ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮރޯނާއާ ގުޅިގެން އިދިކޮޅުގެ ކެމްޕޭން ދަތުރުތައް މެދުކަނޑާލައިފި

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން ރާއްޖޭން ފަސް މީހަކު ކަރަންޓީންކޮށް ވައިރަސް އަންނާނެ ކަމުގެ ބިރު ބޮޑުވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ ލީޑާޝިޕް އިން އަތޮޅުތެރޭގެ ރަށްތަކަށް ކުރަމުން ގެންދާ ކެމްޕޭން ދަތުރުތައް މެދުކަނޑާލަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ހުރިހާ ފިޔަވަޅެއް އެޅުމަށާއި ހާމަކަން ބޮޑު ގޮތެއްގައި މި ބައްޔާ ގުޅޭ މައުލޫމާތާއި ރާއްޖޭގެ ހާލަތު ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަށް އެ ކޯލިޝަނުން ސަރުކާރަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް 19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ވެސް ފެތުރިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް، އަތޮޅުތަކުގައި ހަރަކާތްތެރިވަމުންދާ އެ ކޯލިޝަންގެ ލީޑާޝިޕްގެ ޓީމުތައް ދަތުރުތައް ކުރުކޮށްލުމަށް ފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ޓީމުތަކަށް ބެހިގެން އިއްޔެ ވަނީ ރ. އަތޮޅާއި ޅ. އަތޮޅުގައި ކެމްޕޭން ކުރައްވާފަ އެވެ. މި ގޮތުން ރޭގެ ވަގުތެއްގައި ޅ. ނައިފަރުގައި އެ ކޯލިޝަންގެ ބޮޑު ޖަލްސާއެއް ބޭއްވި އެވެ.

އެ ދަތުރުތައް މެދުކަނޑާލަން ނިންމީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެ ނަމަ ރައްޔިތުންނަށް ކުރިމަތި ވާނެ ދަތިތަކާއި ގެއްލުން ބޮޑު ވާނެ ކަމަށް އެ ކޯލިޝަނަށް ގަބޫލު ކުރެވޭތީ ކަމަށް ބުންޏެވެ. އަދި ގައުމީ މަސްލަތު އިސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަބަދުވެސް އިސްކަން ދޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮރޯނާއަށް ޝައްކު ކުރެވޭ މީހުން ފެނިގެން މިހާރު ވެސް ވ. ތިނަދޫ އާއި ކުރެއްދޫ އައިލެންޑް ރިސޯޓް އާއި ސަމާ އައިލެންޑް ރިސޯޓް ވަނީ ލޮކްޑައުންކޮށް މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ.

ތިނަދޫން ކޮރޯނާއަށް ޝައްކު ކުރެވޭ އިޓަލީ ޓޫރިސްޓަކު ފެނިފައިވާއިރު ސަމާއިން ވަނީ ދެ ޓޫރިސްޓަކު ފެނިފަ އެވެ. އަދި ކުރެއްދޫއިން ކަރަންޓީނު ކުރީ އެ ރިސޯޓުން އިޓަލީއަށް ދިޔަ ޓޫރިސްޓަކު ކޮރޯނާއަށް ޕޮޒިޓިވްވެ އޭނާ ކުރެއްދޫން ދެއްކި ޑޮކްޓަރަށް ވެސް ކޮރޯނާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެންނެވެ.