ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އިމާރާތް ކުރުމުގެ ދާއިރާ: ނިއުނޯމަލަށް ތައްޔާރު

May 31, 2020
3

އިކޮނޮމީ ހުޅުވާލުމުގެ ވާހަކަ ފެށިފައިވާއިރު އެކަމަށް ގިނަ ސިނާއަތްތައް އަދި ތައްޔާރެއް ނުވެ އެވެ. ރާއްޖޭގައި ކެއިން ބުއިމުގެ ހިދުމަތް ދޭ، ފުޑް އެންޑް ބެވަރޭޖަސް ދާއިރާ އިން ނިއު ނޯމަލްގައި ހުޅުވާލާނެ ގޮތުގެ ވާހަކަ އަދި ނުވެސް ދައްކަ އެވެ. އަދި އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ދާއިރާ ހުޅުވާލަން ތައްޔާރުވުމުގެ ގޮތުން، އެކުލަވައިލާ ދެލިކޮޕީގެ މަަސައްކަތް ދަނީ ކުރި އަށެވެ. ނަމަަވެސް ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތުގެ ގޮތުގައި ބަލާ އިމާރާތް ކުރުމުގެ ދާއިރާއިން ވަނީ ނިއު ނޯމަލްގައި ހުޅުވާލުމުގެ ގޮތުން، އަމަލު ކުރާނެ އުސޫލުތައް އެކުލަވާލައި ރިޕޯޓު ވެސް ތައްޔާރުކޮށްފަ އެވެ.

ރާއްޖޭން ބޭރާއި ރާއްޖޭގެ ތަޖުރިބާކާރުންގެ އެހީގައި އެކުލަވައިލި މި އުސޫލުތަކާއެކު އިމާރާތް ކުރުމުގެ ސިނާއަތް ހުޅުވާލަން ތައްޔާރު ވެއްޖެ އެވެ. ދެން އޮތީ މި ގައިޑްލައިންގައި ހުރި ކަންތައް ތަންފީޒު ކުރުމެވެ، އެކަން އޮތީ ސަރުކާރަށެވެ.

"އަޅުގަނޑުމެން ގައިޑްލައިން ވެސް ނެރެފިން. ވަރަށް ގިނަ ކުންފުނި ތަކަށް އެ ގައިޑްލައިންގައި ހުރި ކަންތައްތައް ކިޔައިދޭން ތަމްރީން ވެސް ދެވިއްޖެ. އެހެންވެ ބުނެވޭނީ ކުންފުނިތައް ވެސް ހުޅުވާލަން މިހާރު ތައްޔާރުވާން. ދެން އޮތީ ސަރުކާރުން ގައިޑްލައިންގައި ހުރި ކަންތައް އިމްޕްލިމެންޓް ކުރުން. ފުލުހުންނާއި ސިޓީ ކައުންސިލް އަދި ކަމާބެހޭ މިނިސްޓްރީތަކުން އެކަން ކުރެއްވުން،" މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވި އެވެ.

ދުރާލާ ތައްޔާރުވެ، ފުރަތަމަ ނެރުނީ ރިޕޯޓެއް

އިމާރާތް ކުރުމުގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސޯދުގައި ވަރަށް މުހިންމު ސިނާއަތެކެވެ. ހާއްސަކޮށް މިހާރުގެ ހާލަތަށް ބަލާއިރު އެންމެ މުހިންމު އެއް ދާއިރާ އެވެ. އެހެންވެ ކޮވިޑް-19 އާ ގުޅިގެން، އެމްއެންއޭސީއައި އިން ދުރާލާ ތައްޔާރުވާން ފެށި އެވެ. އެ ޖަމިއްޔާ އިން އެންމެ ފުރަތަމަ ނެރުނީ މިހާލަތުގެ ސަބަބުން އިމާރާތް ކުރުމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުންތަކާއި ގެއްލުންތަކުން އަރައި ގަންނަން އަޅަން ޖެހޭނެ ފިޔަވަޅުތަކާބެހޭ ހާއްސަ ރިޕޯޓެކެވެ.

އެއިން އިމާރާތް ކުރުމުގެ ސިނާއަތަށް ލިބެމުންދާ ގެއްލުމުގެ ހަގީގީ ކުރެހުމެއް ސަރުކާރާއި ރައްޔިތުންނަށް ލިބުނެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން އިމާރާތް ކުރުމުގެ ދާއިރާ ތިން މަސް ތެރޭ 617 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުންވާނެ އެވެ. އޭގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގެ ވިޔަފާރި 50 ޕަސެންޓް ދަށް ވެގެން ވެސް ދާނެ އެވެ.

އަދި މި ގެއްލުމުގެ އަސަރު އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ 5،000 އާއި 7،000 ދިވެހިންނާއި އެމީހުންގެ އާއިލާތަކަށް ކުރާނެ އެވެ. މި ސިނާއަތުގައި 40،000 އާއި 50،000 ދެމެދުގެ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން މަސައްކަތް ކުރާއިރު، އެ މީހުންގެ ވަޒީފާތައް ގެއްލިއްޖެނަމަ އިގްތިސޯދަށް ނުބައި އަސަރުތަކެއް ކުރާނެ އެވެ. ރިޕޯޓްގައި އެ ގެއްލުމުން ސަލާމަތްވާން އެޅިދާނެ ފިޔަވަޅުތައް ސަރުކާރަށް ބުނެދީފައިވެ އެވެ.

ރިޕޯޓަަށްފަހު އެ ޖަމިއްޔާ އިން ވަނީ އިމާރާތް ކުރުމުގެ ސިނާއަތު ނިއު ނޯމަލްގައި ހުޅުވާލުމާ ބެހޭ ގައިޑްލައިނެއް ނެރެފަ އެވެ. ގައިޑްލައިން ހެދުމުގައި ދުނިޔޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) އާއި ގިނަ ގައުމުތަކެއްގެ އިމާރާތް ކުރުމުގެ ސިނާއަތުގެ އެގްރިމެންޓްތައް ބިނާ ކުރާ، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ކޮންސެލްޓިން އިންޖިނަރިން (ފިޑިކް) ފަދަ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދާފައިވެ އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ގައުމީ ޖަމިއްޔާ އެމްއެންއޭސީއައި އަދި އިފޮޕްކާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވި ގޮތުގައި ގައިޑްލައިންގެ ސަބަބުން ކުންފުނި ތަކަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ އެވެ.

"ދިހަ އަހަރު ކުރިން ބިލްޑިން ސޭފްޓީ ގައިޑްލައިނެއް އަޅުގަނޑުމެން ނެރުނީ. ކޮވިޑް-19 އަށްފަހު ހުޅުވެންވާއިރަށް އަމަލު ކުރެވިދާނެ ރައްކާތެރިކަމުގެ މިންގަނޑު ތަކެއް މި ނެރެވުނީ. މި ގައިޑްލައިން ތައްޔާރު ކޮށްފައި ވާނީ ދުނިޔޭގެ ބެސްޓް ޕްރެކްސް އަށް ބެލުމާއެކު، ރާއްޖޭގެ އެކްސްޕާޓުންގެ އެހީތެރި ކަމާއެކު. މިއީ ސަރުކާރަށް ވެސް މި ފަދަ ގައިޑްލައިނެއް ނެރެން ލިބޭނެ ފަސޭހައެއް،" ޖަނާހު ވިދާޅުވި އެވެ.

ގައިޑްލައިން ނެރެ، ތަމްރީން ވެސް ދިން

ސިނާއަތެއްގެ ތެރެއަށް އެއްޗެއް ނެރޭއިރު، އެ ހަދަން ޖެހޭނީ އެ ދާއިރާއެއްގެ މީހުނަށް ކިޔަން އެނގޭ ބަހަކުންނެވެ. އެ ބައެއްގެ މާދަރީ މަހުންނެވެ. އެހެންވެ އެމްއެންއޭސީއައިގެ ގައިޑްލައިންގައި ދިވެހި ބަހާއި އިނގިރޭސި ބަހުގެ އިތުރުން ހިންދީ ބަސް އަދި ބަންގުލަދޭޝް ބަހާއި ތަމަޅަ އާއި ނޭޕާލް ބަހުން ނެރެފައިވެ އެވެ.

ގައިޑްލައިންގައި ސައިޓުތަކުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތުގެ މީހުން މާސްކް އަޅަން މަޖުބޫރު ކޮށްފައިވެ އެވެ. އަދި މަސައްކަތުގައި ބޭނުން ކުރާ އާލާތްތައް ގިނަ ބަޔަކު ބޭނުން ކުރާނަމަ ޑިސްއިންފެކްޓް ކުރަން ޖެހެ އެވެ. މަސައްކަތް ކުރާއިރު، މީހުން ތޮއްޖެހުން މަދު ކުރަން ޖެހެ އެވެ. އަދި ކޮންމެ ސައިޓެއްގައި ވެސް ސައިޓް ހެލްތް ސޭފްޓީ ރެޕްރެޒެންޓޭޓިވްއެއް ހުންނަން ލާޒިމް ކުރެ އެވެ. މީގެ އިތުރުން ސައިޓަން ވަންނައިރު ވެސް ޓެމްޕަރޭޗާ ޗެކްކޮށް ކޮންމެ ހަ ގަޑިއިރަކުން ހުރިހާ މީހުންގެ ޓެމްޕަރޭޗާ ޗެކް ކުރަން ލާޒިމް ކޮށްފައި ވެއެވެ.

އަދުނާން ވިދާޅުވި ގޮތުގައި އެ ޖަމިއްޔާ އިން ހަމައެކަނި އެއްޗެއް ނެރެފަ ދޫކޮށްލީ ނޫނެވެ.

"މީގައި ހުރި ކަންކަން ކުންފުނިތަކަށް އޮޅުން ފިލުވައިދެމުން މި ގެންދަނީ. އެކަމަށްޓަކައި ޒޫމް މެދުވެރިކޮށް 100 ފަރާތަކަށް ތަމްރީން ދެވިއްޖެ. މީގެތެރޭގައި ޖަމިއްޔާގެ މެންބަރުންނާއި މެންބަރު ނޫން ކުންފުނިތަކާއި ރިސޯޓުތަކުގެ ފަރާތްތައް ވެސް ހިމެނެ،" އަދުނާން ވިދާޅުވި އެވެ.

ސަލާމަތީ ފިޔަވަޅުތައް ސާފުކޮށް ބުނެދޭ

ނިއު ނޯމަލްގައި ހުޅުވާލާއިރު ކޮންމެ ސިނާއަތަކަ ށްވެސް އެންމެ މުހިންމު ކަމަކީ ސާފު ތާރިހުކަމާއި ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމެވެ. މި ގައިޑްލައިންގައި ސަލާމަތީ ގޮތުން ހުންނަން ޖެހޭ ފިޔަވަޅުތައް ބުނެދީފައިވެ އެވެ.

ކޮންމެ ސައިޓެއްގައި ވެސް އަތް ދޮވެވޭނެ ގޮތް ނުވަތަ ސެނެޓައިޒް ކުރެވޭނެ ގޮތް ހުންނަން ޖެހެ އެވެ. އަދި މުވައްޒަފުންގެ ނިދާ ތަނުގައި އެ ސައިޓެއްގައި މަސައްކަތް ކުރާ މީހުން ފިޔަވައި އެހެން ސައިޓުތަކުގެ މީހުން ނިންދެވުމަކީ މަނާ ކަމެކެވެ.

ގައިޑްލައިންގެ ބައެއް ކަންތައްތައް

  • ސައިޓް ހެލްތް ސޭފްޓީ ރެޕްރެޒެންޓޭޓިވް
  • މާސްކް އަޅަން މަޖުބޫރު ކުރުން
  • އަތް ދޮވެވޭނެ ގޮތް ސައިޓުތަކުގައި ހުރުން މަޖުބޫރު
  • އިކްއިޕްމަންޓް ފަދަ ތަކެތި ޑިސް އިންފެކްޓް ކުރުން
  • ކޮންމެ ހަ ގަޑިއިރަކުން ޓެމްޕަރޭޗާ ޗެކް ކުރުން
  • ހުއްދަ ނެތް މީހުން ސައިޓު ތަކަށް ވަނުން މަނާ ކުރުން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން އެޅި ފިޔަވަޅުތަކަށް ލުއި ތަކެއް ދޭން ފަށާފައި ވެއެވެ. މިއާއެކު އެކި ސިނާއަތްތައް ވެސް ރައްކާތެރިކަމާއެކު މަސައްކަތް ފަށަން ދަނީ ތައްޔާރު ވަމުންނެވެ. މި ހާލަތުގައި އެންމެ ފަސޭހަވާނީ އިމާރާތް ކުރުމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތަކަށެވެ. މި ސިނާއަތުގެ ކުންފުނިތަކަށް ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އަށް ހަދާފައިވާ ގައިޑްލައިނެއް ފެންނަން އޮތުމަކީ ލިބޭނެ ފަސޭހަ އެކެވެ. އަދި މި ގައިޑްލައިންވީ މި ހާލަތުގައި ސަރުކާރަ ށްވެސް ލިބުނު ބޮޑު ލުޔަކަށެވެ. ނަމަވެސް ގައިޑްލައިންއެއް ހެދުމަކުން ނުފުދެ އެވެ. އޭގައި ބުނެވިފާ ކަންތައް ތަންފީޒު ކުރަން ޖެހެ އެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގައި އަޅަން ބުނެފައިވާ ސަލާމަތީ ފިޔަވަޅުތައް އެޅޭކަން ޔަގީން ކުރަން ޖެހެ އެވެ. އެކަން ކުރެވޭނީ ސަރުކާރަށެވެ.