ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޖޭޕީގެ ކެމްޕޭން ފަށާ ޖަލްސާ ފަސްކޮށްފި

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް ޝައްކު ކުރެވޭ ބަޔަކު ރާއްޖެއިން ވެސް ފެނި ކަރަންޓީނު ކުރުމާ ގުޅިގެން، އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭން ފެށުމުގެ ގޮތުން ޖުމްހޫރީ ޕާޓީން ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފަސްކޮށްފި އެވެ.

ޖޭޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ރާއްޖެއަށް ވެސް ފޯރާފާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް އޮތް މިފަދަ ވަގުތެއްގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ އުޅުމަކީ އެހާ ރައްކާތެރި ކަމެއް ކަމުގައި އެ ޕާޓީން ނުދެކޭ ކަމަށެވެ. ސިޔާސީ ފައިދާއަކަށްވުރެ ރައްޔިތުންގެ ރައްކާތެރިކަން މުހިއްމު ކަމަށެވެ.

އެހެންކަމުން އަންނަ ހުކުރު ދުވަހުގެ ދުވަހުގެ ރޭ ޖޭޕީން ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ ކެމްޕޭން ލޯންޗު ކުރުމުގެ ޖަލްސާ އެ ދުވަހުގެ ރެއަށް ނުބާއްވައި ވަކި މުއްދަތެއް ނެތް ގޮތަކަށް ފަސް ކުރުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ޖޭޕީން ބުނީ ގައުމުގެ ހާލަތު މިއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލު ވުމުން އެ ޕާޓީގެ ކެމްޕޭން ފެށުމުގެ ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ކެމްޕޭން ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ. ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ޓީމުތަކަށް ބެހިގެން އިއްޔެ ވަނީ ރ. އަތޮޅާއި ޅ. އަތޮޅުގައި ކެމްޕޭން ކުރައްވާފަ އެވެ. އެ ދަތުރުތައް މެދުކަނޑާލައި މިއަދު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ވަގުތު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީންނެވެ. މިއަދާއި މާދަމާއަށް ވެސް އެ ޕާޓީގެ ކެމްޕޭން ހަރަކާތްތަކެއް ރާވާފައިވާއިރު އެއިން އެއްވެސް ހަރަކާތެއް ކެންސަލް ކުރި ކަމެއް އަދި އެ ޕާޓީން އިއުލާނެއް ނުކުރެ އެވެ.