ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެންއެފްއެމްއީ އޮތީ ސަރުކާރުން ބޭނުންވާ ކޮންމެ އެހީއެއް ދޭން ތައްޔާރަށް: ޖަނާ

Mar 7, 2020
2

ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ދެ މީހަކު ރާއްޖެއިން ފެނި، ރާއްޖޭގެ ހާލަތު ބަދަލުވެފައިވާތީ މިވަގުތު ދިވެހި ރައްޔިތުންނަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ދިވެހި ސަރުކާރަށް ދޭން ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އިން ތައްޔާރަށް އޮތް ކަމަށް އެ ޖަމިއްޔާ އިން މިރޭ ބުނެފި އެވެ.

ރާއްޖޭގެ މަސައްކަތުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ކަމަށްވާ ރެސްޓޯރެންޓް އެސޯސިއޭޝަން އާއި ކޮންސްޓްރަކްޝަން އެސޯސިއޭޝަނާއި ޔޮޓް އޮޕަރޭޓަރުންގެ ޖަމިއްޔާގެ އިތުރުން ވެސް ގިނަ ޖަމިއްޔާތައް ތަމްސީލް ކުރާ އެންއެފްއެމްއީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ މި ވަގުތަކީ ދިވެހި ހުރިހާ ރައްޔިތުން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށެވެ. މި ވަގުތު އެ ޖަމިއްޔާ އިން ދިވެހި ސަރުކާރާއި ރައްޔިތުން ބޭނުންވާ ކޮންމެ އެހީތެރިކަމެއް ދޭނެ ކަމަށެވެ.

އެ ޖަމިއްޔާ އިން މީގެ ކުރިން ވެސް ވަނީ ބައެއް ކަންކަމުގައި ދައުލަތަށާއި ސަރުކާރަށް އެހީވެދޭން ހަރަކާތްތަކެއް ހިންގާފަ އެވެ.

އެ ޖަމިއްޔާގެ މި ނިންމުން މިގޮތަށް އިއުލާން ކުރި އިރު ޖަމިއްޔާގެ ރައީސްގެ ރަށެއްގެ ގޮތުގައި އޮތް މި ވަގުތު އަލުން ތަރައްގީ ކުރަމުން އަންނަ މާލެ އަތޮޅު ވިލިވަރު، އައިސޮލޭޝަން ފެސިލީޓީއެއްގެ ގޮތުގައި ބޭއްވުމަށް ތިން މަސް ދުވަހަށް ޖަނާ ވަނީ އެ ރަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. ކޮރާނާއާ ގުޅިގެން އެރަށުގައި ބަޔަކު އެކަހެރި ކޮށްފި ނަމަ އެކަން ވަނީ ފައިލޭރިއާ މީހުނާއި ޖުޒާމް ބަލީގެ މީހުން އެރަށުގައި އެކަހެރި ކުރި ފަހުން އެ ރަށުގައި މިފަދަ ފެސިލިޓީސް އެއް ގާއިމް ކުރުމަށެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ރާއްޖެ އިން ޕޮޒިޓިވް ވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެ މީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. ރާއްޖެ އިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެ އެ ރަށަށް އަރާ ފޭބުން ހުއްޓުވާފަ އެވެ. އަދި މުޅި ރާއްޖެ އަށް އޮތީ މިހާރު ޔެލޯ އެލާޓެވެ.

އޮރެންޖެ އެލާޓް ނެރެނީ ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އެއީ ލެވެލް ތިނެކެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތެއްގަ އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓަށް މީހުންނަށް ނޭރޭ ގޮތަށް ބަންދު ކުރީ އިއްޔެ އެވެ. އެއީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް އިޓަލީއަށް ދިޔަ ޓޫރިސްޓެއްގެ ގައިން ކޮރޯނާ ވައިރަސް ފެނުނުކަން އެ ގައުމުން އެންގުމާ ގުޅިގެންނެވެ. އެ މައުލޫމާތާއެކު އެ ރިސޯޓްގައި ކޮރޯނާ ވައިރަހުގެ އަލާމާތްތައް ހުރި ދެ މުވައްޒަފަކު، ފަރުކޮޅުފުއްޓަށް ގެންގޮސް ކަރަންޓީ ނުކުރި އެވެ. އޭގެ ތެރޭގައި އެ ރިސޯޓްގެ ޑޮކްޓަރު ވެސް ހިމެނެ އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކޮރޯނާއަށް ޕޮޒިޓިވްވި، ޓޫރިސްޓް ކޮންޓެކްޓްވި އެންމެން ހޯދައި ބަލަން ޖެހޭ ބެލުންތައް ބަލަމުން ގެންދާ ކަމަށެވެ. އެ ޓޫރިސްޓް ބައްދަލުވި މީހުންގެ ތެރެއިން ކޮރޯނާގެ އަލާމާތްތައް ފެންނަ މީހުން ޓެސްޓް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.