ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަޅަންޖެހޭ ފިޔަވަޅުތަކާމެދު ކެބިނެޓްގައި މަޝްވަރާކޮށްފި

Mar 8, 2020
5

ކޮވިޑް-19 އަށް ރާއްޖެއިން ދެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، މިހާރުން މިހާރަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ މުހިއްމު ކަންކަމާ ބެހޭ ގޮތުން ކެބިނެޓްގައި މިރޭ މަޝްވަރާ ކުރައްވައިފިއެވެ.

ކޮވިޑް-19އަށް ރާއްޖެއިން ދެ މީހަކު ޕޮޒިޓިވްވިކަން ސަރުކާރުން މިރޭ އިއުލާން ކުރިތާ މާގިނައިރުތަކެއްނުވެ މުލީއާގޭގައި ބޭއްވެވި ކެބިނެޓްގެ ކުއްލި ޖަލްސާ ފަށްޓަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އެންމެ ފުރަތަމަ ވެސް އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނާ ހަމައަށް މި ޚަބަރު ގެނެސްދެއްވައި، ކަމުގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި މި ވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރެއްވުމުގެ ވަގުތު ކަމަށާއި، އެންމެ ބޮޑު ސަމާލުކަމެއް މިދެއްވަނީ މި ބަލިން ރައްޔިތުން ސަލާމަތްކުރެއްވުމަށް އަޅުއްވަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މިރޭ ބޭއްވެވި ކެބިނެޓްގެ ކުއްލި ޖަލްސާގައި، ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރެމުން ހިނގައިދާނެތީ، މިހާރުން މިހާރަށް ކަންކަން ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި މިވަގުތަށް އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކުގެ ތެރޭގައި ގިނަ މީހުން ބައިވެރިވާ ގޮތަށް ބާއްވާ އެއްވުންތައް މަދުކޮށް، ވީހާވެސް ހަރަދުތައް ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭކަން މެންބަރުން ފާހަގަކުރެއްވިއެވެ.

އަދި އިގުތިސޯދީ ގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރެއްވިދާނެ ކަންކަމުގެ ލަފާ ހޯއްދަވައި، އެޅުއްވުދާނެ ފިޔަވަޅުތަކާމެދު ވެސް މަޝްވަރާކުރެއްވިއެވެ. ހަމައެއާއެކު ރައްޔިތުންނަށް ދަތިނުވެ، ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި ބޭސް ލިބޭނެ އިންތިޒާމުތައްވެސް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވާތީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު ކާޑުގެ ބާވަތްތަކާއި ކާބޯތަކެއްޗާއި ބޭސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ކަށަވަރުކުރުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް މެންބަރުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

އެ ދެ މީހުންނަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ޓޫރިސްޓް ކޮންޓެކްޓްވީ މީހުން ހޯދައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށް ދިޔަ އިޓަލީ މީހާގެ ފަރާތުން ކޮރޯނާ ފެނުމާ ގުޅިގެން ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. އިޓަލީ މީހުން ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ވ. ތިނަދޫގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ މީހެއްގެ ފަރާތުން ވެސް ކޮރޯނާގެ އަލާމާތްތައް ފެނުނެވެ. އެމީހާގެ ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އޭނާ ވައިރަހަށް ނެގަޓިވް އެވެ. އޭނާ އަދިވެސް ހުރީ ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ފަރާތުން އަލާމާތް އަދިވެސް ފެންނާތީ 24 ގަޑިއިރު ފަހުން އިތުރު ޓެސްޓް ހެދުމަށް ވަނީ ނިންމާފަ އެވެ.

މިއަދުގެ ވަގުތެއްގައި ސަމާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފްރާންސްގެ ދެ މީހެއްގެ ފަރާތުން ވެސް ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނުމާ ގުޅިގެން އެ ދެ މީހުން ކަރަންޓީނުކުރި އެވެ. އަދި އެ ރަށުގެ މުވައްޒަފުންތަކެއް ވެސް ކަރަންޓީނަށް ގެނަ އެވެ. ނަމަވެސް އެ އެންމެންގެ ވެސް ޓެސްޓްގެ ނަތީޖާ ވަނީ ނެގަޓިވްވެފަ އެވެ.

މީގެއިތުރުން ބަތަލާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ މީހެއްގެ ފަރާތުން ވެސް ވަނީ ވައިރަހުގެ އަލާމާތްތައް ފެނިފަ އެވެ. އެހެންވެ އެ މީހާ ކަރަންޓީނުކޮށް ރަށް ވަނީ ލޮކްޑައުންކޮށްފަ އެވެ.