ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަންހެނުންނަށް ގޮނޑިތައް ހާއްސަކުރުމުގެ ފައިދާ ފެންނާނެ: ރައީސް

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ހަމަޖެއްސުމުން ލިބޭ ފައިދާތައް މިހާރު ވެސް ފެންނަން ފަށައިފި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އޭގެ ފައިދާ ފެންނަމުން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ވިލިމާލޭގައި މިއަދު އެމްޑީޕީން ކުރިއަށް ގެންދާ އަންހެނުންގެ ރޫހުގެ ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ މުހިއްމު ބަދަލަކީ ކައުންސިލަތކުގައި އަންހެނުންނަށް ގޮނޑިތަކެއް ހާއްސަކުރެވުން ކަމަށެވެ. އޭގެ ހެޔޮ ބަދަލު މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އެ އިސްލާހުގެ ސަބަބުން އިންތިހާބީ މަގާމުތަކުގައި އަންހެނުންގެ ދައުރު އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ. މިހާރު ވެސް ސިޔާސީ ސަފުތަކުގެ އެންމެ ކުރިން އަންހެނުން ފެންނަން ފަށާފައިވާ ކަމަށެވެ. ކައުންސިލްތަކުގެ ނިންމުންތަކުގައި އަންހެނުންގެ ދައުރު ބޮޑު ތަނުން އިތުރުވެގެން ދާނެ ކަމަށެވެ.

"މިކަމުގެ ހެޔޮ ބަދަލު މުޅި ދިވެހިރާއްޖެއިންވެސް ފެންނާނެ. ކެމްޕޭނުގެ ކޮންމެ ޕޯސްޓަރަކުން، ކޮންމެ އެއްވުމަކުން މިއަދު ބަދަލު ފެންނަން ފަށައިފި." ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމެއްގެ ހާލަތު ރަނގަޅު ކުރުމުގައި ވަރަށް ގިނަ ބައެއްގެ ހިއްސާ އެކުލެވިގެންވާ ކަމަށެވެ. މި ގޮތުން ރާއްޖޭގެ ހާލަތު ބަދަލު ކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރީ އަންހެނުން ކަމަށެވެ. އެހެންކަމުން އަންހެނުންގެ ދައުރު ކައުންސިލްތަކުގައި އިތުރުވުން ވަރަށް މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިދިޔަ އަހަރުތަކުގާ ރާއްޖެ ދުށް އަނިޔާވެރި، ބިރުވެރި ވެރިކަމުގެ ދުވަސްވަރު، އެ އަނިޔާއިން ދިވެހިން މިންޖު ކުރުމަށް، އެންމެ ކުރީސަފުގާ ތިބީ ތި ބޭފުޅުންކަން މިއަދު އަޅުގަނޑު ފާހަގަކުރަން." ކުރީގެ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި އަންހެނުން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން އެމްޑީޕީން ހިންގި ސިޔާސީ ހަރަކާތްތައް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެމްޑީޕީން ބޭއްވި މުޒާހަރާތަކާއި ހަރަކާތްތަކުން އަންހެނުން ނުފެންނަ އެންމެ ދުވަހެއް ވެސް ނުދާ ކަމަށެވެ. އެ މުޒާހަރާތަކުގައި ލިބުނުގެ އަނިޔާތަކުގެ ތެރޭގައި ކެތްތެރިކަމާއެކު ހަތް އަހަރު ހޭދަކޮށް، ދިވެހިންނަށް ޑިމޮކްރެޓިކް ސަރުކާރެއް ޤާއިމްކުރުމުގެ ފުރުސަތު ލިބުނީ އަންހެނުން ކުރި ބުރަ މަސައްކަތުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑު އެ މަންޒަރުތައް ވަރަށް ކައިރިން ދުށިން. ޕާޓީ އޮފީހުގައާ، ކެމްޕޭނު ހަރަކާތްތައް ރޭވުމުގައާ، އެކިއެކި ކޮމިޓީތަކުގައާ، މަގުމަތީގެ ހަރަކާތްތަކުގައިވެސް ޕާޓީގެ އަންހެން މެމްބަރުންގެ މަސައްކަތްތައް އެއީ، އަޅުގަނޑުމެން އެއްވެސް މީހަކަށް ނުދައްކާ ދޫކޮށްލެވޭނެ ވާހަކައެއް ނޫން." ރައީސް ވިދާޅުވި އެވެ.