ރުތު ބްރަޔަންގެ 100 ވަނަ އުފަން ދުވަހު އޭނާ މަރުވުމުގެ ކުރިން ކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓު ނުވަތަ ބަކެޓް ލިސްޓުގައި ހިމެނޭ ވަރަށް މުހިއްމު އެއް ކަމެއް ވަނީ ކުރެވި އެ އައިޓައިމްގައި ރަނގަޅު ފާހަގަ ލުމުގެ ފުރުސަތު ލިބިފަ އެވެ. އެއީ ޖަލަށް ދިއުމެވެ.
މިއީ އޭނާގެ 100 ވަނަ އުފަން ދުވަހު އޭނާ ކުރަން އެންމެ ބޭނުންވީ ކަންތައް ވެސް މެއެވެ. އެހެންވެ މިކަން އޭނާއަށް ފުރިހަމަ ކޮށްދިނުމަށް އެ ސަރަހައްދުގެ ކައުންޓީ ޝެރިފްގެ އޮފީހުން ވަނީ އެހީތެރިވެދީފަ އެވެ.
ރުތު ބޭނުންވީ ގޮތަށް އޭނާ ދިރިއުޅެމުން އައި މުސްކުޅިން ތިބޭ ގެޔަށް ގޮސް ދެ ޑެޕިއުޓީއަކު ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ރުތުގެ ކުށެއް ކަމަށް ވަނީ އައުރަ ކަޝްފު ކުރަން ނުވާ ވަރަށް ކަޝްފު ކުރުމެވެ.
ދެ ޑެޕިއުޓީން ވެގެން ރުތުގެ އަތުގައި ގައި ބިޑިއެޅުވީ އޭނާ ހިނގުމަށް އެހީތެރިވުމަށް ގެންގުޅޭ ވޯކާއާ އެކުގަ އެވެ. އަދި ޕެޓްރޯލް ކާރަށް ލައިގެން ސައިރަން އަޅާފައި ބޮކިތައް ދިއްލަމުން ވަރަށް ބާރަށް އޭނާ ގޮވައިގެން ޕޮލިސް ސްޓޭޝަނަށް ދަތުރު ފެށި އެވެ. ޕޮލިސް ކާރަށް އެރުވުމުގެ ކުރިން ގަދަ ނުހެދުމަށް އޭނާ ކައިރީގައި ޑެޕިއުޓީން ބުނުމުން މަޖާވެފައި އެމީހުންގެ ގައިގައި ޖަހައި ގަދަ ހަދާ ކަމަށް ވެސް ރުތު ހަދާލި އެވެ.
"އަހަރެންގެ ގައިގައި ނުޖަހާތި. އަހަރެންގެ އެއް ކަކުލަކަށް ވަރަށް ތަދުވޭ،" އެއް ޑެޕިއުޓީއަކު ބުނުމުން ޖަވާބުގައި ރުތު ބުނީ އޭނާގެ ދެ ކަކޫވެސް ހަލާކުވެފައިވާ ކަމަށެވެ.
ރުތު ގަދަކަމުން ޕެޓްރޯލް ކާރުން ފައިބައިގެން ފިލަން އުޅޭ ގޮތަށް ވެސް ހެދި އެވެ. އެހެން ކުށްވެރިޔަކު ހައްޔަރު ކުރަން ދާށޭ ކިޔާފަ އެވެ.
ކާރަށް އަރާފައި އޭގެ ސީޓުތައް ތިރިކަމުން ރުތު މައްސަލަ ޖެއްސި އެވެ. އެހާ ތިރިކޮށް ކާރުގެ ސީޓުތައް ހަދާ އެންމެން ހައްޔަރު ކުރާށޭ ދެން އޭނާ ބުންޏެވެ.
ޖަލަށް ގެންދިއުމަށްފަހު ވެސް ރުތު އާ ދޭތެރޭ ކަންތައް ކުރީ އެހެނިހެން ކުށްވެރިންނާ ދޭތެރޭ ވެސް ކަންތައް ކުރާ ގޮތަށެވެ. މަގްޝޮޓް ނަގައި ޖަލު ގޮޅީގައި ވެސް އޭނާ ވަގުތުކޮޅެއް ހޭދަކުރި އެވެ. އަދި ޖަލު މީހުން ލާ "ޕާސަން ކައުންޓި ޖެއިލް" ޖަހާފައި އޮރެންޖް ހެދުން ވެސް އޭނާ ލި އެވެ. އެންމެ ފަހުން ޖަލަށް އާދެވިއްޖެކަމަށް އެތަނުގައި އިނދެ ވަރަށް އުފާވެފައި ރުތު ބުންޏެވެ.
އިރުކޮޅެއް ފަހުން ޖަލުން މިނިވަން ވުމުން ރުތު އެނބުރި އޭނާ ދިރިއުޅޭ ސެންޓަރަށް ގޮސް އެތާނގައި ތިބި މީހުންނާއެކު ޕާޓީ ބާއްވައި ކޭކު ފަޅައި ހެދި އެވެ.