އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، އިންޑިއާގެ އައި ލީގްގެ ޗެމްޕިއަން ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް ރާއްޖޭގެ މާޒިޔާ ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން ކޮވިޑް 19 ގެ ބިރު ކުރިމަތި ވެފައިވީ ނަމަވެސް، މެޗު ކުރިއަށް ދާނެ ކަމަށް އިންޑިއާގެ ފުޓްބޯޅަ ފެޑްރޭޝަނުން ބުނެފި އެވެ.
ކޮވިޑް 19 ގެ ބިރު އެ މެޗަށްވެސް ކުރިމަތިވީ، އިންޑިއާއިންވެސް ކޮވިޑް 19 ގެ އިތުރު ކޭސްތަކެއް ފެނުމާ ގުޅިގެންނެވެ. އެގޮތުން މިހާތަނަށް އިންޑިއާގެ 29 މީހަކަށް އޭގެ އަސަރު ވަނީ ކޮށްފަ އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިމަހާއި ޖޫން މަހު، އިންޑިއާގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް އޮކްޓޯބަރަށް ފަސް ކުރުމަށް އޭއެފްސީން ވަނީ އިންޑިއާއަށް އަންގާފަ އެވެ.
ޗެންނާއީގެ ޖާވަހަރުލާލް ނެހެރޫ ސްޓޭޑިއަމްގައި ޗެންނާއީ ސިޓީ އާއި މާޒިޔާ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. އެ މެޗަށް މާޒިޔާގެ ޓީމު ޗެންނާއީ އަށް ދަތުރު ކުރާނީ މިއަދު އެވެ. ޓެމިލް ނާޑޫގެ ކޮއިމްބަތޫރުގައި އެ ޓީމުގެ ޑޮމެސްޓިކް ސީޒަންގެ މެޗުތައް ކުޅޭ ޗެންނާއީ ސިޓީ އެފްސީ، އެ މެޗަށް ޗެންނާއީ އަށް ދާނީ މިއަންނަ ހޯމަ ދުވަހު އެވެ.
"މިހާރު އޮތް ގޮތުން މެޗު ކަނޑައެލީފައިވާ ގޮތަށް ކުރިއަށް ދާނެ." އިންޑިއާގެ ފުޓްބޯލް ފެޑްރޭޝަންގެ ޖެނެރަލް ސެކެޓްރީ ކުޝާލް ޑަސް ވިދާޅުވި އެވެ.
ޗެންނާއީ ސިޓީ ވަނީ، އޭއެފްސީ ޗެމްޕިއަންސް ލީގްގެ ޕްލޭއޮފްގައި ބަހުރެއިންގެ އަލް ރިފާ އަތުން ބަލިވެފަ އެވެ. އޭއެފްސީ ކަޕްގައި މިފަހަރު ވާދަ ކުރާނީ އިންޑިއާގެ އެއް ޓީމެވެ. އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ވާދަ ކުރި ބެންގަލޫރު އެފްސީ ކަޓުވާލުމަށް ފަހު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދީ މާޒިޔާ އެވެ.
މިދިޔަ ސީޒަންގެ އައި ލީގް ޗެމްޕިއަން، ޗެންނާއީ ސިޓީ މި ވަގުތު އޮތީ، ލީގް ތާވަލުގެ ހަ ވަނައިގަ އެވެ. މާޒިޔާއިން އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖާ ކުރިމަތިލަނީ ދިވެހި ޕްރިމިއާ ލީގްގެ ޝީލްޑް އުފުލާލަުމަށް ފަހު އަދި އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް ފަހު އެވެ.
ރާއްޖޭގެ ޓީސި ސްޕޯޓްސް ކުލަބު އޭއެފްސީ ކަޕްގައި ކުޅޭ ފުރަތަމަމެޗުގައި އަންނަ ބުދަ ދުވަހު ނުކުންނާނީ ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްއާ ދެކޮޅަށެވެ.