ބޮލީވުޑް

ނޭފަތުގެ ސާޖަރީ ހަދައި ނަން ބަދަލުކުރަން މަޝްވަރާދިން: ޖެކްލީން

ސްރީލަންކާގެ ރީތީގެ ރާނީ ޖެކްލީން ފެނާންޑިސް ހިންދީ ފިލްމު އިންޑަސްޓްރީގައި ކެރިއަރެއް ބިނާ ކުރުމުގެ މަސައްކަތް ފެށުމާއެކު ވަރަށް ގިނަ ބަޔަކު ތަފާތު ގިނަ މަޝްވަރާތައް އޭނާއަށް ދިނެވެ. އިންޑިޔާ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ޖެކްލީން ބުނީ ގިނަ ބަޔަކަށް އޭނާގެ ނަން ވެސް މާ "ވެސްޓާން" ކަމަށް ފެނިގެން ނަން ބަދަލުކުރުމަށް ލަފާ ދިނެވެ.

"ވަރަށް ގިނަ މީހުން އަހަރެން ކައިރީ ބުނި ނޭފަތުގެ ސާޖަރީ ހަދައިގެން ނޭފަތުގެ ޝޭޕް ބަދަލުކުރާށޭ. އަދި ނަން ބަދަލުކުރާށޭ. އަހަރެން ހިތަށް އެރި ހަމަ އެ ކަންކަން ކޮންމެހެން ކުރަން ޖެހޭނެހޭ. އެއްވެސް ބަދަލެއް ނުގެނެސް އަހަރެންގެ ގޮތުގައި އަހަރެން ހުންނަން އަހަރެން ނިންމީ. ނަސީބަކުން ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް،" ޖެކްލީން ބުންޏެވެ.

ޖެކްލީން ބުނި ގޮތުގައި އޭނާގެ ނަން މުސްކާން އަށް ބަދަލުކުރަން ވަރަށް ގިނަ މީހުން ބާރު އެޅި އެވެ. ނަމަވެސް އޭނާއަށް މަސައްކަތް ހޯދައިދޭ އެޖެންސީން ވެސް އެކަން އެގޮތަށް ކުރަން ކޮންމެހެން ބޭނުން ނުވީ އެވެ.
ބުމައިގެ ކުލަ ބަދަލުކުރުމަށް ވެސް ބައެއް މީހުން އޭނާއަށް ލަފާ ދިނެވެ. އަދި ހިންދީ ބަހުން ވާހަކަ ދައްކާއިރު އެކްސެންޓް ހުންނަ ގޮތުން ވެސް ވަރަށް ގިނަ އުނދަގޫތައް ދިމާވިކަމަށް ޖެކްލީން ބުންޏެވެ. ނަމަވެސް ކެތްތެރިކަމާއެކު ހިތްވަރުކޮށްގެން ބޮލީވުޑުން ރަނގަޅު މަގާމެއް ހޯދިފައިވާ ކަމަށް ޖެކްލީން ބުންޏެވެ.

"އަހަރެން ބޮލީވުޑް ޕާޓީއަކަށް ސާޅިއެއް އަޅައިގެން ދިޔައިމަ ފިލްމު އެތާ ތިބި އަހަރެންގެ އެކުވެރި ފިލްމީތަރިން ތަކެއް އަހަންނާ ދިމާލަށް ބުނި ކީއްކުރަންހޯ ސާޅީ އަޅައިގެން ތި އައީ. ކީއްވެހޯ ތިހާ ވަރަކުން އިންޑިއާ މީހަކަށް ވާ ހިތުން ތި އުޅެނީ. ތިއީ އިންޑިއާ މީހެއް ނޫނޯ،" ފިލްމީ ކެރިއަރު ފެށިތާ ކުރީކޮޅު ކުރަން ޖެހުނު ބައެއް ކަހަލަ ތަޖުރިބާތައް ހިއްސާ ކުރަމުން ޖެކްލީން ބުންޏެވެ.

ޖެކްލީން ބޮލީވުޑަށް ތައާރަފްވީ 2009 ގައި ރިލީޒްކުރި ސުޖޯއީ ގޯޝްގެ "އަލަޑިން" އިންނެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ސުޝާންތު ސިންގް ރާޖްޕޫތާއެކު ކުޅުނު "ޑްރައިވް" އިންނެވެ. މި ފިލްމު ސިނަމާގައި ރިލީޒްކުރުމުގެ ފުރުސަތު ނުލިބިގެން އެންމެ ފަހުން ނެޓްފްލިކްސް އިން ވަނީ ދައްކާފަ އެވެ. އަދި މީގެ އިތުރަށް ވެސް ނެޓްފްލިކްސްގެ އިތުރު ފިލްމެއް ޖެކްލީން މިހާރު ދަނީ ކުޅެމުންނެވެ. އެއީ "މިސިޒް ސީރިއަލް ކިލާ" އެވެ.

ޝިރިޝް ކުންދަރް ޑައިރެކްޓްކުރާ މި ފިލްމުގައި ޖެކްލީން ކުޅެނީ ފިރިމީހާ ދެކެ ވަރަށް ލޯބިވާ އަންބެއްގެ ރޯލެވެ. ސީރިއަލް ކިލާއެއްގެ ގޮތުގައި ފްރޭމްކުރެވިފައިވާ ފިރިމީހާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން މި ފިލްމުގައި ޖެކްލީންގެ ކެރެކްޓާ މަސައްކަތް ކުރެ އެވެ.

ޖެކްލީންގެ ދެން އެންމެ އަވަހަށް ރިލީޒްވާނެ ބޮލީވުޑް ފިލްމަކީ އެކްޝަން-ތުރިލާ "އެޓޭކް" އެވެ. ލަކްޝް ރާޖް އާނަންދް ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލަކީ ޖޯން އަބްރަހަމް އެވެ.