މާކްސް އާއި ހޭންޑް ސެނެޓައިޒާތައް އޭގެ އެންމެ ބޭނުން ޖެހިފައިވާ އަދި ޖޭހެނެ މީހުންނަށް ބެހެއްޓުން މުހިއްމު ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ގޭގައި ބޭނުން ކުރުމަށް ހޭންޑް ސެނެޓައިޒާ ގަންނަން ބޭނުންވާ ވަރަށް ގިނަ ފަރާތްތައް އެބަ ހުރި ކަމަށެވެ. އެކަމަކު މި ވަގުތު އާންމުންނަށް ހޭންޑް ސެނެޓައިޒާ ދިނުން މަޑުޖައްސާލާފައިވާ ކަމަށެވެ.
އަމްރު ވިދާޅުވި ގޮތުގައި ހޭންޑް ސެނެޓައިޒާއަކީ އޭގެ އެންމެ ބޭނުން ޖެހޭނެ މީހުނަށް ބޭނުން ކުރުމަށް ސިއްހީ ފަރުވާ ދޭ އިންސްޓިޓިއުޝަންތަކާއި ހޮސްޕިޓަލުތަކުގައި ބޭނުން ކުރުމަށް ހާއްސަ ތަކެތި ކަމަށެވެ. އާންމުކޮށް ސެނެޓައިޒާ ދިނުން މަޑުޖައްސާލީ ވެސް އެންމެ ބޭނުންވާ މީހާ ބޭނުން ކުރަން ޖެހޭ ހާލަތުގައި އެ ތަކެތި ބެހެއްޓުމަށްޓަކައި ކަމަށެވެ.
"އެއީ ކޮންމެ ހެން އަޅުގަނޑުމެން އަތުގައި ނެތީމައެއް ނޫން. އަޅުގަނޑުމެން ވެސް އިމްޕޯޓް މި ކުރަނީ. އެހެންވީމަ އަޅުގަނޑުމެން ވެސް އެއްކޮށް ހުޅުވާލައިފި ކަމަށް ވަނީނަމަ ރާސްލާފައި އައިސް ބައެއް މީހުން ވަރަށް ގިނައިން ގަނެފިއްޔާމުން ކުއްލިއަކަށް ހަމަ ހުސްވެދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ." އަމްރު ވިދާޅުވި އެވެ.
އަމްރު ވިދާޅުވީ މާކްސް ގަތުމަށް ވެސް ބައެއް ފަރާތްތަކުން އެއް ފަހަރަކާ ހާހެއްހާ މާސްކް ގަންނަން ވެސް އެދެމުންދާ ކަމަށާއި އެކަމަކު އެ ގޮތަށް މި ހާލަތުގައި ދޫކުރެވެން ނެތް ކަމަށެވެ. އަމްރު ވިދާޅުވީ މާސްކަކީ ބަލި ޖެހޭ މީހާ ބޭނުން ކުރަން ޖެހޭ އެއްޗަކަށް ވާތީ އެ ތަކެތި ވެސް ބަލި ޖެހޭ މީހާއަށް ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
"މި ވަގުތު ވެސް އެބަ ހުރި ދިވެހި ރައްޔިތުން ބޭނުންވާ ވަރަކަށް މާސްކް. އަދި އިތުރަށް ވެސް އަޅުގަނޑުމެން މި ދަނީ ގެންނަމުން. އެހެން ނަމަވެސް އެތައް ސަތޭކަ މިލިއަން މާކްސް އޮތަސް އެއް ފަހަރާ އެތައް ބަޔަކު މާސްކް ގަންނަންޏާ އެންމެ ބޭނުންތެރި މިހާއަށް އެއެއް ނުލިބޭނެ." އަމްރު ވިދާޅުވި އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޑޮކްޓަރުން ބުނީ ރާއްޖެއިން ކޮރޯނާ ވައިރަސް ފެނިފައިވާތީ އެހެން ރަށަކުން ފެނުން ވެސް ވަރަށް ގާތް ކަމަށެވެ. އެހެންކަމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން އަތް ދޮވުމާއި ސާފުތާހިރުކަމަށް އިސްކަން ދިނުމަށް އެދުނެވެ. ޑޮކްޓަރުން ވަނީ ހުން އަންނަނަމަ ޑޮކްޓަރަށް ދެއްކުމަށް ވެސް އެދިފަ އެވެ. އަދި އެފަދަ މީހުން މާސްކު އެޅުމަށް ވެސް އިލްތިމާސްކުރި އެވެ. ޑޮކްޓަރުން ބުނި ގޮތުގައި މާސްކު އެންމެން އެޅުން މުހިންމެއް ނޫނެވެ.