ހޮލީވުޑް

ބޮކްސް އޮފީހުގައި "ޖުރެސިކް ވޯލްޑް" އަށް އެއް ބިލިއަން ޑޮލަރު

އެހެންވީމަ ބޮކްސް އޮފީހުގައި "ޖުރެސިކް ވޯލްޑް" ގެ ކާމިޔާބީ ޑައިނަސޯއެއްގެ ސައިޒު ވެސް ފަހަނަޅައި ދިޔައީއެއް ނޫން ހެއްޔެވެ؟ އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި މި ފިލްމަށް ލިބުނު ފައިސާގެ އަދަދު އެއް ބިލިއަން ޑޮލަރަށް އެރީ އެވެ.

މިއީ މި ޝަރަފް ހޯދި ހަތަރު ވަނަ ފިލްމެވެ. މީގެ ކުރިން އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ފަހަނަޅައި ގޮސްފައިވާ ފިލްމުތަކަކީ "އެވަޓާ" އާއި "ޓައިޓޭނިކް" އަދި "ފިއުރިސް 7" އެވެ. މި ފިލްމުތަކަށް ބަލާއިރު އަދިވެސް އެންމެ ބޮޑު ކާމިޔާބީއެއް ހޯދައިގެން ކުރީގައި އުޅެނީ ޖޭމްސް ކެމަރަންގެ ދެ ފިލްމު ކަމުގައިވާ "އެވަޓާ" އާއި "ޓައިޓޭނިކް" އެވެ.

"އެވަޓާ" ގެ ބޮކްސް އޮފީސް ޖުމްލަ ދެ ބިލިއަން ޑޮލަރަށް އަރަ އެވެ.

އެކްޓަރު ކްރިސް ޕްރެޓް ލީޑް ރޯލުކުޅެފައިވާ "ޖުރެސިކް ވޯލްޑް" ގެ ޖުމްލަ މިހާރު ވަނީ 1.65 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މި ފިލްމަށް ވަނީ އުތުރު އެމެރިކާގެ ބޮކްސް އޮފީހުން އެކަނި ވެސް 646 މިލިއަން ޑޮލަރު ލިބިފަ އެވެ.

މި ކާމިޔާބީއާ އެކު "ޖުރެސިކް ވޯލްޑް" އަކީ މިއަދުގެ އެންމެ ކާމިޔާބު ފިލްމެވެ. މި ފިލްމުގެ ޝޯތައް އުތުރު އެމެރިކާގައި ފެށީ ވެސް 208.8 މިލިއަން ޑޮލަރުގެ ޓިކެޓް ވިއްކައިގެން ރިކޯޑަކާ އެކުގަ އެވެ.

މި ފިލްމު އެއް ބިލިއަން ޑޮލަރު ހަމަކުރީ އެންމެ 13 ދުވަސް ތެރޭގަ އެވެ.

"ޖުރެސިކް ވޯލްޑް" ގެ މި ބޮޑު ކާމިޔާބީގެ ތެރެއިން މި ފިލްމުގެ ފަހަތުގައި އޮތް ޔުނިވާސަލްގެ ކާމިޔާބީވެސް ފާހަގަކޮށްލެވެ އެވެ. އެމީހުންނަށް މި އަހަރަކީ ބޮޑު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ބޮކްސް އޮފީހުން ނެގި ޖުމްލަ ފައިސާގެ އަދަދު ކަމުގައިވާ 5.53 ބިލިއަން ޑޮލަރުގެ ރިކޯޑް އެމީހުން ވަނީ މި އަހަރު ހަ ބިލިއަން ޑޮލަރާ އެކު މުގުރާލައިފަ އެވެ.

އެމީހުންގެ "ޖުރެސިކް ޕާޚް" އާއި "ފިއުރިއަސް 7" އަދި "މިނިއަންސް" ވެސް ވަނީ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ގިނައިން ފައިސާ ނަގައިފަ އެވެ.

ޔުނިވާސަލް އިން މިހާރު ތައްޔާރުވަމުން ދަނީ 2018 ވަނަ އަހަރު "ޖުރެސިކް ވޯލްޑް" ސީކުއެލްއެއް ގެނެސްދިނުމަށެވެ.