ހަބަރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑރ. ޝިހާމް ވާދަ ކުރައްވަނީ

Jan 6, 2015

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ޑރ. އަބްދުﷲ ޝިހާމް ހަސަން ނިންމަވައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަން ކަން ކުރިން ކުރެއްވި ޝިހާމް މިއަދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަށަވަރުކޮށް ދެއްވައިފަ އެވެ.

ޝިހާމް ވަނީ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ދާއިރާއިން މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ޕީއެޗްޑީ ހާސިލް ކުރައްވައިފަ އެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަން ކަމުގެ އިތުރުން ފިގުހު އެކަޑަމީގެ މެމްބަރު ކަން ވެސް ޝިހާމް ވަނީ ކުރައްވައިފަ އެވެ. އަދި އިސްލާމިކް ފައިނޭންސް ރާއްޖެއަށް ތައާރަފް ކުރުމަށް ރާއްޖޭގެ މަރުކަޒީ ބޭންކް(އެމްއެމްއޭ) އަށް ވެސް އޭނާ ވަނީ ދުވަސްތަކެއް ވަންދެން ލަފާ ދެއްވައިފަ އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނީ އުމުރުން 35 އަހަރުވެފައިވާ އަދި ދިވެހި މަންމަ އަކާއި ދިވެހި ބައްޕައަކަށް ލިބިފައިވާ އަދި ބޭރުގެ ގައުމެއްގެ ރައްޔިތަކަށް ނުވާ ދިވެއްސަކަށެވެ. އަދި އެ މީހަކީ ސުންނަތް ޖަމާއަތުގެ މީހަކަށް ވުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުމާއި އަދާ ކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި އަދާ ނުކުރާ މީހަކަށް ނުވުމަކީ ވެސް ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ޝަރުތެކެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފައިވާ ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މައާފް ލިބުނުތާ ތިން އަހަރުވެފައިވާން ޖެހޭނެ ކަމަށް ވެސް އެ ޝަރުތުތަކުގައިވެ އެވެ.