ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮރޯނާ ވައިރަސް

ކޮރޯނާއާ ގުޅިގެން އެމްއެންޔޫގެ ގްރެޖުއޭޝަން ފަސްކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ނުވަތަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ގްރެޖުއޭޝަން ރަސްމިއްޔާތު ފަސްކޮށްފި އެވެ.

އެމްއެންޔޫ އިން މި އަހަރު ދަސްވެނެވިފައިވާ ދަރިވަރުންގެ ގްރެޖުއޭޝަން ބޭއްވުމަށް ހަމަޖެހިފައި އޮތީ މިރެއަށެވެ. އެކަމަކު ރާއްޖޭން ކޮރޯނާ ވައިރަސް ފެނުމާ ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ގްރެޖުއޭޝަން ފަސްކޮށްފައިވާ ކަމަށް ބުންޏެވެ. އަދި ގްރެޖުއޭޝަން ފަސް ކުރެވިފައިވާ ކަން ދަރިވަރުންނަށް ގެންދަނީ އަންގަމުންނެވެ.

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ދެ މީހަކު ވަނީ ރާއްޖޭން ފެނިފަ އެވެ. ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނު ކޮށްފަ އެވެ. އަދި ކުރެއްދޫ ވަނީ ލޮކްޑައުންކޮށްފަ އެވެ.

އެ ދެ މީހުންނަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ. ސަރުކާރުން މިހާރު ގެންދަނީ އެ ޓޫރިސްޓް ކޮންޓެކްޓްވީ މީހުން ހޯދައި ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

މީގެ އިތުރުން ވ. ތިނަދޫން ވެސް ޓޫރިސްޓަކަށް ޝައްކު ކުރެވިގެން ކަރަންޓީނު ކޮށްފައިވެ އެވެ. އޭނާ ޓެސްޓް ކުރިއިރު ކޮރޯނާއަށް ނެގެޓިވް އެވެ. ސަމާ އައިލެންޑް ރިސޯޓްގައި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ޓެސްޓްތައް ހެދި ހަތް މީހުންގެ ނަތީޖާ ވެސް ނެގެޓިވް އެވެ.

ބަތަލާ އައިލެންޑް ރިސޯޓް އިން މީހަކަށް ޝައްކު ކުރެވިގެން ކަރަންޓީނަށް ގެންދިޔައިރު، އޭނާގެ ނަތީޖާ އަދި ނުލިބެ އެވެ. ބަތަލާ ރިސޯޓް މިހާރު އޮތީ ލޮކްޑައުންކޮށްފަ އެވެ.