އިރްފާން ޚާން އަކީ ބޮލީވުޑްގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު އެއް އެކްޓަރެވެ. އޭނާގެ ހުނަރުވެރިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔެއްގެ ލޯބިވެސް އިރްފާނަށް ލިބިފައި ވެއެވެ. މީގެ ހެއްކަކީ 2018 ގައި އިރްފާނަށް ކެންސަރު ޖެހުނުކަން އެނގުމުން ފިލްމު އިންޑަސްޓްރީ އެ އިންޑަސްޓްރީން ބޭރުގައި ޝޮކްގެ ރާޅު ބާންޏެއް އުފެދިގެން ދިއުމެވެ.
ނިއުރޯއެންޑޮކްރައިން ޓިއުމާ އަށް މިހާރު ވެސް ފަރުވާ ކުރަމުންދާ އިރްފާން ބަލިވެ އުޅެމުން ވެސް ވަނީ ފިލްމެއްގެ މަސައްކަތް ކޮށްފަ އެވެ. އަދި މި ފިލްމު "އަންގްރޭޒީ މީޑިއަމް" ވަރަށް އަވަހަށް ރިލީޒްކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.
އިރްފާން ބުނި ގޮތުގައި އޭނާ މިވަގުތު ހުރީ އުފަލުންނެވެ. ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނެތެވެ.
"ތެދުތެދަށް ބުނާނަމަ ބުނެވޭނީ އަހަންނަކަށް ނޭނގެއޭ އަހަންނަށް ވާނެ ގޮތެއް. ބައެއް ދުވަސް ދުވަހު ވަރަށް ރަނގަޅުހެން ހީވާނެ. އަނެއްބައި ދުވަސްދުވަހު ވަރަށް ސަކަރާތްކޮށް ދަނީ. މާ ބޮޑަށް މީހުންނަށް އުނދަގޫނުކޮށް ދިރިއުޅެވޭތޯ މި މަސައްކަތް ކުރަނީ،" އިރްފާން ބުންޏެވެ.
"އަންގްރޭޒީ މީޑިއަމް"ގެ ޓްރެއިލާގައި ވެސް އިރްފާން ވަނީ ކެންސަރާ ހަނގުރާމަ ކުރަމުންދާ ގޮތުގެ ވާހަކަތައް ހިއްސާ ކޮށްފަ އެވެ. އަދި އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް އެދިފަ އެވެ. މި މެސެޖަކީ ބަލީގެ ސަބަބުން ހަޔާތާ މެދު އޭނާ ދެކޭ ގޮތް އިރްފާން ބަދަލުކޮށްފައިވާ ކަމުގެ ހެއްކެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އިރްފާން ބުނީ "އަންގްރޭޒީ މީޑިއަމް" ރިލީޒްކުރާއިރު އެ ފިލްމަށް ވާނެ ގޮތަކާ މެދު އޭނާ އެއްވެސް ވަރަކަށް ހާސް ނުވާ ކަމަށެވެ. ސަބަބަކީ އޭނާގެ ހުރިހާ ކަންބޮޑުވުމަކާއި ހާސްކަމެއް ބައްޔާ ހަނގުރާމަކުރުމުގައި މި ހޭދަކުރި ދެ އަހަރު ތެރޭގައި މުޅިން އެކަމަށް ގޮސް ހުސްވެފައިވާތީ އެވެ.
ކުރިމަގާ މެދު އިރްފާން ދެކޭ ގޮތަކީ ކޮބައިތޯ ސުވާލުކުރުމުން އޭނާ ބުނީ ކުރިމަގާ ބެހޭ ގޮތުން އެއްވެސް ބުނަން ނޭނގޭ ކަމަށެވެ.
"ކާކަށް އެނގޭނީ މުސްތަގްބަލްގައި ވާނެ ކަންކަން. މީގެ ދެ އަހަރު ކުރިން އަހަރެން ކައިރީ ތި ސުވާލު ކުރިނަމަ ކިޔައިދިނީމުސް އަހަރެން ކުޅެން އުޅޭ ފިލްމުތަކުގެ ލިސްޓެއް. މިހާރު އަހަރެން ގަބޫލުކުރަނީ އަހަރެންނަށްޓަކައި އިރާދަފުޅުގައި ހުރި ކަމެކޭ ވާނީ. އަދި ހުރިހާ ކަމެއް ވެސް ރަނގަޅުވާނެކަމަށް ޔަގީންކުރަނީ،" އިރްފާން ބުންޏެވެ.
ބަލިވީއްސުރެ އަންހެނުން 24 ގަޑިއިރު އޭނާ ކައިރީގައި ހުރެ ކޮށްދިން ޚިދުމަތް އިރްފާން ފާހަގަކުރި އެވެ. އޭނާ ބުނީ މިހާރު ދިރިއުޅެން ބޭނުންވަނީ އަންހެނުންނަށްޓަކާ ކަމަށެވެ. އަދި ބަލިވުމުގެ ކުރިން އަންހެނުންނާއި ދެ ދަރިންނާ އޮތް ގުޅުމަށް ވުރެ މިހާރު އެމީހުންގެ ގުޅުން މާ ބޮޑަށް ބަދަހިވެފައިވާ ކަމަށް ވެސް އިރްފާން ބުންޏެވެ.
"ބަލިވުމުގެ ކުރިން އަހަރެން އުޅުނީ ވަރަށް ބިޒީކޮށް. އަހަރެންގެ ދެ ފިރިހެން ކުދިން ބޮޑުވެ ޒުވާންވީއިރު ވެސް އަހަންނަށް އެކަން ވެސް އިހްސާސްވެސް ނުވި. އަހަރެން އަބަދުވެސް އުޅުނީ ވަގުތު ފަހާ ދުވަން. ނަމަވެސް މިހާރު ވަގުތަކީ ކިހާ އަގުހުރި އެއްޗެއްކަން އަހަންނަށް ވިސްނިއްޖެ. މިހާރު އަހަރެންނަށް ހަޔާތުގެ ކޮންމެ ދުވަހަކީ ކޮންމެ ވަގުތުކޮޅަކީ ވެސް އަގުހުރި އެއްޗެއް،" އިރްފާން ބުންޏެވެ.
އިރްފާންގެ ބަލި މުޅިން ރަނގަޅު ވެފައިވާ ކަމަކަށް އަދިވެސް ޑޮކްޓަރުން ނުބުނާކަން އޭނާ ފާހަގަ ކުރި އެވެ.