަންނަވަ އެވެ. މަޖިލީހުގައި ހިނގާ ކަމަކާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސަށް ލަފާ އެރުވޭނެ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރެވިފައިވެ އެވެ. އެހެންކަމުން ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ކުރައްވަނީ ގަވާއިދު ތަން ދޭ ކަމެކެވެ.

"ކުރިން [މަޖިލީހުގެ] ގަވާއިދު އޮތް ގޮތަކަށް ނޫން މިހާރު ގަވާއިދު މި އޮތީ، އިދިކޮޅު މެންބަރުންނަށް ވެސް އެނގޭނެ ގަވާއިދު މިހާރު އޮންނާނީ އިސްލާހު ކޮށްފައި، މަޖިލީހުގެ ރައީސްއަށް އެފަދަ [ވަޒީރުން ދެއްވާ ޖަވާބުތަކަށް] ކޮމެންޓް ކުރެވޭ ގޮތަށް މިހާރު ގަވާއިދު އޮންނާނީ،" އާޒިމް ވިދާޅުވި އެވެ.

ކުރިން މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަޖިލީހުގެ ރައީސަށް ކަންކަމުގައި ބަސް ވިދާޅުވެ ނޫޅުއްވެ އެވެ. އެއްވެސް ބަހުސެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅެއް ނުދެއްކެވެ އެވެ. ކޮމިޓީތަކުގެ އާންމު ބައްދަލުވުންތަކުގައި ހުށަހެޅިފައިވާ މައްސަލައަކާ ގުޅޭ ގޮތުން ވެސް ދެކެވަޑައިގަންނަވާ ގޮތެއް ހާމައެއް ނުކުރެއްވެ އެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު ފެށި މި މަޖިލީހުން ގަވާއިދު އިސްލާހު ކުރިއިރު އެ މާއްދާއަށް ވެސް ބަދަލުތަކެއް ގެނަ އެވެ.

މިހާރު މަޖިލިސް ގަވާއިދު އޮންނަ ގޮތުން ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސަށް ކޮމެންޓް ކުރެވޭނެ ކަންކަމަށް،
އަލީ އާޒިމް | އެމްޑީޕީގެ ޕީޖީ ލީޑަރު

އާޒިމް އެހެން ވިދާޅުވި ނަމަވެސް މިހާރު ގަވާއިދު އޮންނަ ގޮތުން ވެސް މަޖިލީހުގައި ހިނގަމުންދާ ބަހުސްތަކާއި އަދި ކޮމިޓީއަކަށް ހުށަހެޅިފައިވާ މައްސަލައާ މެދު މަޖިލީހުގެ ރައީސް ދެކޭ ގޮތް ހާމައެއް ނުކުރެއްވޭނެ އެވެ. އެކަމަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާ މެދު ހިޔާލު ފާޅުކޮށް މަޝްވަރާ އާާއި ލަފައެއް ދެވިދާނެ އެވެ. ކޮމިޓީއަކުން އެދިއްޖެނަމަ ކޮމިޓީގެ ނުރަސްމީ ބައްދަލުވުމެއް ނުވަތަ އިވެންޓެއްގައި ވެސް ބައިވެރިވެވަޑައި ގެންނެވިދާނެ އެވެ.

ސާމާސާތައް ވެސް މައްސަލައަކަށް؟

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށިގެން އައިރު ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވި އެއް ވާހަކައަކީ މިއީ ތަފާތު މަޖިލީހެކެވެ. މި މަޖިލިސް ހިންގަވާނީ ސްކޫލްތަކާއި އެދުރުގެތައް ހިންގަވާ އުސޫލުންނެވެ. އެ ގޮތަށް މަޖިލީހުގެ ގަވާއިދަށް އަމަލު ނުކުރައްވާ މެންބަރުންނަށް "އަދަބު" ވެސް ދެއްވަ އެވެ. އަދި ވަޒީރުންގެ ޖަވާބުތަކަށް މާކްސް ވެސް ދެއްވަ އެވެ.

މަޖިލީހުގެ ރައީސް އަމަލު ކުރައްވަމުން ގެންދަވާ ގޮތުން މަޖިލީހުގެ ކަރާމާތް ދަނީ ގެއްލުމުން،
އާދަމް ޝަރީފު އުމަރު | ޕީއެންސީގެ ޕީޖީ ލީޑަރު

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް މަޖިލީހުގެ ރައީސް ނަޝީދު އަމަލު ކުރަައްވަމުން ގެންދަނީ ވަރަށް ނާތަހުޒީބު ގޮތަކަށެވެ. ރައްޔިތުންގެ މަޖިލީހަކީ ވަރަށް ސީރިއަސް މަސައްކަތްތަކެއް ކުރަން އޮންނަ ތަނެކެވެ. އެކަމަކު މަޖިލީހުގައި ބައެއް ކަންކަމުގައި މާ ބޮޑަށް ސާމާސާ ކުރައްވައި މަޖިލީހުގެ ކަރަމާތް ގެއްލުވާފައި ވެއެވެ.

"މި ވަޒީރުންނަށް ރިޕޯޓްދީ ވަޒީރުން ދެއްވާ ޖަވާބުތަކަށް ގޮތް ކިޔުއްވާ، މަޖިލިސް ހިންގަވަމުން ގެންދަވަނީ ޕްރީސްކޫލްއެއް ގޮތަށް، މަޖިލީހުގެ ރައީސަކީ ސްކޫލް ޕްރިންސިޕަލް ހެން ވެސް ބައެއް ފަހަރު ހީވޭ، ފަހުގެ ތާރީހެއްގައި ހަމަ ވަރަށް ނާތަހުޒީބުކޮށް ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކުރައްވާ ކަމެއް އެއީ،" ޝަރީފް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދު އަމަލު ކުރައްވަނީ މަޖިލީހުގެ ގަވާއިދަށެވެ. ގަވާއިދުގައިވާ ގޮތަށް އަމަލު ކުރާނަމަ އެ ކަން ކުރެވުނީ ރަނގަޅަށެވެ. އަދި އެކަމެއް ގޯހެއް ނުވާނެ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި މަޖިލީހަކީ ހަމައެކަނި ސީރިއަސް ބަހުސްތަކެއް ކުރަން އޮންނަ ތަނެއް ނޫނެވެ. މަޖިލީހަކީ ވެެސް އިންސާނުން އުޅޭ ތަނަކަށް ވާތީވެ އެ ތަނުގައި އިންސާނުން ކުރާ ފަދަ ސަމާސާތައް ހިނގަން ވާނެ އެވެ. ހުދުމުހާރު ނޫން ގޮތަކަށް ކަންކަން ބައްޓަން ކުރެވެން ވާނެ އެވެ.

މީގެ ކުރީގެ މަޖިލީސްތަކުގައި ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވި، ތަޅުމުގައި މެންބަރުންގެ މެދުގައި ހިނގާ ތަޅާފޮޅުންތަކާ މެންބަރުން އުޅުއްވާ ގޮތަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތައް އައިސްފައިވެ އެވެ. އެ ކަން ތަފާތު ކުރަން އައި މަޖިލީހުން ރައްޔިތުން ދެކެން ބޭނުންވާ މަޖިލީހެއްގެ ގޮތުގައި ގެންދަން ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރައްވަން ޖެހެ އެވެ. ވަޒީރުން ޖަވާބުދާރީ ކުރުމުގައި ވެސް އެ ކަންކަމަށް ބަލަން ޖެހެ އެވެ.