އޮފްބީޓް

ފޭސްބުކް ޕޯސްޓަކުން ގެދޮރު ނެތް މީހަކަށް ރަނގަޅު ވަޒީފާއެއް

އެމެރިކަން-އެމެރޭޓްސް ލިޔުންތެރިޔާ ޑެޑްރާ ސްޓީވަންސަން އަށް ގެދޮރުނެތް ނިކަމެތި މީހަކު ޝާރްޖާ ކޯނިޗޭގައި އިންދާ ވަރަށް ގިނައިން ފެންނަން ފެށުމުން އޭނާގެ ސަމާލުކަން އެމީހާއަށް ދެވުނެވެ. އަދި އޭނާގެ ލިޔުންތެރިކަމުގެ ހުނަރުގެ ބޭނުންކޮށްގެން އެ މީހާގެ ވާހަކަ ފޭސްބުކް ޕޯސްޓެއްގައި ޝެއާ ކުރި އެވެ. ކޮންމެވެސް މީހަކު އޭނާއަށް އެހީތެރިކަމެއް ފޯރުކޮށްދީފާނެ ކަމުގެ އުންމީދުގަ އެވެ. ނަމަވެސް ސޯޝަލް މީޑިއަގައި މި ޕޯސްޓް ލިޔުނުތާ މަޑު ގަޑިއިރެއްގެ ތެރޭގައި މި މީހާއަށް އާދަޔާޚިލާފު އެހީތެރިކަމެއް ލިބިދާނެ ކަމަކަށް ޑެޑްރާ ހިޔެއް ނުކުރެ އެވެ. މި ޕޯސްޓްގެ ސަބަބުން ގެދޮރުނެތް ފަގީރު މި ފިރިހެންމީހާއަށް ވަނީ އުމް އަލް ގުވައިން ގަނޑުވަރުގެ މަޖިލިސް އިން ވަޒީފާއެއް ލިބިފަ އެވެ.

ޑެޑްރާ އޭނާގެ ދަރިން ގޮވައިގެން ވަރަށް ގިނައިން ޝާރްޖާ ކޯނިޗޭގައި ހުންނަ ސްޓާބަކަށް ގޮސް އުޅެ އެވެ. ފާއިތުވީ އެތައް ހަފުތާއަކުއްސުރެ އެމީހުންނަށް އެތާ ބޭރު ތަޅުގަނޑުގައި އިށީނދެގެން އިންނަ މީހަކު ފާހަގަ ކުރެވުނެވެ. އެމީހާއަށް އެހީތެރިކަމެއް ބޭނުންވެފައިވާ ކަމަށް ޑެޑްރާގެ ހިތް ބުނި ނަމަވެސް އޭނާގެ މިނިވަންކަމަށް އަރައި ގަނެވުނީ ކަމަށް ވެދާނެތީ އެހީތެރިކަން ފޯރުކޮށްދޭކަށް ނުކެރުނެވެ.

"އެންމެ ފަހުން ވަރަށް ހިތްވަރުކޮށްފައި އެއް ދުވަހު އަހަރެން އޭނާ ކައިރިއަށް ގޮސް އަހާލައިފިން އެއްވެސް އެހީތެރިކަމެއް ބޭނުންހޭ. އޭނާ ފުރަތަމައިނުން މާ ބޮޑު އެއްޗެއް ނުބުނި. ބުނީ ހުރިހާ ކަމެއް ވެސް ރަނގަޅޭ. ކޮން ތާކުހޭ ދިރިއުޅެނީ އަހަރެން އަހާލީމަ އޭނާ ފެންކަޅިވެފައި އަނެއް ފަރާތަށް ބަލަން އިން. އަހަރެން ހިތަށް އެރި މި މީހާއަށް އަހަންނަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހޭނޭ،" ޑެޑްރާ ކިޔައިދިނެވެ.

އެ މީހާއަކަށް އިނގިރޭސިން ވާހަކަ ދައްކާކަށް މާ ބޮޑަކަށް ނޭނގެ އެވެ. އެހެންވެ އޭނާއާ ވާހަކަ ދެއްކުމުގައި އެހީތެރިވެދިނީ އެހިސާބުން ހިނގާފައި ދިޔަ މީހެކެވެ.

ޚަލީޖް ޓައިމްސް އަށް ޑެޑްރާ ކިޔައިދީފައިވާ ގޮތުގައި އެމީހާގެ ފަރާތުން އޭނާއަށް އޮޅުންފިލީ އެއީ ވިޒިޓް ވިސާގައި ޔޫއޭއީއަށް އައިސް ވަޒީފާއެއް ހޯދަން މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ މީހެކެވެ.

"އަހަރެން ފައިސާ ދޭން އުޅުނީމަ އޭނަ އެކަމާ އިންކާރުކުރި. އޭނާ ބޭނުންވީ އިއްޒަތާއެކު ލިބޭ ފައިސާ. އެއީ ކޮންމެ ކަހަލަ މަސައްކަތެއް ކޮށްގެން ނަމަވެސް ފަރުވާލެއް ނެތޭ ބުނި،" ޑެޑްރާ ކިޔައިދިނެވެ.

ޑެޑްރާ ގެޔަށް ގޮސް ފޭސްބުކްގައި ޕޯސްޓެއް ލިޔުނީ މި ބައްދަލުވުމަށް ފަހުގަ އެވެ. އޭނާ އެ ލިޔުން ޕޯސްޓްކުރިތާ މާ ގިނައިރުތަކެއް ނުވެ އެހީތެރިކަން އޮހެން ފެށި އެވެ.

އަދި ޝާހީ އާއިލާގެ ގަނޑުވަރަށް މި ޚަބަރު ލިބި އެ ގަނޑުވަރުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭނާ އަށް ލިބުނެވެ.

ޑެޑްރާ ބުނި ގޮތުގައި އެމީހާއަށް އެހީތެރިވެދިނީ ﷲ އެވެ. ޑެޑްރާ އަކީ އެކަމަށް މެދުވެރިކުރެއްވި ވަސީލަތެކެވެ.
"އޭނާއަށް 29 އަހަރު. އަހަރެންގެ ވެސް އެ އުމުރުގެ ދަރިއަކު އެބަހުރި،" ޑެޑްރާ ބުންޏެވެ.

ހަގިގަތުގައި ޑެޑްރާ ފެސްބުކްގައި ލިޔުނު ޕޯސްޓް ފެނުނީ ހެބާ ކޯރެޔާމް ކިޔާ ޑުބާއީގައި މަސައްކަތްކުރާ މީޑިއާ ޕްރޮފެޝަނަލް އަކަށެވެ. ޔޫއޭއީގެ ޑެޕިއުޓީ ރޫލާ ޝައިޚް އަބްދުﷲ ބިން ރާޝިދު އަލް މުއައްލާގެ އަންހެނުން މީރާ އާއި ހެބާ އަކީ ގާތް ދެ އެކުވެރިންނެވެ. އެހެންވެ ހެބާ ގުޅާފައި މި މީހާއަށް އެހީތެރިވެވިދާނެ ގޮތެއް އޮތްތޯ މީރާ ކައިރީ އެހި އެވެ. އެވަގުތު މީރާގެ ފިރިމީހާ ރަށުގައި ނެތުމުން ގަނޑުވަރުން ވަޒީފާއެއް އެމީހާއަށް ދެވިދާނެކަން މީރާ އަށް ޔަގީން ކޮށެއް ނުދެވުނެވެ.

މީރާ އެންމެ ފަހުން އޭނާގެ ފިރިމީހާއަށް ގުޅައި އެމީހާއަށް އެހީތެރިވެވިދާނެ ގޮތެއް އޮޅުން ފިލުވި އެވެ. އެމީހާގެ މައުލޫމާތުތައް ވެރިފައި ކުރުމަށްފަހު މައްސަލައެއް ނެތްނަމަ ވަޒީފާއެއް ދޭން މީރާގެ ފިރިމީހާ އެއްބަސްވި އެވެ.
އެންމެ ފަހުން އެމީހާ ހޯދާ ގަނޑުވަރުގެ ސާވާއެއްގެ ރޯލު އެމީހާއަށް ހުށަހެޅުމުން އޭނާ އުފަލުން އެ ވަޒީފާ ގަބޫލު ކުރި އެވެ.