ދިޝާ ޕަޓްނީ

ޓައިގާއާއެކު އިތުރު ފިލްމެއްގެ ފުރުސަތު ދިޝާއަށް

ދިޝާ ޕަޓްނީ ބޮލީވުޑަށް ނުކުންނަން ހަމަޖެހިފައި އޮތީ ވެސް އޭނާގެ ހަގީގީ ލޯބިވެރިޔާ ކަމަށް ބުނެވޭ ޓައިގާ ޝްރޮފް އާއެކު 2014 ގައި ރިލީޒްކުރި "ހީރޯޕަންތީ" އިންނެވެ. ނަމަވެސް ތަގްދީރު ނިޔާ ކުރި ގޮތުން އެ ފިލްމު ދިޝާއަށް ލިބޭ ގޮތެއް ނުވި އެވެ. އެ ފިލްމު ކުޅުނީ ކްރީތީ ސެނޯން އެވެ. ނަމަވެސް މިހާރު "ހީރޯޕަންތީ 2" ގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިޝާ އަށް ވަނީ ލިބިފަ އެވެ.

މި ފިލްމުގެ މައުލޫމާތު އެނގޭ މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ޓައިގާގެ އެންމެ ފަހުން ނުކުތް "ބާޣީ 3"ގައި އައިޓަމް ލަވައެއް ކުޅެން ދިޝާ އެއްބަސްވީ ވެސް "ހީރޯޕަންތީ 2" ގައި ޓައިގާ އާއެކު ފުރިހަމަ ރޯލެއް ކުޅެން ލިބުން ޝަރުތުކޮށްފަ އެވެ.

ދިޝާ ފިލްމީ ކެރިއަރު ފެށީއްސުރެ އޭނާގެ ފިލްމުތަކަށް ރަނގަޅު ކާމިޔާބުތަކެއް ލިބެމުންދާތީ މިހާރު ދިޝާއަކީ ގިނަ ބަޔެއްގެ ފޭވަރިޓް ބަތަލާއަށް ވަނީ ވެފަ އެވެ.

ސަލްމާން ޚާންގެ "ބާރަތު"ގައި ވަރަށް ކުޑަ ރޯލެއް ދިޝާ ކުޅެން އެއްބަސްވުމުގެ ސަބަބުން ސަލްމާންގެ އާ ފިލްމު "ރާދޭ"ގެ ބަތަލާކަން އޭނާއަށް ވަނީ ލިބިފަ އެވެ. އަދި އޭނާގެ އެންމެ ފަހުގެ ފިލްމު "މަލަންގް" އަށް ވެސް ހީނުކުރާ ވަރުގެ ކާމިޔާބެއް ވަނީ ލިބިފަ އެވެ.

ޓައިގާ އާއި ދިޝާ މީގެ ކުރިން ވަނީ "ބާޣީ 2"ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. މި ފިލްމު ފެށޭ ގޮތް ވެއްޖެނަމަ މިއީ ޓައިގާ އާއެކު ދިޝާ ކުޅޭ ދެ ވަނަ ފިލްމަށް ވާނެ އެވެ.