އއ. ރަސްދޫ ގޮނޑުދޮށް ގިރައި މީހުން އުޅޭ ސަރަހައްދަށް ފޯރާފައިވާއިރު މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ. ބައެއް ރައްޔިތުން ހާމަކުރި ގޮތުގައި އުދަ އަރާ ދުވަސްވަރު އެ ސަރަހއްދުގެ ގޭތަކުގެ މީހުން ރާޅު އަރާފާނެ ކަމަށް ބިރުން ނުނިދާ ބިރުވެރިިކަމެއްގެ މަތީގައި ތިބެންޖެހެ އެވެ.
"ބިރުވެރިކަމެއްގެ ތެރޭގައި އަޅުގަނޑުމެން ތިބޭތާ އެތަށް އަހަރެއް ވެއްޖެ. ރަށް ގިރުމުގެ މައްސަލަ ދިމާވެ އަޅުގަނޑުމެން ގެ މިއިން ސަރަހއްދު އެއްކޮށް ގިރާ ހުސްވެއްޖެ. އުދަ އަރާ ދުވަސްވަރު އަޅުގަނޑުމެންނަކަށް އެއްގޮތަކަށްވެސް ނުނިދޭ. ރާޅު އަރާ ގެދޮރާ މުދަލަށް ވެދާނެ ގެއްލުމަށްކައްޓަކާ. މިހެންވެސް ލައްކަ ދުވަހެއް ހޭދަކުރެވިއްޖެ. މިއަދު ހަމަނޭވާ ލެވިއްޖެ. އެކަމަކު އަދި އަޅުގަނޑުމެންނަށް ހަމަނިދި ލިބޭނީ މި މަސައްކަތް އެއްކޮށް ނިމުނީމަ." ރަސްދޫގެ ގިރާފައިވާ ސަރަހައްދާއި ވިއްސަކަށްފޫޓު ކައިރީގައި ދިރިއުޅޭ ބަޔަކު ބުންޏެވެ.
ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މިއަދު އިފްތިތާހް ކޮށްދީފައިވާއިރު މިއީ ޖުމްލަ 13.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން 135 ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރު ހިއްސާވާ ކުންފުނި މޯމްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ވަނީ ހަވާލުކޮށްފަ އެވެ. މި މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް މި މަޝްރޫއު އިފްތިތާހްކޮށްފައިވަނީ މިއަދު އެކަމަށްޓަކައި ރަސްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދޫރް އެވެ. މި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން މަޖިލީހުގެ އއ. އަތޮޅު ދާއިރާތަކަށް ނިސްބަތްވާ މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ނަމަވެސް މި މަސައްކަތް ލަސްވީ ޑިޒައިންއަށް ގެންނަންޖެހުނު ބަދަލަކާ ގުޅިގެން ކަމަށެވެ. އަދި މިހާރު އެ މަޝްރޫއު ޑިޒައިން ކޮށްފައިވާނީ ރަށުގެ ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް ކަމަށެވެ.
އަސްލަމް ވިދާޅޫވީ ރަސްދޫ އަކީ ރާއްޖޭގެ ރިސޯޓުތަކާއި އެއް ފެންވަރަކަށް ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ހިންގާ ނަފާ ހޯދަމުން އަންނަ ރަށެއް ކަމަށާއި މި މަޝްރޫއުގެ ސަބަބަުން ހުރަސް އެޅިފައިވާ ލޯކަލް ޓުއަރިޒަމް އަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ޕްރޮޖެކްޓް ފަރުމާ ކޮށްފައިވަނީ ރަށުގެ ގުދުރަތީ ވެއްޓަށް ގެއްލުން ނުވާނޭ ހެން ލޯކަލް ޓުއަރިޒަމް ކަހަލަ ވިޔަފާރިތަކުން ނަފާ ހޯދޭނެ ގޮތަށް. ރަސްދުއަށް ބަލާނަމަ މި ރަށަކީ ރާއްޖޭގެ އާދައިގެ ރިސޯޓެއްގެ ހުންނަ ވަރަށް އެނދު ހުންނަ ރަށެއް. ގާތްގަނޑަށް 500 އެނދު ފަތުރުވެރިކަމުގެ ވިޔަފާރި އެބަކުރޭ. މި ޕްރޮޖެކްޓްގެ ސަބަބުން މި ވިޔަފާރިތަކަށްވެސް މިހާރަށްވުރެ ބޮޑު ކުރިއެރުމެއް ލިބޭނެ. މިއީ މުޅި ރާއްޖޭގެ އިގްތިސާދަށްޓަކައި ކުރެވޭ ކަމެއް." އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މި މަޝްރޫއުގެ ދަށުން ހިމާޔަތް ކުރުމަށް ނިންމާފައިވާ ސަރަހައްދަކީ މީގެ ކުރިން ކުނި އަޅައިގެން ހިއްކަން އުޅުނު ސަރަހައްދެއް ކަމަށާއި ނަމަވެސް މި މަޝްރޫއު ނިމޭއިރު މި ސަރަހައްދުގައި ހުރި ކުނިތައް ނަގައި ވެލިން މުއްސަނދިވާނެ ކަމަށެވެ.
މި މަޝްރޫއު އިފްތިތާހްކޮށްދެއްވާ ވާހަކަ ދައްކަވަމުން ސަންޖޭ ވިދާޅޫވީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގާ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ވެގެންދާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށް އިންޑިއާއިންދޭ އެހީތެރިކަން އިތުރުކުރާނެ ކަމަށާއި އިގްތިސާދީ ގޮތުންނާއި ސީދާ ރައްޔިތުންނަށް މަންފާ ކުރާނެ މަސައްކަތްތަކަށް އިންޑިއާ އިން އެހީވާނެ ކަމަށެވެ.
ސަންޖޭ އިތުރަށް ވިދާޅޫވީ ދުނިޔޭގެ ތިމާވެއްޓަށް އަންނަ މިފަދަ ބަދަލުތަކަށް ސަމާލުކަންދީގެން ކުރިއާލާ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ފަރާތުން މަޝްރޫއާގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ 25 މީޓަރުގެ ފައިކަށިތައް ނުވަތަ ރޮކް ގްރޯވިން އަދި 29 ސަރަހައްދެއްގައި ރިވެޓްމެންޓް މިމަޝްރޫއު ނިމޭއިރު ޖަހާނެ ކަމަށެވެ. އަދި ގިރާފައިވާ ވެލިގަނޑު އިއާދަކުރުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
އާބާދީގައި 1200 އަށްވުރެ ގިނަ މީހުން ދިރިއުލޭ ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަކީ އެރަށު ރައްޔިތުން ދެކެމުން އައި ވަރަށް ފޮނި ހުވަފެނެކެވެ. ލޯކަލް ޓޫރިޒަމް ފައްކާވެފައިވާ މިރަށަކީ ފުދުންތެރި ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. އެރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރައްގިރުމުގެ މައްސަލަ އެެވެ. އެރަށު ރައްޔިތުން ހާމަކުރާ ގޮތުގައި މި މައްސަލަ އެރަށަށް ކުރިމަތިވާންފެށީ މީގެ 11 އަހަރު ކުރިން އެރަށުގެ ބަނދަރު ހެދުމަށްފަހު އެވެ. ބަނދަރު ނޫން އެހެން ހުރިހާ ސަރަހައްދުތަަށް ގިރައި ވެލިގަނޑު ވަނީ އެއްކޮށް ދަމައިގެން ގޮސްފަ އެވެ.
ރަށަށް އަރައި އެރަށުން ވާހަކަ ދެއްކި ގިނަ މީހުން ބުނަމުންދަނީ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ހިފެހެއްޓުމެއްނެތި ރަށް ގިރަމުންދާ މައްސަލަ ކަމަށެވެ. ނަމަވެސް މިއަދު ސަރުކާރުން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރާތީ ރަށުގެ ރައްޔިތުން ތިބީ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރުވެރިވެފަ އެވެ. މިހާރު ރައްޔިތުން ކުރަމުންދާ އެންމެ ބޭނުންވާ ދުވަހަކީ ރައްޔިތުންގެ ހުރިހާ އުއްމީދެއް ގުޅިފައިވާ މި މަޝްރޫއުގެ މަސައްކަތް ނިމޭނެ ދުވަހަކަށެވެ.
އިންޑިއާ ސަރުކާރުން ރާއްޖެ އަށް ދީފައިވާ 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހިންގާ މިމަޝްރޫއަށް އިންޑިއާގެ އެހީ އިން އަށް މިލިއަން ރުފިޔާ ހޭދަ ކުރެ އެވެ. އަދި ބާކީ 5.5 މިލިއަން ރުފިޔާ ހޭދަކުރަނީ ދިވެހި ސަރުކާރުންނެވެ.