އޮފްބީޓް

ޑްރައިވަރަށް ނިދޭތީ އަންހެނަކު އަމިއްލައަށް ޓެކްސީ ދުއްވައިފި

ދުރު ދަތުރުތައް ކުރާއިރު ޑްރައިވަރަށް ނިދިގެން ވަރަށް ނުރައްކާތެރި ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. މިޒަމާނުގައި އެންމެވެސް އުޅެނީ ވަރަށް ބުރަކޮށް އަދި ހަމަ ނިދި ނުލިބޭ ހާލަތެއްގައި ކަމުން ޓެކްސީ ފަދަ އުޅަނދުތައް ދުއްވާ ޑްރައިވަރުންނަށް ނިދޭ ތަން އާދެ އެވެ. ނަމަވެސް މިއީ އެއްވެސް ހާލެއްގައި ކުރެވިގެން ވާނެކަމެއް ނޫނެވެ. އިންޑީޔާގެ މަހަރަޝްތުރާގެ އަންހެނަކަށް ދާދިފަހުން މިފަދަ ހާދިސާއެއް ދިމާވި އެވެ. އޭނާ ޕޫނޭ އިން މުމްބައި އަށް ދަތުރުކުރި އޫބާ ޓެކްސީގެ ޑްރައިވަރަށް ދަތުރުގެ ވަކި ހިސާބަކުން ނިދުނީ އެވެ.

ތޭޖާސްވިނީ ދިވްޔާ ނާއިކް ކިޔާ މި އަންހެންމީހާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައިވާ ގޮތުގައި ޑްރައިވަރު ނިދިޖެހިގެން ދެ ފަހަރެއްގެ މަތިން އެ ޓެކްސީ ޓްރެފިކް ތެރެއަށް ވަދެ އެކްސިޑެންޓް ނުވެ ސަލާމަތްވީ ކިރިޔާ އެވެ. ޑްރައިވަރަށް ނިދެނީ ކަން މުޅިން ޔަގީންވުމުން ޑްރައިވަރު ކިބައިން ކާރު ހުއްޓައި އޭނާ އަށް ކާރު ދުއްވަން ދިނުމަށް ޑްރައިވަރު ކައިރީ އެދުނު ކަމަށް އަންހެންމީހާ ލިޔެފައި ވެއެވެ.

ފަސްވަރަކަށް މިނެޓް ޑްރައިވަރާ ވާހަކަ ދެއްކިފަހުން އޭނާ ދުއްވަން ކާރު ދޭން ޑްރައިވަރު އެއްބަސްވީ ކަމަށާއި މުމްބައި އާ ހަމަޔަށް ކާރު ދުއްވީ ދެން އޭނާ ކަމަށް ވެސް ތެޖާސްވިނީ ބުނެފައި ވެއެވެ.

ތެޖާސްވިނީ އަށް އޭނާ ދާން ބޭނުންވާ މަންޒިލަށް ދެވުމުން ޑްރައިވަރަށް ފައިސާ ދޭން އިންކާރުކޮށް އޫބާ އިންޑިއާ އަށް ގުޅައި މައްސަލަ ޖައްސައި މި ހާދިސާ ހިނގި ގޮތް ރަނގަޅަށް ކިޔައިދީފައިވާނެކަމަށް ވެސް އަންހެންމީހާ ލިޔެފައި ވެއެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި ވައިރަލް ވުމުން އޫބާ އިންޑިއާ އިން ތެޖާސްވިނީގެ ކޮންޓެކްޓް ނަމްބަރު ހޯދި ކަމަށާއި ނަމަވެސް އެއްވެސް ފިޔަވަޅެއް ޑްރައިވަރާ ދޭތެރޭ ނާޅާ ކަމަށް ވެސް އޭނާ ބުންޏެވެ.